ހަބަރު

ޝަރުއީ ދާއިރާގެ ވަފުދެއް ތުރުކީއަށް ޒިޔާރަތްކޮށްފި

ޝަރުއީ ކޯޓުތަކާއި އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، ޝަރުއީ ދާއިރާއަށް ގެންނަންޖެހޭ އިސްލާހީ ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި ޝަރުއީ ދާއިރާގެ އިސް ވަފުދެއް ތުރުކީ ވިލާތަށް ޒިޔާރަތްކޮށްފި އެވެ.

ޝަރުއީ ދާއިރާގެ ވަފުދު ތުރުކީއަށް ޒިޔާރަތްކޮށްފައިވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އެވެ. ދަތުރު ނިންމާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ޑީޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭ އިން ބުނީ، އެދަތުރުގެ މައިގަނޑު މަގުސަދަކީ ތުރުކީ ވިލާތުގެ މަދަނީ އަދުލުގެ ނިޒާމް ހިނގާގޮތް ބަލައި ދިރާސާކުރުމާއި ތުރުކީގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ކަންކަން ރޭވި ހިނގަމުންދާގޮތް ބަލައި ދިރާސާކުރުން ކަމަށެވެ. އަދި ރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަންނީ ގާބިލިއްޔަތު އިތުރުކުރުމަށް ތުރުކީ ވިލާތުގެ ޖުޑީޝަލް ޓްރޭނިންގެ މަސައްކަތްކުރާ މުއައްސަސާއާ ގުޅުން ބަދަހިކުރުމާއި އެ މުއައްސަސާގެ އެހީތެރިކަން ހޯދައި ރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ހިންގާ ޕްރޮގްރާމްތަކަށް އެ މުއައްސަސާގެ ފަންނީ އެހީތެރިކަން ހޯދުން ކަމަށްވެސް ޑިޖޭއޭ އިން ބުންޏެވެ.

މި ދަތުރުގައި ތުރުކީ ވިލާތުގެ މިނިސްޓްރީ އޮފް ޖަސްޓިސްއާ ތުރުކީ ވިލާތުގެ ޖަސްޓިސް އެކަޑަމީއާ ކޯޓު އޮފް ކެސޭޝަންއާ ރީޖަނަލް ކޯޓު އޮފް އެޕީލްއާ ސިވިލް ކޯޓް އޮފް ފަސްޓް އިންސްޓެންސްގެ އިތުރުން އޮފީސް އޮފް ދަ ޗީފް ޕްރޮސިކިއުޓަރަށްވެސް ޒިޔާރަތްކޮށް އެ ތަންތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ކޮށްފައިވާ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.

ޑީޖޭއޭ އިން ބުނީ، ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށްދީ ޝަރުއީ އަދި އިދާރީ ހެޔޮ ބަދަލުތައް ގެނައުމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން ކުރަމުންގެންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ތުރުކީ ވިލާތުން ދެއްވާނެ ކަމަށެވެ. އެގޮތުން ޝަރުއީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ކަންތައް ކައިރި މުސްތަގުބަލެއްގައި ފައްޓަވާނެކަމަށް ތުރުކީ އިން ޔަގީންކަން ދެއްވާފައިވާ ކަމަށްވެސް ޑީޖޭއީ އިން ބުންޏެވެ.

ދަތުރުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުއާދަމް މުހައްމަދު އަބްދުﷲއާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ހައިކޯޓާއި ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ ފަނޑިޔާރުންގެ އިތުރުންސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްއާ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.