މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ އޮޕަރޭޝަނަލް ޔުނިފޯމް ބަދަލުކޮށްފި

ފުލުހުންގެ ޔުނިފޯމާ ބެހޭ ގަވާއިދަށް އިސްލާހުތަކެއް ގެނެސް ފުލުހުން ބޭނުންކުރާ އޮޕަރޭޝަނަލް ޔުނިފޯމް އާއި ތޮއްޕަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ޔުނިފޯމްއާ ބެހޭ ގަވާއިދަށް އިސްލާހުކޮށްފައި ވަނި އިއްޔެގެ ވަގުތެއްގަ އެވެ.

އަލަށް ގެނައި އިސްލާހުގައި ވާގޮތުން މިހާރު ބޭނުން ކުރަމުންދާ އޮޕަރޭޝަން ޔުނިފޯމްގެ ބަދަލުގައި ދެން ފުލުހުން ބޭނުންކުރާނީ އަތްދިގު ކޮމްބެޓް ގަމީހެވެ. އަދި އެގަމީހުގެ ކުރިމަތީގައި ދެ ޖީބު ހުންނައިރި އެޖީބުތަށް ހުންނަންވާނީ ހުޅުވޭގޮތަށް ވެލްކުރޯއާ އެކުގައި މަތިއަޅާފަ އެވެ. މީގެ ކުރިން ފުލުހުންގެ އޮޕަރޭޝަން ޔުނިފޯމްގެ ގޮތުގައި އަތްދިގު ޔުނިފޯމް ބޭނުން ކުރިޔަސް އާއްމުކޮށް ހުންނަނީ އަތް އޮޅާފަ އެވެ.

އެ އިސްލާހުގައ ވާގޮތުން މިހާރު ފުލުހުންގެ ޔުނިފޯމިގައި ހުންނަށް ގޮތް ތަކުގެ ބަދަލުގައި ދެން ހުންނާނީ ޒިޕް ހަރުކޮށް ޒިޕް ފޮރުވޭގޮތަށް ވެލްކުރޯއިން ދެފަޅީ ތަތްކުރެވޭ ގޮތަށެވެ. އަދި ޔުނިފޯމުގެ ގިރުވާން ހުންނަން ޖެހޭނީ ގޯޖެޓް ޕެޗް އިން ހަރުކުރެވޭ ގޮތަށެވެ. މިއާއިއެކު އަތުކުރީގެ ބެކަލް ހުންނަން ޖެހޭނީވެސް ވެލްކުރޯއިން ތަތްކުރެވޭގޮތަށެވެ.

އޮޕަރޭޝަން ޔުނިފޯމް އާއްމުކޮށް ބޭނުންކުރާއިރު ހުންނަން ޖެހޭނީ ދެ ފަރާތަށް ހުޅުވައިފަ އެވެ. އޮޕަރޭޝަން ހާލަތުގައި ޔުނިފޯމްއާ އެކުގައި ރަޔަޓް ގިޔާ ބޭނުން ކުރާނަމަ ލިބިދާނެ ގެއްލުމަކުން ސަލާމާތްވުމަށް ގިރުވާން ލޮކްކޮށްފައި ބެހެއްޓުމަށް އެއިސްލާހުގައި ވަނީ ބުނެފަ އެވެ.

ފުލުހުންގެ ރޭންކް އަންގައިދިނުމުގެ ގޮތުން ކޮނޑުމަތިގައި ޖަހާފައި ހުންނަށް ރޭންކް ބެޖަށް އަލަށް ގެނައި އިސްލާހުގެ ދަށުން ދެން ހުންނާނީ ހުދުކުލައިގެ ކަސަބުން ހަދައި ގަމީހުގެ މޭމަތީގައި ހަރުކުރެވޭ ގޮތަށެވެ.

ފުލުހުންގެ ޔުނިފޯމްއާއެކު ފުލުހުން ބޭނުންކުރާ އޮޕަރޭޝަން ތޮފިއަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އަލަށް ބޭނުންކުރާ ޔުނިފޯމް އާއިއެކު ބޭނުންކުރާނީ ބޭސްބޯލް ތޮއްޕެކެވެ. ފުލުހުންގެ އޮފިސަރަކު ތޮފި ބޭނުންކުރާނަމަ ބޭސްބޯލް ކެޕްގެ ހެޑްގިޔާ ހުންނަންވާނީ އެއޮފިސަރައެއްގެ ރޭންކާ ގުޅޭގޮތަށް ރިތު އަޅައިފަ އެވެ. މީގެ ކުރިން ފުލުހުންގެ ބޭނުންކުރަމުން ދިިޔަ ތޮފީގައި ރޭންކް އަންގައި ދިނުމުގެ ގޮތުން އެއްވެސް ކަހަލަ ނިޝާނެއް ނުހުރެ އެވެ.