ހަބަރު

މަގު ހުރަސް ކުރަނިކޮށް މާބަނޑު އަންހެނަކު އެކްސިޑެންޓް ވެއްޖެ

މާބަނޑު އަންހެނަކު މަގު ހުރަސް ކުރަނިކޮށް އެކްސިޑެންޓް ވެއްޖެ އެވެ.

ފުލުހުން ބުނީ، ހުޅުމާލޭގައި މާބަނޑު އަންހެނަކު އެކްސިޑެންޓްވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ. އެކްސިޑެންޓް ހިނގި ގޮތެއް ވެސް ސާފެއް ނުވެ އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ 31 އަހަރުގެ އަންހެނަކު އެކްސިޑެންޓް ވެގެން އެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ. އޭނާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އެ ނޫން ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ މަހުގެ މެދުތެރޭގައި ވެސް ވަނީ ސެނެހިޔާ ކައިރީ ރިންގްރޯޑްގެ ކަފިހިހުރެއްގެ މަތިން މަގު ހުރަސް ކުރަނިކޮށް ކާރަކުންޖެހި އެކްސިޑެންޓްވެ ދެ މީހަކަށް އަނިޔާވެފަ އެވެ. އޭގެ ތެރެއިން އެކަކަށް އަދިވެސް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އެ ކާރު ދުއްވަން އިން ޑްރައިވަރުގެ ލައިސަންސް ވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ދެ އަހަރަށް ހިފަހައްޓާފަ އެވެ.