ހަބަރު

މާރިޔާގެ ތައުރީފު، ނަހުލާއަށް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ މާރިޔާ، ނަހުލާއަށް ތައުރީފް ކުރައްވާާފައިވަނީ އެމްޑީޕީ އާއި ނަހުލާގެ ފިރިކަލުން ގާސިމް އިބްރާހިމާ ދެމެދު ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައިނިކޮށެވެ.

ގާސިމް އިބްރާހިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބައެއް ކެންޑިޑޭޓުންނަށް ޖުމްހޫރީ ޕާޓީގެ ތާއިދު ދޭން ނިންމާފަ އެވެ. އެކަމަކު އެކަމަށް ތާއިދު ނުކުރައްވާކަން ނަހުލާ ވަނީ ހާމަ ކުރައްވާފަ އެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވެފައިވަނީ ކުރީގެ ރައީސް ޔާމީނަށް ދުވަހަކު ވެސް މާފު ނުކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާނެކަން ވެސް ވަރަށް ސާފުކޮށް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މާރިޔާ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ނަހުލާއަކީ ގަބޫލު ކުރައްވާ އުސޫލުތަކާއި ހަމަތަކުގެ މަތީގައި އަބަދުވެސް ހުންނަވާ ބޭފުޅެއް ކަމަށެވެ. އެއީ ވަރަށް ބޮޑަށް ބަލައިގަނެވޭ ސިފައެއް ކަމަށެވެ.

"ނަހުލާ އަބަދުވެސް އޭނާ ގަބޫލު ކުރާ އުސޫލުތައް ހިފަހައްޓަން ވާހަކަ ދައްކާ، އަދި ޕާޓީއިން ހިފަހައްޓަން ޖެހޭ ހަމަތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވާ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓްގެ އެންމެ މަގުބޫލް އެއް މިނިސްޓަރަށް ނަހުލާ ވެފައިވަނީ އެ ސިފަތައް އެހެން ހުރުމުންނެވެ.

ނަހުލާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެއީ ގާސިމް އިބްރާހިމް ހައްޔަރުކޮށް ޖަލަށްލުމާ ގުޅިގެން އެމަނިކުފާނު ރާއްޖެއިން ބޭރަށް އަމިއްލައަށް އަރުވާލެވުމަށްފަހު އެވެ. ނަހުލާ ފާޅުގައި ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވީ އެކެއް ފެބުރުއަރީގެ އަމުރަށްފަހު ދޮން ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ހައްޔަރުކުރުމާއެކު އެވެ.

އޭގެފަހުން ނަހުލާގެ މަގުބޫލްކަން އިތުރުވަމުންދިޔަ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ވެސް ރަށްރަށް އަމިއްލައަށް ވަޑައިގެން އަދި ރައީސްއާއެކު ދަތުރު ކުރައްވައިގެން ވެސް ކެމްޕެއިން ކުރެއްވި އެވެ.