ހަބަރު

އެމްއެމްއޭ ގަވަރުނަރުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަނަރު އަހުމަދު ނަސީރު ގާނޫނީ މައްސޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު "އަވަސް"އަށް ވިދާޅުވީ ގަވަރުނަރާ ގުޅޭ ޝަކުވާއެއް ފުލުހަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިޔަށް ދާތީ އެ މައްސަލާގެ އިތުރު ތަފްސީލެއް މިވަގުތު ހާމަ ނުކުރެވޭނެ ކަމަށް އިޒްމިއާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ނަސީރުއާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށާހެޅީ އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖަންސް ޔުނިޓުގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް އެވެ. އޭނާ އެ މައްސަލަ ހުށަހެޅީ ރިޔާސީ އިންތިހާބަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މަނީ ލޯންޑަރިންގެ މައްސަލަ އަޝްރަފް ފުލުހަށް ހުށަހެޅުމާ ގުޅިގެން ނަސީރު އިސްކޮށް ހުންނަވައިގެން އޭނާ އެ މަގާމުން ވަކި ކުރި މައްސަލާގަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި މިއަދު އަޝްރަފް އާއި ނަސީރުގެ އިތުރުން ފައިނޭންޝިއަލް އިންޓެލިޖަންސް ޔުނިޓުގެ ކުރީގެ ވެރިއަކަށް ހުންނެވި އާތިފް ޝަކޫރު ވެސް މިއަދު މަޖިލިހަށް ހާޒިރު ކުރާނެ އެވެ. އެއީ އޭސީސީ އިން ނެރުނު އެ ރިޕޯޓުގައި އެމްއެމްއޭއާ ބެހޭ ގޮތުން ހާމަވީ ކަންކަމާ ގުޅޭ މައުލޫމާތު އޮޅުން ފިލުވުމަށެވެ.