ވިޔަފާރި

ޓެކްސް ނިޒާމު "ނިއުޅާލައި" މައްސަލަތައް ފެންމަތިކޮށްފި

ވިޔަފާރިތަކަށް ކުރިމަތިވާ މައްސަލަތައް ހޯދުމަށް ބާއްވާ ފޯރަމްގައި ޓެކްސް ނިޒާމުގައި ހުރި ގިނަ މައްސަލަތައް "ނިއުޅާލައި" ގިނަ މައްސަލަތަކެއް ފެންމަތިކޮށްފި އެވެ.

ދަރުބާރުގޭގައި އިއްޔެ އިން ފެށިގެން ކުރިއަށްދާ ބިޒްނަސް ކޮންވެންޝަންގައި "ޓެކްސް ނިޒާމުގައި ހުރި މައްސަލަތަކާ" ބެހޭ ގޮތުން ދިން ޕްރެޒެންޓޭޝަންގައި ސީޓީއެލް ސްޓްރެޓަޖީޒްގެ ސީނިއަ ކައުންސިލް އަބްދުﷲ ވާރިސް ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތައް ހުރި ގޮތުން ރާއްޖޭގެ ޓެކްސް ނިޒާމަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ.

"ވަރަށް ގިނަ މައްސަލަ އެބަހުރި. މިކަމާ ބެހޭ ގޮތުން ވަކި ކޮންފަރެންސެއް ބާއްވައިގެން ދެ ދުވަހު ގެންދިޔަނަމަވެސް ނުނިމޭހާ ގިނަ މައްސަލަ އެބަހުރި،" ޓެކުސްއާ ގުޅޭ މައްސަލަތަކުގައި ލޯކަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ވާރިސް ވިދާޅުވި އެވެ.

ޓެކްސްގެ މައްސަލަތަކުގައި ގިނަ ކުންފުނިތަކަށް ކޮންސެލްޓެންސީ ދެމުންގެންދާ ސީޓީއެލް ސްޓްރެޓަޖީޒް އިން ދިން ޕްރެޒެންޓޭޝަންގައި މައިގަނޑު ފަސް ކަމެއް ފާހަގަ ކޮށްފައިވެ އެވެ.

ޓެކްސް ނިޒާމަށް ހޭލުންތެރިކަން ކުޑަ!

ވާރިސް ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ޓެކްސް ނިޒާމަކީ "ކޮމްޕްލިކޭޓެޑް" ސިސްޓަމެއް ކަމަށެވެ. ނަމަވެސް ރާއްޖެ އަށް މައްސަލަ ދިމާވި މައިގަނޑު ސަބަބަކީ 2010 ގައި މި ނިޒާމު ގެނައުމަށްފަހު ކުރު މުއްދަތެއް ދިނުމާއި ރައްޔިތުން ހޭލުންތެރި ނުކުރެވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ޓެކްސް ނިޒާމު ވަރަށް ޔަންގް. މި ނިޒާމު ދެހާސް ދިހަވަނަ އަހަރު އައުމަށްފަހު އެންމެ ފުރަތަމަ ޖެހުުނު މައްސަލައަކީ އެކަށީގެންވާ ވަގުތު ނުލިބުން. ޖީއެސްޓީ ގާނޫނު އައުމަށްފަހު މި ލިބުނީ އެންމެ 30 ދުވަސް. ދެން ވިސްނާލައްވާ. ބާރަހާސް ވިޔަފާރި އޮންނައިރު، ޓެކްސް ގާނޫނުތައް މިއޮތީ ވަރަށް ސެންޓްރަލްކޮށް ސީދާ މާލެއަށް ކަހަލަ ގޮތަކަށް. ރާއްޖޭގެ ރަށްތަކުގެ މީހުންނަށް މިކަން ކުރާނެ ގޮތެއް ނޭނގެ. ކުރެވޭނެ ގޮތެއް ނޭނގެ. މައުލޫމާތު ދޭން ދިޔަ މީހުންނަށްވެސް މައްސަލަ އެބައުޅޭ،" ވާރިސް ވިދާޅުވި އެވެ.

ވާރިސް އިތުރަށް ވިދާޅުވީ ރައްޔިތުން މަޖިލީހުން ފާސްކުރާ ގާނޫނަކުން ނޫނީ ޓެކްސްގެ ގޮތުގައި އެއްވެސް އެއްޗެއް ނުނެގޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވީ ނަމަވެސް މީރާއިން ނެރޭ ޓެކްސް ރޫލިންތަކުގެ ސަބަބުން ބޮޑެތި ދަތިތަކެއް ވިޔަފާރިވެރިންނަށް ކުރިމަތިލާވަން ފާހަގަ ކުރެވޭ ކަމަށެވެ.

"އެއް ދުވަހު ހުންނަ ގަވާއިދުތައް އަނެއް ދުވަހު އެބަ ބަދަލުވޭ. ރޫލިންގްތައް ވަރަށް ގިނައިން އާދެ. މިހެންވުމުން ސްލޯމް މީޑިއަމް އެންޓަޕްރައިސް އަށް ވަަރަށް ދަތިވޭ. ގިނަ މީހުންނަކީ އެކައުންޓެންޓުން ގެންގުޅޭ ބައެއް ނޫން،" ވާރިސް ވިދާޅުވި އެވެ.

އެއް ދުވަހު ހުންނަ ގަވާއިދުތައް އަނެއް ދުވަހު އެބަ ބަދަލުވޭ. ރޫލިންގްތައް ވަރަށް ގިނައިން އާދެ. މިހެންވުމުން ސްލޯމް މީޑިއަމް އެންޓަޕްރައިސް އަށް ވަަރަށް ދަތިވޭ. ގިނަ މީހުންނަކީ އެކައުންޓެންޓުން ގެންގުޅޭ ބައެއް ނޫން
އަހުމަދު ވާރިސް | ސީޓީއެލް

އޭނާ ވިދާޅުވީ މީގެ އިތުރުން "ކޮމްޕްލެއިން ކޮސްޓް ހައި" ވުމުގެ ސަބަބުން ވެސް ގިނަ ވިޔަފާރިތަކަށް ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ.

"އެސްއެމްއީސް އަށް ދެތިން މީހަކު ގުޅިގެން ވިޔަފާރި މިކުރަނީ. ހުރިހާކަމެއް މި ކުރަނީ އެމީހުން. މިހެން އޮއްވައި ކުއާޓަލީ ރިޓާން ފައިލް ކުރުމާއި ފައިނޭންޝަލްސް ޕްރިޕެއާ ކުރުމަށްވެސް ދަތިވޭ،" ވާރިސް ވިދާޅުވި އެވެ.

އެސްއެމްއީ އަށް ހާއްސަ ނިޒާމެއް ބޭނުންވޭ!

ވާރިސް ވިދާޅުވީ މިހާރު ޓެކްސް ނިޒާމު އޮތް ގޮތުން ކުދި އަދި ވިޔަފާރިތަކަށް ޓެކްސް ނިޒާމުގެ ތެރެއިން ބޮޑެތި ވިޔަފާރިތަކާ ހިލާފަށް ތަފާތު ގާނޫނުތަކެއް ބޭނުންވާ ކަމަށެވެ.

"ޓެކްސްއާ ގުޅިގެން ވަކި ނިޒާމެއް އޮވޭ ގާއިމް ކުރެވިފައި. މި ނިޒާމު މަސައްކަތް ކުރާނީ މީރާއިން ނިންމާ ނިންމުމަކާ މެދު އިއުތިރާޒު ކުރެވެން އޮވޭ. މި ނިޒާމު ހިނގާ ގޮތެއް ނޭނގޭ،" ވާރިސް ވިދާޅުވި އެވެ.

ޓެކްސް އެޕީލް ކުރާކަށް ނޭނގެ

ގިނަ ވިޔަފާރިވެރިން ހޭލުންތެރި ކުރުވަން އެ ކުންފުނިން ކުރި މަސައްކަތްތަކާ ބެހޭ ގޮތުން ވާރިސް ވިދާޅުވީ މީރާއިން ނިންމާ ނިންމުމާމެދު ޗެލެންޖުކުރަން ހަދާނެ ގޮތެއްވެސް ކުދި ގިނަ ވިޔަފާރިތަކަށް ނޭނގޭ ކަމަށެވެ. އަދި އެކަން ނޭނގުމުގެ ސަބަބުން މީރާގެ ނިންމުން ޓްރައިބިއުނަލްއާ ހަމައަށް ނުގޮސް ފައިސާ ނުދެއްކި ބައެއް ވިޔަފާރިތައް ބަނގޫތުވެފައި ވެސް އެބަހުރި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"އޮޑިޓް ކުރާނަމަ މީރާ އިން ފުރަތަމަ ޖެހޭނީ އޮޑިޓް ނޯޓިސްއެއް ފޮނުވަން. އެ ނޯޓިސްގައި އިންނަ މުއްދަތުގެ ތެރޭގައި އޮޑިޓް ކުރުމަށްފަހު އަދަދު ކަނޑައަޅަނީ. އެ އަދާމެދު ހިތްހަމަ ނުޖެހޭނަމަ ޓެކްސް ދައްކާ ފަރާތައް ބުނެވޭނެ މީރާއިން ހިސާބު ހެދީ ރަނގަޅަކަށް ނޫނީ. އެހެންވެއްޖެނަމަ 30 ދުވަހުގެ ތެރޭގައި އިއުތިޒާރު ކުރަން ޖެހޭ. މީރާއިން ނިންމުމުން ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް އެޕީލް ކުރެވޭނީ،" ވާރިސް ވިދާޅުވި އެވެ.