ހަބަރު

އަޅުގަނޑަށް ނުފޫޒު ފޯރުވޭނެ މީހަކު ނުހުންނާނެ: ފާރިސް

މީހެއްގެ ނުފޫޒުގައި އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށާއި ނުފޫޒު ފޯރުވޭނެ މީހަކު ވެސް ނުހުންނާނެ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބައްޕާފުޅު، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއިދާއެކު ފާރިސް ވާދަ ކުރައްވަނީ މައްޗަންގޯޅި އުތުރު ދާއިރާއަށެވެ. އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ފާރިސް ވާދަ ކުރައްވާއިރު މިރޭ ވަނީ އޭނާގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކޮށްފަ އެވެ.

އިސްކަންދަރު ސްކޫލްގައި ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ފާރިސް މައުމޫން ވިދާޅުވީ، ސިޔާސީ މައިދާނުގައި ހާއްސަކޮށް މަޖިލީހުގައި މަސައްކަތް ކުރާއިރު މެންބަރުންނަށް އެކި ކަހަލަ ފިއްތުންތަކާއި ނުފޫޒުތައް ފޯރުވާ ކަމަށެވެ. އެހެންވެ ވިދާޅުވަނީ މިހާރު ތިއްބެވި މެންބަރުންގެ އަމަލުތަކަށް "އެސްކިއުޒެއް" ދެއްވަން ނޫން ކަމަށާއި އެއީ ހަގީގަތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހަންނަމަވެސް މިވީ ހަތަނަށް ވެސް އޭނާގެ މައްޗަށް އެފަދަ ނުފޫޒެއް އެއްވެސް ފަރާތަކުން ފޯރުވާފައިނުވާ ކަމަށާއި ނުވެސް ފޯރުވޭނެ ކަމަށް ފާރިސް ވިދާޅުވި އެވެ. ޕީޕީއެމްގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާއެކު އިސްލާހީ މަސައްކަތުގައި މަޖިލިސް ތެރެއިން އެންމެ ފުރަތަމަ ނުކުންނެވި މެންބަރަކީ ފާރިސް އެވެ. އެ މަސައްކަތުގައި އޭނާ އުޅުއްވަނިކޮށް އެތައް ފަހަރަކު ހައްޔަރުކޮށް އެއް އަހަރަށްވުރެ ގިނަ ދުވަހު ޖަލުގައި ބަންދުކޮށްގެން ގެންގުޅުނެވެ.

"އަޅުގަނޑުގެ މައްޗަށް ނުފޫޒެއް ފޯރުވޭނެ ފަރާތެއް މީހެއް ސިޔާސީ ޕާޓީއެއް، އެހެންވެސް ސިޔާސީ ބާރެއް ނޯންނާނެ، މިހާތަނަށް ވެސް އަޅުގަނޑުގެ މައްޗަށް އެފަދަ ނުފޫޒެއް ފޯރުވާފައެއް ނެތް އެއްވެސް ފަރާތަކުން، އަދި އެފަދަ ނުފޫޒެއް އައި ނަމަވެސް އަޅުގަނޑަށް އެއާ ކުރިމަތިލާން ކެރޭނެ،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރުން އޭނާ އިންތިހާބުކޮށް ދެއްވައިފިނަމަ ވެވުނު އެންމެ ތެދުވެރިކަމަކާއި އިހްލާސްތެރިކަމަކާއެކު ހިދުމަތްކޮށް ދެއްވާނެ ކަމަށެވެ.

"ކަން ދިމާކުރި ގޮތުން އަޅުގަނޑު މިހުރީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލާފަ، ބައެއް ސިޔާސީ ޕާޓީތަކުގެ ތެރެއިން އިންތިހާބު ވެގެން އަންނަ މެންބަރުން އިންތިހާބުވުމަށްފަހު އިންތިހާބުވެގެން ކުރެއްވި އެ ތަމްސީލް ކުރާ ރައްޔިތުންނާ އޮންނަ ގުޅުން ކަނޑުވާލާފަ އެބަހުރި، އިންތިހާބުވުމަށްފަހު ޕާޓީގެ އިސްވެރިން ޕާޓީގެ އުސޫލުތަށް އޮންނަ ގޮތަށް ހުރިހާ ވޯޓެއް މި ދަނީ، ރައްޔިތުންނާ މަޝްވަރާކުރުމުގެ ފުރުސަތެއް ނޯވޭ،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ ދާއިރާގެ ގިނަ ރައްޔިތުންނާ ބައްދަލުކުރަން ބޭނުންވާ ކަމަށާއި އިންތިހާބުވެއްޖެނަމަ ކުރިއަށް ގެންދާނީ ވެސް މިހާރު ހާމަކުރައްވާ މިނިވަން ހިޔާލުގެ ތެރެއިން ކަމަށެވެ. އޭނާ މިހާރު މަސައްކަތް ކުރައްވާ އެމްއާރްއެމްގެ ތެރެއިން ވެސް މަސައްކަތް ކުރާނީ އެގޮތުގައި ކަމަށާއި ނާޖައިޒު އެއްވެސް އަމުރެއް ކުރާނެ ފަރާތެއް އެމްއާރްއެމްގެ ތެރޭގައި ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.

ދާއިރާގެ ރައްޔިތުން، ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނާ ވެސް ބައްދަލުކޮށް އެ ކެންޑިޑޭޓެއްގެ ވާހަކަތައް އަޑުއެހުމަށް ފާރިސް އެދިވަޑައިގެންނެވި އެވެ. އަދި އުއްމީދަކީ އެއަށްފަހު އިހްތިޔާރު ކުރާނީ އޭނާ ކަމަށް ވެސް ވިދާޅުވި އެވެ. ފާރިސް ވިދާޅުވީ އަންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބަކީ މުސްތަގުބަލް ބައްޓަން ކުރި ވަރަށް މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.