ހަބަރު

މެޖޯރިޓީ މުހިންމީ ކޯލިޝަނަށް، ވަކި ޕާޓީއަކަށް ނޫން: މައުމޫން

އަންނަ ރައްޔިތުންގެ މަޖިލީހުގައި ވަކި ޕާޓީއަކަށް މެޖޯރިޓީ ދިނުން މުހިންމު ނޫން ކަމަށާއި ނަމަވެސް ހޮވަންވީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ޕާޓީތަކުގެ މެންބަރުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހެންވޭރު އުތުރު ދާއިރާއަށް ރައީސް މައުމޫންގެ ތާއިދާއެކު ވާދަ ކުރައްވައި އިބްރާހިމް ޒިޔަތުގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ކޮރަޕްޝަނުން ރާއްޖެ ސަލާމަތްކޮށް އިސްލާހުގެ މަގަށް ރާއްޖެ ގެންދިޔުމަކީ އަމާޒު ކަމަށެވެ.

"އެގޮތުން ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެންގެ ތާއިދާއެކީގައި، އެމްއާރްއެމްގެ ތާއިދާއެކީގައި ކުރިމަތިލައްވާ ހުރިހާ ބޭފުޅުން ވެސް އެ ކުރިމަތިލައްވަނީ މި އިސްލާހީ މަސައްކަތުގައި ބައިވެރިވުމަށް، މިއީ ވަރަށް މުހިންމު ކަމެއް،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ވަރަށް މުހިންމު އިދާރާއެއް ކަމަށާއި ބޮޑު މަސްއޫލިއްޔަތެއް އެޅިފައިވާ ތަނެއް ކަމަށެވެ. އެހެންކަމުން އެ ތަނުގައި ތިއްބަވަން ޖެހެނީ ގައުމަށް ވަފާތެރި ބައެއް ކަމަށެވެ. ރައްޔިތުންގެ ޝުއޫރުތައް އެނގޭ، އުއްމީދުތައް ހާސިލްކޮށްދޭނެ ބައެއް ކަމަށެވެ.

"އެފަދަ މަޖިލީހެއް ގާއިމުކުރުމަކީ އެމްއާރްއެމްގެ އެންމެ ބޮޑު އަމާޒު، އެކަމަށްޓަކައި އަޅުގަނޑުމެންގެ ތާއިދާއެކު ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުން އެ އުޅުއްވަނީ،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ މަޖިލީހުގެ 87 ގޮނޑިއަށް ވެސް ހޮވަން ބޭނުން ވަނީ ވަފާތެރި މެންބަރުން ކަމަށެވެ. އެއީ އެމްއާރްއެމްގެ މެންބަރުންނަށް ނުވި ކަމުގައިވިޔަސް އެމަނިކުފާނު ބޭނުންފުޅު ވަނީ އެއީ ކޯލިޝަންގެ ހަތަރު ޕާޓީއިން ކުރެ ކޮންމެ ވެސް ޕާޓީއެއްގެ މެންބަރުންނަށްވުން ކަމަށް ވިދާޅުވި އެވެ.

"ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބުން މުހިންމެއް ނޫން، އެހެންނަމަވެސް އަޅުގަނޑުމެންގެ ކޯލިޝަންގައި މި ހިމެނޭ ހަތަރު ޕާޓީއަށް މެޖޯރިޓީ ލިބިއްޖެނަމަ ސަރުކާރުން ބޭނުންވާ ކަންކަން ކުރުމަށް މަގުފަހިވެގެން ދާނެ، މިހާރު ވެސް ތިޔަ ބޭފުޅުންނަށް ފެންނާނެ ރައްޔިތުންގެ މަޖިލީހުގައި ކަންތައްތައް ހިނގަމުންދާ ގޮތް، ސަރުކާރުން ބޭނުންވާ ބައެއް ކަންކަން ނުވެ ލަސްވަމުން މިދަނީ،" ރައީސް މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު އިޝާރަތް ކުރެއްވީ ކޮރަޕްޝަނާއި މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ކޮމިޝަނަށް ބާރު ދޭ ބިލް މަޖިލީހުން ފާސް ނުވެ އޮތް މައްސަލައަށެވެ. އެކަމަށް މަޖިލީހުގެ ކޯރަމް ހަމަނުވާއިރު ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން މަޖިލީހަށް ވަޑައިނުގަންނަވަ އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ އެ ބިލް ފާސްކުރުން މަޑުޖައްސާލައި އެޖެންޑާއިން ނަންގަވާފަ އެވެ. އެގޮތަށް އަމަލު ކުރެއްވީ އެ ރިޕޯޓާ ގުޅޭ ގޮތުން ކޮމެޓީގެ ބައެއް މެންބަރުން ޝަކުވާ ހުށަހަޅާފައިވާ ކަމަށް ވިދާޅުވެ އެވެ.

"މިއީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން، އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން، ރައްޔިތުން ވެސް ބޭނުންވާ ގޮތެއް ނޫން، މިގޮތަށް ކަންތައްތައް ހިނގައިގެން ނުވާނެ، އެހެންވީމަ އަޅުގަނޑުމެންގެ ބޭނުމަކީ ރައްޔިތުން ބާރުވެރިކުރުވުން، ރައްޔިތުން ބާރުވެރި ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ފުރިހަމަ ބާރާއި އިހްތިޔާރުތައް ލިބިގެން އަދި އެތަނަކީ ޒިންމާދާރު ޖަވާބުދާރީވާ ތަނަކަށް ވެގެން، މިހާރު އެކަން ވަރަށް ކުޑަ،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ޒިންމާދާރުވާ، ޖަވާބުދާރީވާ ތަނަކަށް ހެދުމަކީ ވެސް ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. މަޖިލިސް މެންބަރުންނަކީ ޖަލްސާތަކަށް ހާޒިރުވެ ހުށަހެޅޭ ބިލްތަކަށް ބަހުސްކޮށް، ކޮމެޓީގައި މަސައްކަތްތައް ކުރައްވަން ޖެހޭނެ ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.