ހަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބަހާއި ފެރީ ދަތުރު ހިލޭ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ ހިދުމަތްތައް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން އެމްޓީސީސީ ބަހާއި ފެރީގައި ހިލޭ ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސައިފި އެވެ.

އެމްޓީސީސީއިން މިއަދު ބުނި ގޮތުގައި ހިލޭ ދަތުރު ކުރުމަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގައި ނުކުޅެދުންތެރިކަަން ހުންނަ ފަރާތެއްކަމަށް ރެޖިސްޓްރީ ކުރަން ޖެހޭނެ އެވެ. އަދި އެންސްޕާގައި ރެޖިސްޓްރީ ކުރުމުން އެ ކުންފުނިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ ކާޑު ހިފައިގެން ދިއުމުން އެމްޓީސީސީ ބަހާއި ފެރީގެ ހިދުމަތްތައް ހިލޭ ލިބޭނެ ކަމަށް ބުނެ އެވެ.

ނުކުޅެދުންތެރިކަަން ހުރި ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެ ގޮތް މިއަދުން ފެށިގެން ހަމަޖައްސާފައިވާ އިރު، ހުޅުމާލެ ތެރޭ ދުއްވާ ބަހާއި ހުޅުމާލެއިން އެއާޕޯޓަށް ދަތުރު ކުރާ ބަސްތައް ވެސް މި ހިދުމަތުގެ ތެރޭގައި ހިމެނެ އެވެ.

އެމްޓީސީސީ އިންތިޒާމް ކޮށްގެން ދުއްވާ ބަސްތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަދި ހާއްސަކޮށް ފިޒިކަލް ޑިސެބިލިޓީ ހުންނަ ފަރާތްތަކަށް އަރާ ފޭބުމަށް ފަސޭހަ ވާނެ ގޮތަކަށް ހުންނަ ބަސްތަކެކެވެ.