ހަބަރު

އިންޑިއާ ބަޔަކު ބުދުތަކެއް ހިފައިގެން ރާއްޖެ އަތުވެއްޖެ

Mar 5, 2019
4

ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ބުދުތަކެއް ކަސްޓަމްސް އިން ހިފަހައްޓައިފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ އިންޑިއާއިން ރާއްޖެއައި ބަޔަކު ގެނައި ބުދުތަކެއް ކަސްޓަމްސްއިން ހިފަހައްޓާފައިވާ ކަމަށައި އެ ބުދުތައް އެތެރެކުރަން އުޅުނީ ވައިގެ މަގުން ޓޫރިސްޓް ވިސާގައި ރާއްޖެ އައި އިންޑިއާގެ ހަތަރު މީހަކު ކަމަށެވެ.

އެ މީހުން ގެނައި 13 ލަގެޖެއް އެކްސްރޭ ނެގި އިރު އަޅުކަން ކުރަން ބޭނުންކުރާ ޒާތުގެ ބުދު ހުރިކަމަށް ޝައްކުކުރެވި އިތުރަށް ބަލައި ފާސް ކުރިއިރު މި 13 ލަގެޖްގައި ވެސް ހުރީ އަޅުކަން ކުރަން ބޭނުންކުރާ ބުދުކަން ޔަގީން ކުރެވުނު ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ އެ ބުދުތަކާބެހޭ ގޮތުން ސުވާލު ކުރުމުން އެއޯ އާޓިފެކްޓްސް ތަކެއް ކަމަށާއި އެމީހުން ރާއްޖެ އައިސްފައިވަނީ "ޕީސްފުލް ގެދަރިން" އަކަށް ކަމަށް ބުނި ކަމަށެވެ.

ހިފެހެއްޓި ބުދުތަކުގެ ތެރޭގައި އެކި ސައިޒްގެ 28 ބުދު ހިމެނެއެވެ. ބުދުތަކާއެކު އައި މީހުން މިހާރު ވަނީ ބުދުތަކާއެކު ފުރާފަ އެވެ.

ދިވެހިރާއްޖޭއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގައި އަޅުކަންކުރަން ގެންގުޅޭ ބުދަކީ އެތެރެކުރުން މަނާ އެއްޗެކެވެ. ރާއްޖެއިން ބޭރުގެ ފަރާތްތައް ރާއްޖެ އަންނައިރު އެމީހުން ގެންނަތަކެތީގެ ތެރޭގައި ހިމެނޭ ރާއްޖެއަށް އެތެރެ ކުރުމަށް ހުއްދަ ނުދެވޭ ތަކެތި، އެމީހުން ރާއްޖެއިން ފުރައިގެންދާއިރު އަނބުރާ ގެންދިއުމަށް ބޭނުންވެއްޖެ ހާލަތެއްގައި އަނބުރާ ގެންދިއުމުގެ ފުރުޞަތު އެފަރާތްތަކަށް ކަސްޓަމްސް އާންމު ގަވާއިދުން ދެއެވެ.