ވިޔަފާރި

އެސްއެމްއީ ބޭންކުން ލޯނު އެވްރެޖުކޮށް ހަ ޕަސެންޓް އިންޓްރެސްޓުގައި

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް މާލީ އެހީތެރިކަން ދޭން ހުޅުވި، އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ލޯނު ދޫކުރާނީ އެވްރެޖު ގޮތެއްގައި ހަ ޕަސެންޓުގެ އިންޓެސްޓުގައި ކަމަށް ބުނެފި އެވެ.

ހ. ސަކީނާ މަންޒިލްގައި ހުޅުވި އެސްޑީއެފްސީގެ އޮފީސް ހުޅުއްވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ބޭންކްގެ އޮފީސް ހުޅުވުމަށްފަހު، އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު ވިދާޅުވީ އެ ބޭންކުން ލޯނު ދޫކުރުމުގެ އިތުރުން ފަންނީ އެހީތެރިކަން ވެސް ދޭނެ ކަމަށެވެ.

"މިހާރު ހަތަރު ޕްރޮޑަކްޓެއް މި ދޫކުރަނީ. ކުރިއަށް އޮތްތަނުގައި އިތުރު ލޯނު ޕްރޮޑަކްޓްތައް ދޭނެ. އެސްޑީއެފްސީއިން ލޯނު ދޫކުރާއިރު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މިއީ ކުދި ވިޔަފާރިތަކަށް ހާއްސަކޮށް ދޭ ލޯނު ތަކެއްކަން. މިފަދަ ވިޔަފާރިތަކަށް ފަންނީ އެހީ ކުރިން އެކަށީގެންވާ ގޮތެގައި ދީފައެއް ނުވޭ. މި ލޯނަކީ ފުރަތަމަ ފަހަރަށް ދަނޑުވެރިންނަށް ދޫކުރާ ލޯނު،" ޒީނާދު ވިދާޅުވި އެވެ.

އެސްޑީއެފްސީ އިން ލޯނުގެ ހަތަރު ޕްރޮޑަކްޓެއް ތައާރަފުކޮށްފައިވެ އެވެ. ފުރަތަމަ އަހަރު 70 އާއި 100 މީހުންނަށް ލޯނު ދޫކުރާނެ އެވެ.

1
 

ހަރުމުދާ

އެސްޑީއެފްސީގެ ހަރުމުދާ ލޯނުގެ މަގުސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކޮށް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ހަރުމުދާ ހޯދައި ދިނުމަށް އެހީތެރިވެ ދިނުމެވެ. މި ލޯނު މެދުވެރިކޮށް މުދާ ގަތުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އިމާރަތް ކުރުމާއި މަސްވެރި ކަމާއި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އަދި އުފެއްދުންތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށެވެ. މި ލޯނު ހާއްސަ ވާނީ ވިޔަފާރިއަށް ބޭނުންވާ މެޝިނަރީ އާއި އިކުއިޕްމަންޓް އަދި ވެހިކަލް ގަތުމެވެ.

ހަރުމުދާ ލޯނު ދޫކުރާނީ 100,000 ރުފިޔާ އާއި 3,000,000ރ. އާއި ދެމެދުގެ އަދަދެކެވެ. މި ލޯނުގެ އިންޓްރަސްޓް ރޭޓަކީ އަހަރު ހަ ޕަސެންޓެވެ. މި ލޯނަށް ހަރަދު ކުރަން ޖެހޭނީ އަމިއްލަ އަތުން ހަރަދު 15 ޕަސެންޓާއި 20 ޕަސެންޓެވެ. ލޯނު ދައްކަން ހަ އަހަރު ލިބޭއިރު، ގްރޭސް ޕީރިއަޑުގެ ގޮތުގައި އެއް އަހަރު ލިބެ އެވެ. ރަހުނުގެ ގޮތުގައި ގޯތި ގެދޮރާއި އެހެނިހެން މުދާ ގަބޫލު ކުރެވޭނެ އެވެ.

2
 

ދަނޑުވެރި ނަފާ

"ދަނޑުވެރި ނަފާ" މި ލޯނަކީ އެސްޑީއެފްސީ އާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރު ގުޅިގެން ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެކުލަވާލެވުނު ލޯނެކެވެ. ދަނޑުވެރިކަމަކީ އެސްޑީއެފްސީއިން ލޯނު ދޫކުރުމުގައި އިސްކަންދޭ ދާއިރާއަކަށްވެފައި، މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް މެދުވެރިކޮށް ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމެވެ. މި ލޯނު ބޭނުން ކުރެވޭނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަން ކުރުމަށް ނުވަތަ އާބަން އެގްރިކަލްޗަރު، ގްރީން ހައުސް ފަދަ ޕްރޮޓެކްޓެޑް އެގްރިކަލްޗާ އަދި ވާޓިކަލް ދަނޑުވެރިކަންފަދަ ކަންތައްތައް ހިމެނެ އެވެ. މީގެ އިތުރުން ޕޯލްޓްރީ އަދި ދިރޭމާލު ނުވަތަ ދަނޑުވެރިކަމުގައި ގެންގުޅޭ ކުދި ޖަނަވާރު ގެންގުޅުން ހިމެނެ އެވެ. އަދި އެގްރޮފޮރަސްޓްރީ ނުވަތަ ގަހުގެ ނާސަރީތައް ގާއިމްކުރުމާއި ލިއު އެޑިޝަންގެ މަސައްކަތް ހިމެނެ އެވެ.

ދަނޑުވެރިކަމުގެ މި ލޯނު ރަހުނަކާއި ނުލާ 75،000 ރުފިޔާގެ ލޯނު އަމިއްލަ އަށް އެއްވެސް އަދަދެއް ހަރަދުކުރާކަށް ނުޖެހޭ އެވެ. އަދި އަމިއްލަ ފަރުދުންނަށް ގިނަވެގެން ނެގޭނީ 500،000 ރުފިޔާ އެވެ. ކޯޕަރޭޓިވްސް އަދި ކުންފުނިތަކަށް ގިނަވެގެން 2،000،000 ރުފިޔާގެ ލޯނެވެ. މި ލޯނުގެ އިންޓެސްޓަކީ ވެސް ހަ ޕަސެންޓެވެ. އަދި މި ލޯނަށް ވެސް ހަރަދު ކުރަން ޖެހޭނީ އަމިއްލަ އަތުން ހަރަދު 15-20 ޕަސެންޓެވެ. ލޯނު ދައްކަން ހަތް އަހަރު ލިބެ އެވެ. އަދި ގްރޭސްޕީރިއަޑްއަކީ އެއް އަހަރު ދުވަހެވެ. އަދި ރަހުނުގެ ގޮތުގައި ގޯތިގެދޮރާއި އެހެނިހެން މުދާ ގަބޫލުކުރެވޭނެ އެވެ.

3
 

ވިޔަފާރި އެހީ

"ވިޔަފާރި އެހީ" ގެ މައިގަނޑު ބޭނުމަކީ ކުދި ވިޔަފާރިތަކަށް ކުރު މުއްދަތެއްގެ ތެރޭގައި ދަތިތަކާއި ނުލައި ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމެވެ. މި ލޯނު މުދާ ގަތުމާއި ދުވަހުން ދުވަހަށް ބޭނުންވާ ވިޔަފާރީގެ ހަރަދުތައް ކުރެވޭނެ އެވެ. ޕްރޮޖެކްޓް އަދި ކޮންޓްރެކްޓް ފައިނޭންސް ކުރުމަށް ހޭދަ ކުރެވޭނެ އެވެ. މި ލޯނު 500،000 ރުފިޔާ އާއި ހަމައަށް ލޯނުދޫކުރެވޭ (ގިނަވެގެން އަހަރީ އާމްދަނީގެ 10 ޕަސެންޓް ) ލިބެން ޖެހެ އެވެ. އިންޓްރެސްޓަކީ އިންޓަރެސްޓްގެ ގޮތުގައި އަހަރަކު 9.5 ޕަސެންޓް އެވެ. މިލޯނުގައި މިއްލައަށް އެއްވެސް ހަރަދެއް ކުރާކަށް ނުޖެހެ އެވެ. އަދި އަނބުރާ ދައްކަން ގިނަވެގެން ދެ އަހަރު ދުވަސް ލިބެ އެވެ. ރަހުނުގެ ގޮތުގައި ގެދޮރާއި އެހެނިހެން މުދާ ގަބޫލުކުރެވޭނެ އެވެ.

4
 

ރަށު ފަތުރު- ގެސްޓްހައުސް ވިޔަފާރިއަށް

ރަށު ފަތުރު ލޯން ތަޢާރަފްކުރުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އަތޮޅުތަކުގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ފަތުރުވެރިކަމުގެ ދާއިރާއަށް ވަނުމުގެ މަގު ފަހި ކޮށްދިނުމެވެ. "ރަށު ފަތުރު" ގެ ސަބަބުން އަލަށް ފަށާ ވިޔަފާރިތަކަށާއި ކުރިއަރަމުންއަންނަ ވިޔަފާރިތަކަށް ފަތުރުވެރިކަމުގެ ދާއިރާ އަދި މިދާއިރާއާއި ގުޅުންހުރި ވިޔަފާރިތަކަށް ވަނުމުގެ ފުރުސަތު އިތުރަށް ފުޅާކުރުމެވެ. މި ލޯނު ގެސްޓްހައުސް ވިޔަފާރި ފަށައިގަތުމަށާއި ގެސްޓްހައުސް ވިޔަފާރި ފަށައިގަތުން އަދި ހަދާ ނިމިފައިވާ ގެސްޓްހައުސްއެއް ގަތުމަށް އަދި ގެއެއް ގެސްޓްހައުސް އަކަށް ބަދަލުކުރުމާއި ގެސްޓްހައުސް ވިޔަފާރިއާއި ގުޅުންހުރި ވިޔަފާރިކުރުމަށް (ޑައިވް ނުވަތަ މޫދު ކުޅިވަރު ސެންޓަރެއް ހިންގުން ފަދަ) ކަންތައް ހިމެނެ އެވެ. މި ލޯނު 200,000 ރުފިޔާ އިން ފެށިގެން 5,000,000 ރުފިޔާ އާއި ހަމައަށް ލޯނު ލިބެ އެވެ. އަދި އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ. އަދި އަމިއްލައަށް އަމިއްލައަށް ހަރަދު ކުރަންޖެހޭނީ ޕްރޮޖެކްޓްގެ 20-15 ޕަސެންޓެވެ. އަދި އަނބުރާ ދައްކަން ހަތް އަހަރު ލިބެ އެވެ. އަދި ގްރޭސް ޕީރިއަޑުގެ ގޮތުގައި 18 މަސް ލިބޭނެ އެވެ. އަދޮ ރަހުނުގެ ގޮތުގައި ގެދޮރާއި އެހެނިހެން މުދާ ގަބޫލު ކުރެވޭނެ އެވެ.

އެސްއެމްއީ ބޭންކުގެ ލޯނު ކުރުކޮށް

  • ދޫކުރަނީ ހަތަރު ލޯނު ޕްރޮޑަކްޓެއް
  • ލޯނު ދެނީ 75،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދު
  • ލޯނުގެ އިންޓެސްޓް ރޭޓް 6-9.5 ޕަސެންޓުގައި
  • ލޯނު ދައްކަން 6-7 އަހަރު
  • ލޯނުގެ ގްރޭސް ޕީރިއަޑް 12 މަހާއި 18 މަސް
  • ލޯނަށް އަމިއްލައަތުން 12-20 ޕަސެންޓް

އެސްއެމްއީ ބޭންކެއް ހުޅުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ އެއް ވައުދެވެ.