ރާއްޖެއަށް ޒިޔާރަތް ޓޫރިސްޓުން ރާއްޖެއާމެދު ދެކޭ ގޮތް ބަލަން ހަދާ "މޯލްޑިވްސް ވިޒިޓާސް ސާވޭ" ކޮށްދޭނެ ފަރާތެއް ހޯދަން ޓޫރިޒަމް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.
"މޯލްޑިވްސް ވިޒިޓާސް ސާވޭ" ކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން މި ސާވޭއަކީ ޓޫރިސްޓުން ރާއްޖެ އާއި ރާއްޖެ އިން ލިބެން ހުރި ހިދުމަތްތަކާމެދު ދެކޭ ގޮތާއި މިނޫން ވެސް ޓޫރިސްޓުންނާ ގުޅުންހުރި މިފަދަ މުހިންމު ގިނަ މައުލޫމާތުތަކެއް ހޯދުމަށް އަހަރަކު ތިން ފަހަރު މަތިން ތިން އަހަރުގެ މުއްދަތަކަށް ރޭވިގެން ކުރިއަށް ގެންދާ ސާވޭއެއް ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން މި ސާވޭ ކުރުމަށްޓަކައި ނެރެފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު) ގައިވާ ގޮތުން މި ސާވޭ ކުރާނީ ރާއްޖެއަށް އަންނަ ޓޫރިސްޓުން ވާހަކަ ދައްކާ ބަސްބަހުންނެވެ.
އެގޮތުން ބޭރުގެ އަށް ބަހަކުން ސުވާލު ކަރުދާސް ތައްޔާރު ކުރަން ޖެހެ އެވެ. ސާވޭގެ ސުވާލު ކަރުދާސް ތައްޔާރުކުރާ ބަސްތަކުގެ ތެރޭގައި އިނގިރޭސި ބަހާއި އިޓަލީ އަދި ޖަރުމަނު ބަހާއި ފްރާންސް ބަސް އަދި ޖަޕާނު ބަހުގެ އިތުރުން ރާއްޖެއަށް އެންމެ ގިނަ މީހުން އަންނަ ޗައިޒް ބަހާއި ރަޝިއާ ބަހުގެ އިތުރުން އަރަބި ބަހުންނެވެ.
އެ މިނިސްޓްރީން ބުނީ މި ސާވޭ ކޮށްދޭން ބޭނުންވާ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންގެ ހިޔާލު ހޯދަން އެންމެ ފަހުން ސާވޭއެއް ކުރީ މީގެ ތިން އަހަރު ކުރިންނެވެ. މި ސާވޭއިން ދެއްކި ގޮތުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ 47 ޕަސެންޓް މީހުން ރާއްޖެ ހިޔާރު ކުރަނީ ރާއްޖޭގެ ރީތި ކަމުންނެވެ. އަދި ރާއްޖެ އަށް އަންނަ މީހުންގެ 53 ޕަސެންޓް މީހުންނަށް ރާއްޖެއާ ބެހޭ ގޮތުން މައުލޫމާތު ލިބެނީ އިންޓަނެޓް މެދުވެރިކޮށެވެ. އަދި ރާއްޖެ އަށް ޒިޔާރަތް ކުރާ މީހުންގެ 19 ޕަސެންޓް މީހުން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ރާއްޖެ އާދެ އެވެ.