ހަބަރު

ބޮޑު ދެ ފޭރުމާ ގުޅިގެން 8 މީހަކު ހައްޔަރުކޮށްފިން: ފުލުހުން

Mar 24, 2019
6

މިފްކޯ އާއި ބީއެޗްއެމް ޓްރޭޑާސްގެ ފައިސާތަކެއް ފޭރުނު މައްސަލާގައި އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުދަދުވަހު މިފްކޯގެ ވޭނެއް ހުއްޓުވައިގެން ފައިސާ ފޭރުނު މައްސަލާގައި ތުހުމަތު ކުރެވޭ އުމުރުން 19 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 23 އަހަރުގެ މީހާ ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި 19 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

ހެލްމެޓު އަޅައިގެން ތިބި ބަޔަކު ސްޓޭޓް އޮފް ބޭންކް ކައިރިން، ބީއެޗްއެމްގެ ފައިސާތަކެއް ފޭރުނު މައްސަލާގައި ވެސް ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ދެ ފިރިހެނުންނާއި 21 އަހަރުގެ ފިރިހެނަކާއި 18 އަހަރު ނުފުރޭ ތިން ކުދިން ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ބުދަ ދުވަހު މާފަންނުގައި ހުންނަ މިފްކޯގެ ހެޑް އޮފީހުން ދެ މިލިއަން ރުފިޔާ ހިފައިގެން ދަތުރުކުރި ވޭން ބޭރު މަގުން ދުއްވާފައި ދަނިކޮށް އޭގެ ބިއްލޫރިގަނޑު ތަޅާލައި ފައިސާ ފޭރިގަނެފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކެވެ. އެގޮތުން ދެ މިލިއަން ރުފިޔާ ވަނީ ފޭރިގެންފަ އެވެ.

ބީއެޗްއެމް އިން ފޭރިގެންފައި ވަނީ 2.3 މިލިއަން ރުފިޔާ އެވެ. ފަހަކަށް އައިސް މާލެ ސަރަހައްދުގައި ބޮޑެތި ފައިސާގެ އަދަދުތައް ފޭރުމުގެ މައްސަލަތައް ވަނީ ވަރަށް ގިނަވެފަ އެވެ.