ރިޕޯޓް

ހައިކޯޓް "ހަލާކުކޮށްލީ" ރައްޔިތުންގެ އަތުން!

"ރަނގަޅަށް ހިނގަމުންދިޔަ ކޯޓެއް ހަމަ ކުދިކުދި ކޮށްލީ!" މިއީ ޝަރުއީ ދާއިރާ އިސްލާހު ކުރުމާ ގުޅޭ މަޝްވަރާ ކުރުމަށް ބޭއްވި ކޮންފަރެންސްގެ ތެރޭގައި ފަނޑިޔާރަކު ފާޅު ކުރެއްވި ކަންބޮޑުވުމެކެވެ.

އެ ފަނޑިޔާރު އިޝާރަތް ކުރެއްވި ކޯޓަކީ ހައިކޯޓެވެ. ދަރުބާރުގޭގައި ކުރިއަށް ދިޔަ އެ ކޮންފަރެންސްގައި ހައިކޯޓާމެދު އެ ކަންބޮޑުވުން ވަރަށް ބޮޑަށް އުފުލިގެން ދިޔަ އެވެ. ހައިކޯޓުގެ ދެ ގޮތްޕެއް ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމް ކުރުމަކީ ސީދާ ފަނޑިޔާރުންގެ "އަތް ބަނުމަށް" ކުރި ކަމެއްގެ ގޮތުގައި ސިފަކުރި އެވެ.

"އޭގެ ކުރިން ހައިކޯޓަކީ ޝަކުވާއެއް އޮތް ކޯޓެއް ނޫން، ގޮފިތައް އުފެއްދީ ފަނޑިޔާރުންނަށް ސީދާ ނުފޫޒު ފޯރުވަން، އެއާއެކު ހައިކޯޓް ވަރަށް ބޮޑަށް ފަހަތަށް ގޮސްފަ މިވަނީ،" އެ ކޮންފަރެންސްގައި ހައިކޯޓުގެ ފަނޑިޔާރަކު ވިދާޅުވި އެވެ.

ހައިކޯޓުގެ ދެ ގޮފި އުފައްދާ، ފަނޑިޔާރުން އެތަންތަނަށް ފޮނުވަން ގާނޫނަށް އިސްލާހު ގެނައީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ އިސްލާހު ގެނައީ ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރަން ހުށަހެޅި އިސްލާހާއެކު އެވެ. އެ އިސްލާހުގައިވާ ގޮތުން ދެ ގޮތްޕަށް ފަނޑިޔާރުން ކަނޑައަޅާނީ ހައިކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުންނެވެ.

ހައިކޯޓުން ތިން ފަޅިއަށް ފަޅާލިއިރު އެ ކޯޓުގައި ތިއްބެވި ނުވަ ފަނޑިޔާރުންނަކީ ވެސް ވަރަށް ގާބިލް ބޭފުޅުންނެވެ. އޭރު އެ ކޯޓުގައި ވަރަށް ގަވައިދުން މައްސަލަތައް ނިންމަމުން ވެސް ދިޔަ އެވެ. ރައްޔިތުންގެ ޝަކުވާއެއް ނެތެވެ. ގިނަ ދުވަސްވީ މައްސަލައެއް ނޯވެ އެވެ. އެކަމަކު، އެކަން މުޅިން ބަދަލުވެގެން ދިޔައީ ގޮފިތަކާއެކު އެވެ.

"މީޑިއާގައި ސިފަކުރީ ތިން ފަނޑިޔާރުންގެ ޗުއްޓީ ދަތުރެއްގެ ގޮތުގައި، އެކަމަކު އެހެނެއް ނޫން،" ކަންބޮޑުވުން ފާޅު ކުރެއްވި ފަނޑިޔާރަކު ވިދާޅުވި އެވެ.

އެ ފަނޑިޔާރު ވިދާޅުވި ގޮތުގައި އައްޑޫ ސިޓީގައި ވަކިން އޮންނަ ރަށެއްގައި އެއްވެސް މަސައްކަތެއް ނުކުރެވި، ގިނަ ދުވަސްތަކަކު ތިބެން ޖެހުމަކީ ނަފުސާނީ ގޮތުން ގިނަ އަސަރުތަކެއް ކުރި ކަމެކެވެ.

"ގޮތްޕަށް ބަދަލުކުރީ ކިހާ ދުވަހަކަށް ކަމެއް ސާފެއް ނުވޭ، އެކަމުގައި ރުހުން އޮތްތޯ ވެސް ނުބަލާ، ޝަކުވާ އަހާނެ މީހަކު ވެސް ނުވި،" ފަނޑިޔާރު ވިދާޅުވި އެވެ.

ގޮފިތައް ހަދައި ފަނޑިޔާރުން ބަދަލުކުރަން ނިންމިތަނާ އޭރު ހައިކޯޓުގައި ހުންނެވި ފަނޑިޔާރު އައްބާސް ޝަރީފް އިސްތިއުފާ ދެއްވި އެވެ. އޭގެފަހުން ގޮތްޕަށް ބަދަލު ކުރެއްވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވެސް އިސްތިއުފާ ދެއްވި އެވެ. އެއީ އެ މަގާމުގައި ހުންނެވި ހަމައެކަނި އަންހެން ބޭފުޅާ ވެސްމެ އެވެ. ޕީއެޗްޑީ އޮތް ރާއްޖޭގެ ދެ ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅާ އެވެ. އަދި މަސައްކަތަށް ވަރަށް ގާބިލް ބޭފުޅެއް ކަމުގައި ގިނަ ބަޔަކު ދެކުނު ފަނޑިޔާރެކެވެ.

އަޒްމިރަލްދާ މަގާމުން އިސްތިއުފާ ދެއްވި އެންމެ މައިގަނޑު ސަބަބަކީ ދެކުނު ގޮތްޕަށް ބަދަލުކުރި ސީދާ މުއްދަތު އޭނާއަށް ސާފު ނުވުމެވެ. އެކަން ސާފު ކުރަން އަޒްމިރަލްދާ ސިޓީ ނުފޮނުވާ ތަނެއް ވެސް ނެތެވެ. އެކަމަކު އެކަން ސާފު ނުކޮށް ދިނެވެ. އިސްތިއުފާ ދެއްވަމުން އޭނާ ވިދާޅުވެފައި އޮތީ އިސްތިއުފާ ދެއްވުމަށް ވަނީ މަޖުބޫރުކުރީ އެވެ.

"ވަކިވަކި ފަރުދުންނަށް އަމާޒުކޮށްގެން ގާނޫނުތައް ހަދަމުންދަނީ، އޭގެ ސަބަބުން އަސާސީ ހައްގުތައް ގެއްލެމުންދާއިރު އެކަމަށް ފާރަވެރިވާނެ ނިޒާމެއް ވެސް ނެތް،" އަޒްމިރަލްދާ އޭރު ވިދާޅުވެފައިވެ އެވެ.

އޭގެފަހުން ދެކުނު ގޮފީގައި ހުންނެވި ފަނޑިޔާރު ސުޖާއު އުސްމާނު ވެސް ގޮފި ދޫކުރައްވައި މާލެ ވަޑައިގެންނެވި އެވެ. އިންޒާރުތަކެއް ލިބެމުންދިޔަ ކަމަށް ވިދާޅުވެ އެވެ. ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ފަނޑިޔާރު ސުޖާއު އުސްމާން މާލެ ވަޑައިގެންނެވުމުން ދެކުނު ގޮފީގެ މަސައްކަތް ހުއްޓިފައި އޮތެވެ. ތިން ފަނޑިޔާރުން ހަމަނުވާއިރު، ޝަރީއަތެއް ނުހިންގެ އެވެ. އެއްވެސް މަސައްކަތެއް ނެތި، މީދޫގައި ބާކީ ދެ ފަނޑިޔާރުން ތިއްބެވި އެވެ.

އޭރު ފަނޑިޔާރުން މަދުވެ، މާލޭ ހައިކޯޓަށް ދިޔައީ މައްސަލަތައް ފުނި ޖެހެމުންނެވެ. ތިން ފަނޑިޔާރުން ދެކުނު ގޮތްޕަށް ފޮނުވިއިރު ދެ ފަނޑިޔާރަކު އިސްތިއުފާ ދެއްވުމުން ބާކީ ތިއްބެވީ ހަތަރު ފަނޑިޔާރުންނެވެ. ހަތަރު ފަނޑިޔާރުންނަށް ލޯޑް ބޮޑުވެ، ހައިކޯޓުގެ މަސައްކަތަށް ބޮޑު ލަސް ކަމެއް އަ އެވެ. އެކަން ސުޕްރީމް ކޯޓުގެ ސާކިއުލާއެއްގައި ވެސް ވަރަށް ބޮޑަށް ފާހަގަކޮށްފަ އެވެ.

ހަައިކޯޓަށް ފަނޑިޔާރުން ހޯދުމަށް އެކި ފަހަރު މަތިން އިއުލާން ވެސް ކުރި އެވެ. އެކަމަކު އެންމެ އެކަށީގެންވާ ފަރާތްތައް ކުރިމަތި ނުލައްވާތީ، އެކަން ވެސް ލަސްވެގެން ދިޔައީ އެވެ.

އެހެން ގޮސް މުޅި ހައިކޯޓު ފަނޑިޔާރު ވިދާޅުވި ގޮތަށް "ކުދިކުދި" ވެގެން ދިޔައީ އެވެ. އެހެންވީ، ރައްޔިތުންގެ މަޖިލީހުގެ ސަބަބުންނެވެ. ވަކި ބަޔަކަށް އަމާޒުކޮށް ރައްޔިތުންގެ މަންދޫބުން ގެނައި އިސްލާހުގެ ސަބަބުންނެވެ. އެ ޒިންމާ އެޅެނީ ރައްޔިތުންގެ ބޮލުގަ އެވެ.

ކޮންފަރެންސްގައި ބައިވެރި ވަޑައިގެން ފަނޑިޔާރަކު ވިދާޅުވި ގޮތުގައި ފަނޑިޔާރުގެ އިސްލާހު ކުރާ ވާހަކަ ދައްކާއިރު އެއީ ރައްޔިތުން ވިސްނަން ޖެހޭ ކަމެކެވެ. ފަނޑިޔާރުންގެ އަތް ބަނުމަށާއި ފަނޑިޔާރުގެއަށް އަތް ބޭނުމަށް މަޖިލިސް މެންބަރުންތަކެއް އެކުވެލާފައި ގާނޫނުތަކަށް ނުބައި ނިޔަތެއްގައި ބަދަލު ގެނައުމަކީ ހުއްޓާލަން ޖެހޭ ކަމެކެވެ.

"އަބަދުވެސް ދައްކަނީ ފަނޑިޔާރުގެ އިސްލާހު ކުރާ ވާހަކަ، އެކަމަކު މަޖިލިސް ވެސް އިސްލާހު ވާން ޖެހޭ، ރައްޔިތުން ވެސް އެކަމަށް ސަމާލުވާން ޖެހޭ، ވަކި ފަނޑިޔާރަކަށް އަމާޒުކޮށް، ވަކި ކޯޓަކަށް އަމާޒުކޮށް މިހެން ގާނޫނުތައް ބަދަލުކުރުމުގެ ހިތި މިއަދު މި ފެނިގެން މި ދިޔައީ،" އެ ފަނޑިޔާރު ވިދާޅުވި އެވެ.

ގޮފީގައި ފަނޑިޔާރުން ބޭތިއްބުމުގެ ވިސްނުން ދޫކޮށްލާފައިވާއިރު ހައިކޯޓުގެ މަސައްކަތުގައި މިހާރު ސްޕީޑް ވަނީ ލިބިފައެވެ. އެކަމަކު، ވިސްނަންވީ ގެއްލިގެން ދިޔަ ވަގުތަށެވެ. ގެއްލިގެންދިޔަ ފައިސާ އާއި ވަސީލަތްތަކަށެވެ. ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ އަތުން ޖަހައިގަތް ހައްގަށެވެ.

ވޭދުވެދިޔަ އަހަރުތަކުގައި ޝަރުއީ ދާއިރާގެ އިތުބާރު މީގެ ކުރިން ނުގެއްލޭ މިންވަރަށް ގެއްލިގެން ގޮސްފައިވާއިރު އެކަމުގައި ހަމައެކަނި ޒިންމާ ނަގަން ޖެހެނީ ފަނޑިޔާރުނެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރު ވެސް އެކަމުގެ ޒިންމާ އެބަ އޮތެވެ. އެންމެ ބޮޑު ޒިންމާއެއް އޮތީ މެންބަރުންނާއި ސަރުކާރު ހޮވި ރައްޔިތުންގެ އެވެ. ކުރިއަށް އޮތް އިންތިހާބުގައި ވޯޓުލާއިރު ފުންކޮށް ރައްޔިތުން ވިސްނަން ޖެހެނީ ވެސް މި ޒިންމާ ބޮޑުކަމުންނެވެ.