ލައިފްސްޓައިލް

ރާއްޖެ އަކީ 38 ވަނައަށް އެންމެ ސިއްހަތު ރަނގަޅު ގައުމު!

ދުނިޔޭގެ އެންމެ ސިއްހަތު ރަނގަޅު ގައުމުތަކުގެ ތެރެއިން 38 ވަނައިގައި ރާއްޖެ ހިމެނިއްޖެ އެވެ.

ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ އާއި، އދ. ގެ އިތުރުން ވޯލްޑް ބޭންކުން ލިބެންހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ބްލޫމްބާގުން ތައްޔާރުކުރި ލިސްޓެއް އެކުލަވާލާފައިވަނީ ދުނިޔޭގައި އެންމެ ގިނަ ދުވަހު ދިރި އުޅޭނީ ނުވަތަ ލައިފް އެކްސްޕެކްޓަންސީ ގެ އިތުރުން ދުންފަތާއި ފަލަވުމާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ބަލައިގެންނެވެ.

މީގެ ދެ އަހަރު ކުރިން އެކުލަވާލި ލިސްޓަށް ބަލާއިރު، ރާއްޖެ ވަނީ ތިން ދަރަޖަ ކުރިއަށް ޖެހިފައި އެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތް އިޓަލީ ވައްޓާލުމަށްފަހު، ދުނިޔޭގެ އެންމެ ސިއްހަތު ރަނގަޅު ގައުމުގެ ލަގަބު ހޯދާފައިވަނީ ސްޕެއިނުންނެވެ. ތިން ވަނާގައި އޮތީ އައިސްލޭންޑެވެ.

ބްލޫމްބާގުން އެ ލިސްޓު އެކުލަވާލާފައިވަނީ 60 އަށް ވުރެ މަތިން ހެލްތު ސްކޯ ލިބުނު ގައުމުތައް އެކަންޏެވެ. ރާއްޖޭގެ ހެލްތު ސްކޯއަށް 75.37 ލިބިފައިވާއިރު، އެ ލިސްޓުގައި މި ސަރަހައްދުގެ އިތުރު އެއްވެސް ގައުމެއް ހިމެނިފައެއްނުވެ އެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ބާރު، ޗައިނާ ވެސް އޮތީ ރާއްޖެއަށް ވުރެ ފަހަތުގައި، 52 ވަނައިގަ އެވެ.