ހަބަރު

އެމްޑީޕީއަށް ވޯޓުދީ، ނޫންނަމަ ސަރުކާރު ހިންގަން ދަތިވާނެ: ރައީސް

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ މެންބަރުން ހޮވުން މުހިންމު ކަމަށާއި ނޫންނަމަ ސަރުކާރު ހިންގަން ދަތިތަކާ ކުރިމަތިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އުފަން ރަށް، ޅ. ހިންނަވަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރި ހުރިހާ ޕާޓީތަކެއްގެ މަސައްކަތް ވެސް ބަލައިގަންނަ ކަމަށެވެ. ޕާޓީތަކާއި އެހެން ވެސް ގިނަ ބައެއްގެ މަސައްކަތުން ނޫނީ މި ކާމިޔާބީ ނުލިބުނީސް ކަމަށެވެ.

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މަސައްކަތް ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ އެއިން އެއްވެސް ބޭފުޅަކަށް އެމަނިކުފާނު ވެރިކަމުގައި ހުންނެވިހާ ދުވަހަކު ދެރަ ގޮތެއް ނުވާނެ ކަމަށެވެ. އެ ހުރިހާ ބޭފުޅުންނަކީ ވެސް އޭރު އެމަނިކުފާނުގެ ހުރިހާ ވައުދުތަކަށް ތާއިދު ކުރެއްވި ބޭފުޅުން ކަމަށާއި މިއަދު އެ ވައުދުތައް ފުއްދުމަށްޓަކައި ކުރައްވަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ވައުދުތަކުގައި އެއް އަޑަކުން އޭރު ހުރިހާ ބޭފުޅުން އަޅުގަނޑާއެކު ނުކުމެ ތިއްބެވި، އަޅުގަނޑަކަށް މިއަދަކު ނެތް އެ ދައުދުތަކާ ދުރަށް ދެވޭކަށް، ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމަށްޓަކައި އަޅުގަނޑަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން މިއޮތީ މަޖުބޫރުވެފަ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ވެރިކަމާ ހަވާލުވެވަަޑައިގަތް ދުވަހުން ފެށިގެން އެ މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމުގައި އެންމެ ވަގުތުކޮޅަށް ވެސް މަޑު ނުޖެހި ކުރިއަށްދާނެ ކަމަށެވެ. ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލިސް ވަރަށް މުހިންމު ކަމަށާއި މަޖިލީހުގައި ތިބެން ޖެހޭނީ ވައުދުތައް ގަބޫލުކުރާ މެންބަރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެން ނޫންނަމަ އެ ވައުދުތައް ފުއްދުމަށް އުނދަގޫވާނެ، ގާނޫނު ހަދަން އެބަ ޖެހޭ، ގާނޫނީ ހައްލު ހޯދަން ޖެހޭ ކިތަންމެ ކަމެއް އެބަހުރި، މިކަމަށް ތާއިދުކުރާ މީހުން މަޖިލީހުގައި ނެތް ކަމަށްވާނަމަ ސަރުކާރު ހިންގަން އަޅުގަނޑަށް ދަތި އުނދަގޫތަކާ ކުރިމަތިވާނެ،" ރައީސް ވިދާޅުވި އެވެ. "އެހެންކަމުން އަޅުގަނޑު މި ގޮވާލަނީ އެޖެންޑާ 19 އަށް ވޯޓު ދެއްވާށޭ،"

ރައީސް މިހެން ވިދާޅުވިއިރު މިހާރު ވެސް ސަރުކާރުން ފޮނުވި ބައެއް މުހިންމު ބިލްތައް މަޖިލީހުގައި ވަނީ ފާސްނުވެ އެވެ. ޖުމްހޫރީ ޕާޓީގެ މެންބަރުންނާއެކު މިހާރު ވެސް މެޖޯރިޓީ އޮތީ ސަރުކާރަށެވެ. އެކަމަކު، އެންމެ ބިލް ކަމަށްވާ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ވެސް އޮތީ ހުއްޓިފަ އެވެ. އެހެންވެ، މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ކޮންމެހެން ވެސް ބޭނުންވާ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ.

މަޖިލިސް އިންތިހާބާ ގުޅިގެން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ދެމެދު ހިޔާލު ތަފާތުވުން ވަނީ ބޮޑުވެފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބައެއް ކެންޑިޑޭޓުންނަށް ގާސިމް ތާއިދު ވެސް ކުރައްވަ އެވެ. އެކަމަކު އެކަމާ ދެކޮޅަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅުން ވަނީ ނުކުންނަވާފަ އެވެ.