ކޭ ޕާކް ރެސިޑެންސް

ކޭ ޕާކްގެ ފަހަތުގައި އެހުރީ ކާކު؟

Mar 5, 2019
8

މިއީ އަދި ކިޔައި ނުދީ އޮތް ވާހަކައެކެވެ؛ ރާއްޖޭގައި އެއް ފާޑަކަށް ހުންނަ ލަގްޒަރީ އެޕާޓްމަންޓް ބިލްޑިންގްތަކެއް މައްޗަށް އަަރަން ފެށިތާ އަހަރުތަކެއް ވެއްޖެ އެވެ. ލަގްޒަރީ އެޕާޓްމަންޓްތަކަށް ތަފާތެއް ގެނެސްދޭން ދެކުނު ކޮރެއާގެ ލަގްޒަރީ އެޕާޓްމެންޓްތަކުގެ އެންމެ މަތީ ފެންވަރާއި އެ ސްޓައިލް ސިކުނޑީގައި ބިނާކޮށް އެ ހިފައިގެން ދިވެހި ޒުވާނަކު ހުޅުމާލެއަށް އެރީ 2016 ވަނަ އަހަރު އެވެ. "ކޭޕާކް ރެސިޑެންސް" ގެ ނަމުގައި ހުޅުމާލޭގެ ސެންޓްރަލް ޕާކްގެ ކައިރިން 14 ބުރިއަށް އުފުލިފައި އެހަރަ ލަގްޒަރީ އެޕާޓްމަންޓް ބިލްޑިންގަކީ އާދައިގެ ކަމެއް އާދައިގެ ތަނެއް ވެސް ނޫނެވެ.

ހަގީގީ ލަގްޒަރީގެ ހުރިހާ ސިފައެއް ޖަމާކޮށް ހުރިހާ ޝަރުތެއް ފުރިހަމަ ކޮށްފައިވާ ކޭޕާކަކީ ދިވެހި އެ ޒުވާނާގެ އަތުގައި ހިފި ކޮރެއާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހަންބޯޓެކާއެކު އޭނާ ރާއްޖޭގެ ބިމުގައި އިންދި އިމާރާތެކެވެ. ކޭޕާކްުގެ ފަހަތުގައި މިހުރި ޒުވާނަކީ ކާކު ހެއްޔެވެ؟

ސިކުނޑީގައި ކޭޕާކް ބިނާ ކުރީ ކާކު؟

ހަސަން މަމްދޫހު (މަންޑޭ) އަކީ މިދިއަ އަށެއްކަ އަހަރުގެ ތެރޭގައި ސިޔާސީ މުޒާހަރާތަކާއި އެއްވުންތަކުގައި އެކްޓްވިޓެސްޓެއްގެ ގޮތު އަބަދު މަގުމަތީން ފެނުނު ޒުވާނެކެވެ. ރާއްޖޭގެ ސިޔާސީ ލޭންޑްސްކޭޕް ބަދަލު ކުރާ ސިޔާސީ ލީޑަރު، ގާސިމް އިބްރާހިމާ ގުޅޭ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން އޭނާ އަބަދު ފެނެ އެވެ. މިހާރު "ފުރާނަ އެޅެމުން" އަންނަ ހިތްގައިމު "ކޭޕާކް ރެސިޑެންސް" ކޮރެއާގެ މަހުޖަނަކާއެކު ހުޅުމާލޭގެ ބިމުގައި ރޭވި ވަރުގަދަ ސިކުނޑިއަކީ މަންޑޭއޭ ބުނީމާ ހައިރާނެއް ނުވޭ ހެއްޔެވެ؟ އަދި އެ ބިޔަ ބޮޑު ޕްރޮޖެކްޓް ބަލަންހައްޓަނީ މަންޑޭގެ ހަންބޯ ކޮމްޕެނީ އޭ ބުނީމާ ހައިރާނެއް ނުވޭ ހެއްޔެވެ؟

ކޭޕާކްގެ ބައެއް މައުލޫމާތު

  • އިމާރާތުގައި: 14 ފަންގިފިލާ
  • 110 އެޕާޓްމަންޓް ހުންނާނެ
  • ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހުރޭ
  • ކޭޕާކްގެ ބޮޑު މިނަކީ 21،000 އަކަފޫޓް
  • މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގައި
  • އެންމެ ތިރީ ބުރި ޕާކިންއަށް ހާއްސަ ވާނެ
  • ކާރު ޕާކް ކުރުމަށް ޖާގަ ގަނެވޭނެ
  • ފުރަތަމަ ދެ ބުރި ކޮމާޝަލް އެކްޓިވިޓީތަކަށް ހާއްސަ

ހައިރާން ވެގެން އެ ސުވާލު މަންޑޭއާ ކުރުމުން ފުރަތަމަ އަޅައެއް ނުލެއްވި އެވެ؛ ދެވަނަ ދުވަހެއްގައި އެ ސުވާލު ކުރުމުން އޭނާގެ ވޯކް ސައިޓްގައި އޮތް ހެލްމެޓެއް އަޅުއްވައި ކޭޕާކް އިމާރާތާ ދިމާއަށްވާ ހުއްޓި ވަޑައިގެންނެވި އެވެ. އަދި މިހެން ވިދާޅުވި އެވެ: "މޭން ބިހައިންޑް ދަ ކޭޕާކަކީ މިީއީ!" އެވެ. ކޭޕާކާ ގުޅިގެން އެއްވެސް ބަޔަކަށް ކިޔައި ނުދީ ހުރި ވާހަކަތައް މަންޑޭ ކިޔައިދޭން ފެއްޓެވީ އެ ދުވަހު އެ ހިސާބުންނެވެ.

"އެޕާޓްމަންޓެއް ކުއްޔަށް ހޯދަން އެއް ދުވަހަކު [ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ] ސަމްޕަތާއެކު ތަންތަނުގެ އަގު ބަލަން ނުކުމެ އުޅުނު އިރު އެއްވެސް ތަނެއް އަޅުގަނޑުގެ ބަޖެޓާ ދިމާވާ ގޮތެއް ނުވި. މުޅިން އަންނަނީ ބޮޑެތި އަގުތަކާއި ބޮޑެތި އެޑްވާންސް. އަގުތައް ހުރި ގޮތުން ރިއަލްއެސްޓޭޓް ވިޔަފާރީގެ ތެރެއަށް ވަމުގެ ހިޔާލެއް ކުއްލިއަކަށް ސިކުނޑީގެ ތެރެއަށް ވަނީ. އަދި އެއީ ކިހިނެއް ކުރެވޭ ކަމެއްތޯ ސަމްޕަތާ ސުވާލު ކުރިން،"

މަންޑޭ ވިދާޅުވި ގޮތުގައި އެދުވަހު ރިއަލްއެސްޓާޓާބެހޭ ސުވާލުތައް އޭނާ ކުރަން ފެށުމުން ސަމްޕަތަށް ވަރަށް އުނދަގޫ ވެގެން އުޅުނެވެ. އެހެންވެ އެކަނި ވެލައިގެން އިނދެ އެކަމާ ފިކުރުކޮށް އަލުން އޭގެ ފުނަށް ދެވޭތޯ ވިސްނީ އެވެ.

"ހަމަ އެދުވަހު އަޅުގަނޑު ބޭނުންވެއްޖެ ރާއްޖޭގައި އުޅޭ ވަރުގަދަ އެޕާޓްމެންޓް ބިލްޑިންތަކުގެ ވިޔަފާރިތައް ހިނގާ ގޮތް ބަލަން... ބެލި އިރު ޕްލެޓިނަމް އުޅެނީ. އެމީހުންގެ ވެބްސައިޓަށް ވަދެ އަގުތަކާއި ސައިޒްތައް ފެނުމުން އަބަދު އެވާހަކަ އަޅުގަނޑަށް ދެކެވެނީ... އިންވެސްޓަރެއް ހޯދައިގެން ލަގްޒަރީ އެޕާޓްމެންޓް ބިލްޑިންގެއް އެޅުމުގެ ހުވަފެން ވެސް އެހިސާބުން ދެކެފިން،"

ކުޑަ ދުވަސްކޮޅެއްވީ އިރު އޭނާގެ ސިކުނޑީގައި ލަގްޒަރީ އެޕާޓްމެންޓް ބިލްޑިންގެއް ކުރަހައި އަޅައި ހުރީ ނިމިފަ އެވެ. އޭރު ވެސް މަންޑޭގެ ކުންފުންޏެއް އޮވެ އެވެ. ޕާޓްނަރަކީ އިސްމާއިލް ލަތީފް (ޖީކޭ) އެވެ. ލަގްޒަރީ އެޕާޓްމަންޓް ބިލްޑިންގެއް އަޅާ ހިތުން، ހުއްޓާނުލައި އެ ވާހަކަ ދައްކަމުން ދަނިކޮށް "ތިކަން ދެން ކުރަމާ ހިނގާށޭ" ވިދާޅުވީ ވެސް ޖީކޭ އެވެ. މަންޑޭ ވިދާޅުވި ގޮތުގައި "އޭގެ ކުރިން އެއްވެސް މީހަކު އެ ވާހަކައާ ގަޔަކާ ނުވި" އެވެ. ހަމައެކަނި ބުނެލަނީ "އެހެންދޯއޭ" އެވެ.

"އަޅުގަނޑަށް އޭރުވެސް އެނގޭ އެ ވާގޮތް، އެއީ ކުޑަކުޑަ މީހަކު ނުކުމެ އުސް އިމާރާތެއްހާ ބޮޑެތި ވާހަކަ ދައްކާތީ އަޅައި ނުލިީ އަޅުގަނޑު ކުޑަކުޑަ މީހަކަށްވާތީ އާއި އެއްވުންތަކުން ފެނަ އެކްޓިވިސްޓަކަށް ވެގެން،" މަންޑޭ ވިދާޅުވި އެވެ.

ޖީކޭގެ ކުޑަކުޑަ ޖުމްލަ މަންޑޭއަށް ފެނުނީ ވަރަށް ބޮޑު ކޮށެވެ. އެއިން ދުރު އެކަމަކު ސާފު ރާސްތާއެއް ފެނުނެވެ. އަދި އެއިން ހިތްވަރެއް ވެސް ލިބުނެވެ. އެހެންވެ އޭނާގެ ސިކުނޑީގައި ކުރަހާފައި ފުރިހަމަ ހިޔާލުގެ އެއްބައި ހިފައިގެން އޭރުގެ އިކްނޮމިކް މިނިސްޓްރީއަށް ވަޑައިގެންނެވި އެވެ.

  • ޓެރަސްގައި ސްވިމިން ޕޫލާއެކު އިވެންޓް ސްޕޭސް
  • ޑޭ ކެއާ ސެންޓަރުތަކާއި ޖިމްތައް ހުންނާނެ
  • ކޮރެއަން ސްޓައިލްގެ ފްރެންޗައިސް ރެސްޓޯރެންޓެއް
  • އެޕާޓްމަންޓެއްގެ އަގު ތިން މިލިއަނާއި ހަ މިލިއަނާ ދެމެދު
  • ބީއެމްއެލް މެދުވެރިކޮށް ފައިސާ ދެއްކޭނެ
  • އެޕާޓްމެންޓްތައް ހުންނާނީ އިންޝުއަރެންސް ކޮށްފައި
  • އެޕާޓްމަންޓްތައް ހުންނާނީ ސެމީ ފާނިޝްކޮށްފައި
  • އެޕާޓްމަންޓްހައި ހުންނާނީ ކޮރެއާގެ ބްރޭންޑްތައް
  • އިމާރާތް ދިއްލުމަށާއި ލިފްޓް ބޭނުން ކުރަން ސޯލާ ހަކަތަ
  • ފަސް ލިފްޓް ހުންނައިރު ސްޓްރެޗާ ލިފްޓެއް ހިމެނޭ
  • ޓައިލްސް އާއި ބިއްލޫރި މޫސުމާ އެއްގޮތަށް ފިނިހޫނު މިން ހިފަހައްޓާނެ

"މިނިސްޓްރީއަށް ދިޔައިމަ ހީނގެންފައި އަހަނީ ކިހިނެއްހޭ ތިކަން ކުރާނީ؟ ފައިސާ ކޮބައިހޭ؟ މީހުން ކޮބައިހޭ؟ ދެން ހަމަ މަލާމާތް ކުރަނީ. އެ މަލާމާތާއި ސުވާލުތަކަށް ދޭން އޭރު އަޅުގަނޑު އަތުގައި އޮތް ހަމައެކަނި ޖަވާބަކީ 'އަހަރެން މިކަމަށް މަސައްކަތް ކޮށްފާނަމޭ' އޭނޫން ޖަވާބެއް ނުދެވުނު ދެން ނުކުމެގެން އައީ،"

މާޔޫސް ކަމުގައި ހުންނަވައި ހިޔާލާއި ތަސައްވުރުގެ ހުވަފެން ހިއްޕަވައިގެން ދެން ވަޑައިގެންނެވީ އޭނާއަށް އަބަދުވެސް އެހީތެރިކަން ދެއްވާ ގާސިމް އިބްރާހިމްގެ އަރިހަށެވެ. އަރިހުގައި އެ ވާހަކަތައް ދެންނެވުމުން "މަންޑޭ އަމިއްލަ ފައިމައްޗަށް ތެދުވާށޭ" ވިދާޅުވި އެވެ.

"ދެން ވިދާވީ ފައިސާ ދީފާނަމޭ، އެކަމަކު ދީގެން ކުރަންޏާ އަބަދުވެސް އެހެން ކުރުން ނޫން ގޮތެއް ނޯންނާނޭ، އަމިއްލައަށް ތެދުވެވޭތޯ ބަލާބަލާށޭ... އަމިއްލައަށް ތެދުވެ ތިޔަވަރުގެ ކަމެއް ކޮށްލެވޭނެ ކަން ޔަގީން ކޮށްދޭށޭ!"

ހިތްވަރާއި އަޒުމު ވަރުގަދަވި ވަގުތުކޮޅެއް

މަންޑޭ ވިދާޅުވި ގޮތުގައި ގާސިމްގެ ވާހަކައިން އޭނާގެ ހިތްވަރާއި އަޒުމު ވަރުގަދަ ވުމުގެ އިތުރުން ޝައުގުވެރިކަން ވެސް މާ ބޮޑަށް އިތުރުވި އެވެ. އެކަމަކު އެއަށް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ. ބޮޑު ކަމެއްގެ ގޮތުގައި ކުރެވޭ ކަމަކީ އެ ވާހަކަ އަބަދު ދައްކާފައި ސައި ބޮއިގެން ދުފެނީ އެވެ. އާ ކަމެއް ނުހިނގަ އެވެ.

"އެހެން އުޅެނިކޮށް ސްރީލަންކާއަށް ކުރި ދަތުރެއްގެ ތެރެއިން ލަންކާގެ އާމީގައި މަސައްކަތް ކުރަމުން އައި ރައްޓެއްސަކާ ބައްދަލުވެ، އޭނާ މެދުވެރިކޮށް ކޮރެއާގެ ޕާޓީއަކާ ދިމަވަނީ، އެމީހުން އަންނަން ބޭނުންވީ އަޅުގަނޑު ޝައުގުވެރިވާ އެޕާޓްމެންޓް ޕްރޮޖެކްޓަކަށް ނޫން. އެ މީހުން އައީ ހުލުމާލޭގައި ސޯލާ ލައިޓް ޕްރޮޖެކްޓެއް ހިންގަން ހުށަހަޅަން. އަޅުގަނޑު އުޅުނީ އެމީހުނަށް ލޭޒަންކޮށްދޭން. އެމީހުނަށް މަގެއް ކޮށައި ދެވޭތޯ އުޅުމުގެ ތެރޭ އަޅުގަނޑުގެ ސިކުނޑީގައި އަޅައި ނިންމައިގެން އުޅޭ ލަގްޒަރީ އެޕާޓްމެންޓް ބިލްޑިންގެ ނަގައި މޭޒުމަތީގައި ބަހައްޓައި ރިއަލް އެސްޓޭޓް ވިޔަފާރިއަށް ވަނުމަށް އެދުނީ... އެކަމަކު އެމީހުންނަކީ އެކަން ކުރާ ބައެއް ނޫން. އެ ޝައުގުވެރިކަމުގައި އުޅޭ ބައެއް ވެސް ނޫން. އެ މީހުންނަކީ ސޯލާ ޖަނަރޭޓް ކުރާ ބައެއް،"

ކޮރެއާ ޕާޓީއަށް މަންޑޭ ހުށަހެޅީ ލަގްޒަރީ އެޕާޓްމަންޓަށް ރާއްޖޭގައި މާކެޓް އޮތް މިންވަރާއި އެ ވިޔަފާރި ފުޅާ ކުރެވޭނެ ގޮތެކެވެ. އޭރު އެ ކުންފުނީގެ ވެރިޔާ އިންނެވީ ޝައުގުވެރި ކަމާއެކު އަޑު އައްސަވާށެވެ. ދެން ޕްރޮޕޯސަލެއް ގެނައުމަށް އެދި ވަޑައިގަތީ އެވެ.

"އެހިސާބުން އަޅުގަނޑުގެ ސިކުނޑީގައި ބިނާކޮށްގެން މިނިސްޓްރީއަށް ގެންދިއުމުން އެއްލައިލި އިމާރާތް ގެންގޮސް ކޮރެއާގެ ވިޔަފާރިވެރިޔާގެ ސިކުނޑިއަށް ލައި ދިނީ! އެވަގުތު ވިދާޅުވީ 'އޯކޭއޭ ޝައުގުވެރިވެއްޖޭ ކުރިޔަށްދާންވީ' އޭ،" އޭނާ ވިދާޅުވި އެވެ.

މަންޑޭއަށް ޕްރޮޕޯސަލެއް ތައްޔާރު ކުރެއްވުނީ ރަހުމަތެރިންގެ އެހީތެރި ކަމާއެކު ބައެއް ފަރާތްތަކުގެ ސަޕޯޓް ވެސް އޭގެ ތެރެއަށް ވަދެގެނެވެ. އޭގެ ތެރޭގައި އޭރު ހައުސިން މިނިސްޓްރީގައި އުޅުއްވި ރަހުމަތްތެރިއެއްގެ ރޯލު އޮތެވެ. ދެން މަންޑޭއަށް ޖެހި ވަޑައިގަތީ އެ ހިއްޕަވައިގެން ތަންތަނަށް ހިންގަވާށެވެ. އެކަމަކު އެއްވެސް މީހަކު އޭނާއަކަށް މަގެއް ނުދެއްކި އެވެ، މުޅިން މޮޅު އައިޑިޔާ ކިޔައިދީފައި މަގު މެދަށް ހުއްޓި ހުރަސް އަަޅަނީ އެވެ.

ސަރުކާރުގެ ތެރެއިން ވެސް އައީ ޕްރެޝަރާއި ދުއްތުރާލެވެ. އެ އެންމެންވެސް މަންޑޭއަށް ބުނެދޭ އުޅުނީ މަންޑޭފަދަ "ކުޑަކުޑަ މީހަކަށް" އެފަދަ ބޮޑު ބިޔަ ޕްރޮޖެކްތެއް ލިބި އެކަން ހަގީގަތަކަށް ވެގެނެއް ނުވާނެއޭ އެވެ. ކޮރެއާގެ ބޮޑު މަހުޖަނަކު ރާއްޖޭގެ "ސިޔާސީ ބޯއީ" އަކާއެކު ވިޔަފާރިއެއް ކުރުން "ލާހިކެއް ނުވާނެ" އޭ އެވެ.

"އެއްވެސް މީހަކު އަޅުގަނޑު ދާންވީ ޗެނަލެއް ނުދައްކާ އައިޑިއާތައް ދެނީ. އުޅެނީ އަޑިއަށް ގަންބާލަން. އެހެން ތެޅެމުން ތެޅެމުން ގޮސް މުޅި އެތި ގްރީން ވީމަ އަޅުގަނޑުގެ ފަހަތަށް މީހުން އަރައިފި، ދާންވީ ދިމާވެސް ދައްކަން ފަށައިފި،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑަށް އެނގުނީ ހުރިހާ އެންމެން ވެސް ބޭނުންވަނީ މިކަމުގައި ވެސް ވަކި ބަޔަކު ތިބެންކަން މި ޕްރޮޖެކްޓެއް ވެސް ލިބެންވީ އެއިން ބޭފުޅަކަށްކަން. އެހެންވެ ސަރުކާރުތެރެއިން ވެސް އަޅުގަނޑަށް ޕްރެޝަރުތައް ކުރީ،"

ކޭ ޕާކް ރެސިޑެންސް ވުޖޫދުވުން

އުނދަގުލަށްވުރެ ނުރައްކާ ޕްރެޝަރުގެ ތެރޭގައި އުޅުއްވައިގެން މަންޑޭ ޕްރޮޖެކްޓް ކާމިޔާބު ކުރެއްވި އެވެ. އެހެންވެ ލަގްޒަރީ އެ އެޕާޓްމަންޓް ބިލްޑިންގަށް ދޭނެ ނަމަކާމެދު ހިޔާލު ކުރަން ފެއްޓެވި އެވެ. ކޮރެއާ ޕާޓީ ވެސް ހިމެނޭ ގޮތަށް އޭނާގެ އެކުވެރީން ފުރަތަމަ ދޭން ނިންމީ މަންޑޭއާ ގުޅުވައި "އެމްޕާކެ" ވެ. އެ ނަމަށް ނޯ ޖެއްސެވީ މަންޑޭ އެވެ. މަންޑޭގެ ރުހުން އެ ނަމަށް ނުލިބުމުން އެ އިމާރާތުގެ ނަމަކީ ކޭ ޕާކް ރެސިޑެންސް ކަމަށް ނިންމައި ބްރޭންޑިން ހެދީ އެވެ. އެ މަސައްކަތް ކުރީ އެކުވެރިޔާ ޖީކޭ އެވެ.

"ނަމާއި ބްރޭންޑިން ހަދައިގެން ދާންވާ ދިމަ ދިމާއަށް ދިޔައިމަ ވެސް ކޮންޑިޝަންތައް އަންނަނީ! ނުވާނެހާ ކޮޅު ސަރުކާރު ދައްކަނީ އެޗްޑީސީން ބަހަނާތައް ދައްްކަނީ. އެހެން އުޅެމުން ގޮސް އެޗްޑީސީއާއެކު ސޮއި ކުރަން އޮތް ދުވަހު ވެސް ކޮރެއާ މީހުން ބައިތިއްބައިގެން އެ މީހުން ހާސްވާ ވަރަށް ވަގުތު ދަންމާލި. މުޅިން ޗެލެންޖެސް ކުރިމަތި ކުރުވީ،

އާއިލާ އާއި ރަހުމަތްތެރިން

ކޭ ޕާކް ނިމެމުން އޮފް އަރަމުން އަންނަ އިރު، އަދި އެކްޓިވިސްޓެއްގެ ދަރަޖައިން ނެއްޓި މަންޑޭ ސްޓޭޓަސް ބަދަލުވެ "ބޮޑު ވިޔަފާރިވެރި ބޭފުޅަކަށް" ވާން ދާއިރު މަންޑޭގެ އާއިލާ އާއި ރަހުމަތްތެރިންގެތެރެއިން ދެ ރޯލެއް އަދާކުރި ބަޔަކު އުޅުނެވެ.

ހުރިހާ ވަގުތެއްގައި މަންޑޭއަށް އެހީވާން ގާތުގައި އޭނާގެ އަންހެނުން ހުރި އިރު ބައްޕަ އާއި ކޮއްކޮމެން ވެސް އެހީވި އެވެ. ރަހުމަތްތެރިން ވެސް އެހީވި އެވެ. ހަމަ އެހެންމެ ހުރިހާ ވަގުތެއްގައި މަންޑޭ ފެއިލްކޮށްލައި ޕްރޮޖެކްޓް "ދަމައިގަނަން" އުޅުނު ބަޔަކު ވެސް އާއިލާގެ ތެރޭގަ އާއި ރަހުމަތްތެރިންގެ ތެރޭގައި ތިއްބެވެ.

"އޭރުވެސ ގިނަ މީހުންނަކަށް ނޭނގޭނެ ކޭ ޕާކަކީ ކޮބައި ކަމެއް! އެނގޭނީ ކޮރެއާ ބައެއް ކަން، ދިވެހި ޕާޓްނަރު މާ ގިނަ ބަޔަކަށް ނޭނގޭނެ. އަޅުގަނޑުވެސް ބޭނުމެއް ނުވި އަންގާކަށް. ކޭ ޕާކްގެ އޮފީހަށް ވެސް ކޮންމެހެން މަޖުބޫރު ވެގެން ނޫނީ ނުވަންނަން.... އެކަމަކު މިކަން ދެނެހުރި މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އުޅުނީ އަޅުގަނޑު ދުއްވާލާފައި ޕްރޮޖެކްޓް ދަމައިގަންނަން. އެކަން ހިނގި އާއިލާގެ ތެރެއިން ވެސް ރައްޓެހިންގެ ތެރެއިން ވެސް ސަރުކާރުން ވެސް."

ތަފާތު ގޮތަކަށް ދިޔައިރު ހެޔޮ އެދުނު ރައްޓެހިން އަބަދުވެސް އެދުނީ ސީ ލައިފް އަށް ވީ ގޮތް ނުވުމަށެވެ. އަދި މަސައްކަތުގައިި އިހުލާސްތެރިވުމަށެވެ. ހިތްވަރު އެލުވައި ނުލުމަށެވެ. އަދި އެހިސާބުން ރައްޓެހިންގެ ތެރެއިން ހާއްސަ ރައްޓެއްސަކު މަންޑޭއަށް އެހީތެރިވެދޭނެ އިތުރު ބައިވެރިޔަކު ހޯދައި ދިނެވެ. މިހާރު މަންޑޭ ހުންނަވާ ތަނެއްގައި އޭނާއާ ޖެހިގެން ފެންނަން ހުންނަ އިބްރާހިމް ނަޝީދު (ކުއްޓި) އަކީ އެއީ އެވެ.

ކޭ ޕާކްގެ ޑިޒައިން މަސައްކަތްތަކުގައި މަންޑޭއަށް އެހީވާން ނުކުތް ކުއްޓި ކޭ ޕާކްގެ ހުރިހާ ކަމެއްގައި މިހާރު ބައިވެރިވެ އެވެ. މަންޑޭ ވިދާޅުވާ ގޮތުގައި ހަމަ އިސްކޮޅަށް ތެދުވާން އުނދަގުލެއްވެފައި އޮތް ކޭ ޕާކަށް ނޭވާ ލައިގެން ތެދުވެވުނީ ކުއްޓި ޓީމާ ގުޅުނު ހިސާބުންނެވެ. އޭރު ޓީމެއް ވެސް އަސްލު ނެތެވެ. ތިބީ 19 އަހަރުގެ ތިން ކުދިންނެވެ. އެއިން އެއްވެސް ކުއްޖަކީ މިފަދަ މަސައްކަތެއްގެ އެއްވެސް އެއްޗެއް އެނގޭ ބައެއް ނޫނެވެ. ނަމަވެސް މިހާރު އެއީ އެކްސީޕީރިއަންސް ހުރި އަދި މިފަދަ ވިޔަފާރިތަކުގެ ތެރެއިން ބޮޑު މުސާރައިގެ ރަނގަޅު ވަޒީފާތައް ފަސޭހަ ކަމާއެކު ލިބޭނެ ޒުވާނުންނެވެ.

"އަޅުގަނޑުގެ ކޮރެއާ ޕާޓްނަރު ބޭނުންފުޅުވީ ވެސް އާ ކުދިން ނެރެ ތަމްރީނު ކުރަން. ކޭޕާކަކީ ވެސް އާ ކޮންސެޕްޓެއް.... މި ދެންނެވި ކުދިންނަކީ އަޅުގަނޑު އެންމެ ނިކަމެތިވި ދުވަހު ވެސް އަދި މި ޕްރޮޖެކްޓް ފޭލް ކުރަން އުޅުނު މީހުން އެތައް ކަމެއް ކުރި އިރުވެސް އަޅުގަނޑަށް އިތުބާރުކޮށް ކައިރީ ތިބި ކުދިން، އެއީ ކޭ ޕާކްގެ ތަނބުތައް،" އޭނާ ވިދާޅުވި އެވެ. "ދެން ޖީކޭ އާއި ނާއްޕެ އާއި ކުއްޓި އަދި މި ޕްރޮޖެކްޓަކީ އެއްވެސް ފައިސާއެއް ނެތި ކުރަހާލި ރޮނގެއް. އެކަމަކު އޭރު ޕާސަނަލް ކޮމްޕިއުޓާސްގެ ސާމްބެ ސެޓަޕެއް ހަދައިދެއްވި... ދެން ގާސިމް ސަޕޯޓް ދެއްވި،"

ތުހުމަތު ކުރީ ފައިސާތަކެއް ކާލަނީ ކަމަށް!

މަންޑޭގެ މި މަސައްކަތް ފެއްޓެވި އިރު ސަރުކާރާއި އެޗްޑީސީން އުނދަގޫތައް ކުރި މައިގަނޑު ސަބަބަކީ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި އޭނާ ފެނިފައި އޮތުމުންނެވެ. މަގުމަތީގެ ހަރަކާތުން ފެނުމާއެކު އޭގެ ތެރެއިން ޖަލަށް ވެސް ކޮއްޕާލާފައިވުމުން މަންޑޭގެ ހުވަފެނީ ޕްރޮޕޯސަލްވީ ސަރުކާރަށްވީ "ވަރަށް ބޮޑު ހެއްވާ" ކަމަކަށެވެ. އެއްވެސް ހަރު ބަޔަކު އެއީ "ސޮލިޑް އެއްޗެއް" ގެ ގޮތުގައި ބަލައެއް ނުގަތެވެ.

"ސަރުކާރުގެ ވެރިން އަދި ވަރުގަދަ ވިޔަފާރިވެރިން ވެސް ވިދާޅުވި މަންޑޭ ބައެއްގެ ފައިސާގަނޑެއް ކާލަނީއޭ! ރައްޓެހިންނާއި ތިމާގެ ބައެއް މީހުން ވެސް ހިމެނޭ އޭގައި. މޮޔައެކޭ ގޮވައި ވެސް ހެދި. މިނިސްޓްރީގެ ތެރޭގައި ޕްރޮޕޯސަލް އެއްލައި ވެސް ލި... އޭރު ބައްދަލުވެ މަލާމާތް ކުރެއްވި ބޭފުޅުން މިއަދު ތިއްބަވަނީ އަޅުގަނޑާ ބައްދަލު ވާނީ އަދި އަޅުގަނޑު ގުޅާނީ ކޮން ގަޑިއެއްގައިތޯ އިންތިޒާރުގައި. މިއަދު ސިޔާސީ މީހުން ވެސް އަޅުގަނޑާ ބައްދަލު ކުރަން އެބަ ބޭނުންވޭ އެންމެން ވެސް މިހާރު ވަޑައިގަންނަވާ، ކެމްޕޭނަށް ފައިސާ ހޯދަން،"

މަންޑޭ ވިދާޅުވި ގޮތުގައި އޭނާގެ އަންހެނުން ދުވަސް ނުފުރާ ވިއްސަން ޖެހުނީ ސިޒޭރިއަނެއް ހަދައިގެން ރާއްޖެއިން ބޭރުގަ އެވެ. އެއްމާނބަޑު ދެ ކުދިން ތިބީ ނާސަރީގަ އެވެ. އަނެއްކޮޅުން މާލޭގައި ޕްރޮޖެކްޓް ފެށެނީ އެވެ. އެ ޕްރޮޖެކްޓް ދަމައިގަންނަން ބަޔަކު މަސައްކަތް ކުރަނީ އެވެ.

"އަޅުގަނޑަށް ރޮވުނު، ނެތް ޗޮއިސްއެއް. އެއްކޮޅުގައި އަންހެނުންނާ ކުދިން، އަނެއްކޮޅުގައި އަޅުގަނޑާ ހަވާލުވެފައިވާ ކޮރެއާގެ ބޮޑު މަހުޖަނެއްގެ ފައިސާ! އެ ވަގުތު އަޅުގަނޑު އަންހެނުން ބުނީ މަންޑޭ މާލެ ދާށޭ، އެއީ ބައެއްގެ ފައިސާއޭ މިވަގުތު އިހުލާސްތެެރިކަން ދައްކައިދޭށޭ،"

ކޮރެއާ ޕާޓްނަރުގެ އިތުބާރު އަބަދުވެސް އޮތް

މަންޑޭ ވިދާޅުވީ ކޭ ޕާކް ކާމިޔާބުވީ އޭނާގެ މޮޅު ކަމަކުން ނޫނެވެ. އެއީ ކޮރެއާ އިންވެސްޓަރު އޭނާއަށް ކުރެއްވި އިތުބާރާއި އޭނާ އިންވެސްޓަރަށް ދެއްކިި އިހުލާސްތެރި ނިޔަތާއި ސާފު މޫނުގެ ސަބަބުންނެވެ.

"އިތުބާރާއި އިހުލާސްތެރި ކަމާއި ޓްރާންސްޕޭރެންޓްކޮށް ޕްރޮޖެކްޓް ކުރިޔަށް ދިއުން ކޭ ޕާކް ކާމިޔާބުވީ. މިއީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުވާ ކަމެއް މިކަން މިވީ އިހްލާސްތެރިކަން ދައްކައިގެން،"

އިންވެސްޓަރުން ގޮވައިގެން އަންނަ މީހުންގެ ގިނައިން އުޅެނީ އެހެން ބޭނުމެއްގަ އެވެ. ފައިސާ ހަރަދު ކުރާ މީހާގެ އެޑްވާންޓޭޖް ނެގުމަށްފަހު ޕްރޮޖެކްޓް ފޭލް ކޮށްލަނީ އެވެ. މަންޑޭ ވިދާޅުވި ގޮތުގައި އޭނާ ބެއްލެވީ އެހެން ނުވާނެ ގޮތެކެވެ.

ކޭ ޕާކްގެ ސްޓައިލާއި ރީތިކަން

މިދިއަ މަހު ލިވިން އެކްސްޕީގައި ދައްކާލި ކޭ ޕާކްގެ ފޮޓޯތަކާއި ވީޑިއޯތަކާއި ބްރޯޝާތައް ހިތްތައް ފަހަތަކުރި ސްޓައިލަކީ އެންމެ ފުރަތަމަ ވެސް މަންޑޭގެ ސިކުނޑީގައި އޮތް ތަސައްވުރެވެ.

ގާތްގަނޑަކަށް ތިން އަހަރުން ޕްރޮޖެކްޓް ނިމެންދާއިރު މިއީ ރާއްޖެއަށް މުޅީން ޔުނީކް ފީޗާތައް ހިމަނާފައިވާ ލަގްޒަރީ އެޕާޓްމަންޓް ބިލްޑިންގެކެވެ. މިހާ ލަސްވީ ވެސް ޔުނިކް ފީޗާއެއް އޮފާ ކުރަން ސްވިމިން ޕޫލް ޓެރަސްއަށްލައި ރީޑިޒައިނެއް ކުރަން ޖެހިގެނެވެ.

"އެ މަސައްކަތް ކުރި ތަނުން ކޮންޓްރެކްޓާ ފަހަތަށް ޖެހިއްޖެ އެއީ ލިބުނު ބޮޑު ގެއްލުމަކަށްވި އެއީވެސް ގާތް މީހުންތަކެއް ވަދެގެން ކުރި ކަމެއް. އަދި ތައިލެންޑް ކޮންޓްރެކެޓްރެއް ވެސް ބެކައައުޓް ކުރި. އެހެން މީހަކު ނަމަ މޮޔަވާނެ ގިވަޕް ކޮށްފައި ދާނެ ... އެކަމަކު އަޅުގަނޑު ބެލީ އަބަދުވެސް ބޭނުންވި ޔުނީކް ލަގަޒްރީ އެޕާޓްމަންޓްގެ ހިޔާވާހިކަން ހޯދައިދޭން. އެކަން މި ފުރިހަމަ ވަނީ،" މަންޑޭ ވިދާޅުވި އެވެ.

ރާއްޖެއަށް މުޅިން އާ މި މޮޑެލްގެ ފަރުމާގައި ޖާގައިގެ ތަނަވަސް ކަމަށް ވަރަށް ބޮޑަށް އިސްކަން ދީފައިވެ އެވެ. އެއިން އެޕާޓްމަންޓެއްގެ ބެލްކަނި ފެނުނަސް މޮޔަވާވަރުވާނެ އެވެ.

ލަގަޒަރީއޭ ބުނުމުން އެއީ ފިނިޝިން އާއި ފިޓިންގެ ތަފާތު ކަމަށް ހީވެފައި އޮންނަ އޮތުމަށް ވެސް ކޭޕާކުން ނިމުން ގެންނާނެ އެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ހަދާފައިވާ ތީމްގެ އާއި މުލިއާގޭގައި ބޭނުން ކޮށްފައިވާ ސިލްކް ވޯލްޕޭޕަރާއެކު ކޭ ޕާކްގައި މުޅިން ވެސް ހުންނާނީ ސެމްސަން އާއި އެލްޖީ ފަދަ ކޮރެއާގެ ވަރުގަދަ ބްރޭންޑްތަކެވެ. އެޕާޓްމަންޓްގެ ތަޅަކީގެސް ސެމްސަންގެ ސްމާޓް ތަޅެކެވެ.

ސީދާ ކޮރެއާގައި އުފައްދާ ތަކެތީން ސެމީ ފާނިޝްކޮށްފައި ދޭ އެޕާޓަމްންޓްތަކުގެ މޮކަޕް ދެ އެޕާޓްމަންޓް މި މަހުގެ ތެރޭގައި ބަލައިލަން ވަދެވޭނެ އެވެ. އޭރަށް ކަސްޓަމަރުގެ ރިކްއާމަންޓެއް އޮތްނަމަ އޭނާގެ އެޕާޓްމަންޓް ނިންމާނީ އޭނާ ބުނާ ގޮތަކަށް ފުރިހަމަ ކޮށްދީ ގެނެވެ.

މުޅީން 1،200 އަކަފޫޓާއި 1،500 އަކަފޫޓްގެ ދެ ކޮޓަރި އާއި ތިން ކޮޓަރީ އެޕާޓްމެންޓްތައް ހިމެނޭ މި އިމާރާތުގައި
ބޭނުންކޮށްފައި ވަނީ ބްރިޖުގައި ވެސް ބޭނުން ކުރި ސިމެންތި އެވެ. ކޭޕާކަކީ ދަމަރުމަވަންތަ ހޮސްޕިޓަލް ފިޔަވައި މަސައްކަތް ފެށި ހިސާބުން އެންމެ ބާރު ސްޕީޑްގައި ސްޓްރަކްޗާގެ ނިންމާލި އިމާރާތެވެ. އަދި މިއީ ރާއްޖޭގައި މިވަގުތު ހުރި ސްޓްރަކްޗާ އެންމެ ވަރުގަދަ ވެސް އިމާރާތެވެ. މި އިމާރާތަށް މީހުން ވަންނަ އިރު ހުންނާނީ ބިމަށް ސެޓްލްވެ ނިމިފަ އެވެ. އެހެންވެ މި އިމާރާތުގައި ރެނދެއް އެޅުމަކީ ނާދިރު ކަމެކެވެ. މުޅި އިމާރާތަކީ ރާއްޖޭގެ ހިއުމިޑިޓީ އާއި މޫސުމަށް ބަލައިގެން ހަދާފައިވާ އިމާރާތެކެވެ.

ކޭ ޕާކަކީ މިކްސް ކޮމާސަލް ޑިވެލޮޕްމަންޓެކެވެ. ޑޭކޭ އާއި ޖިމާއެކު ސަޕްރައިޒިން ވަރަށް ގިނަ ކަންކަން ހިމަނާފައިވާއިރު ފަސްޓް ފްލޯގައި ކޮމާޝަލް އައުޓްލެޓްތައް ހިމެނެ އެވެ. އަދި ކޮރެއާން ފްރެންޗައިސް ރެސރެންޓެއް ހުރެ އެވެ. ޓެރަސް ހާއްސަކޮށްފައި ވަނީ އިވެންޓް ސްޕޭސް އަށެވެ. ހުޅުމާލޭގެ ހުރިހާ ދިމާއެއްގެ ސާފު ރީތި ވިއު ކޭ ޕާކްގެ ލެންސަށް ހެޔޮވަރުވާނެ އެވެ.

އެޕާޓްމަންޓެއް ލިބޭތޯ ގެއިން ނުކުންނެވި މަންޑޭ އަކީ އިއްޔެ އެކްޓިވިސްޓެކެވެ. އެކަމަކު މިއަދު އޭނާއަކީ އާދައިގެ ނަމެއް ނޫނެވެ. އެއީ އެހެރަ ވަރުގަދަ ލަގްޒަރީ އެޕާޓްމަންޓްގެ ބިލްޑިންގް ކޭ ޕާކްގެ ވެރިޔާ އެވެ. ސިކުނޑީގައި އެ އެ އިމާރާތް އަޅައި ހަގީގަތަކަށް ހެދުމުގެ ފަހަތުގައި ހުރި މީހާ އެވެ.