ހަބަރު

އާ ޕޮލިސް ކޮމިޝަނަރަށް ހޯމް މިނިސްޓަރުގެ ތައުރީފު

Mar 26, 2019

ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް މުހައްމަދު ހަމީދު މިއަދު އައްޔަނުކުރެއްވުމާއި ގުޅިގެން، އެކަމަށް ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް، އެކްޓިން ސީޕީގެ މަގާމުގައި ހުންނެވި ހަމީދު އައްޔަން ކުރެއްވުމާއި ގުޅިގެން، އެކަމަށް މަރުހަބާ ވިދާޅުވެ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަމީދަކީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ވަރަށް ގާބިލު ބޭފުޅެއް ކަމަށެވެ.

"މިއީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް،" އިމްރާންގެ ޓްވީޓުގައި އިތުރަށް ވިދާޅުވި އެވެ.

ހަމީދަކީ ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ އެވެ.

އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކްގައި ފުލުހުންގެ ވަޒީފާއަށް އަލުން ވެއްދި ހަމީދު އެކްޓިން ސީޕީގެ މަގާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ ޑެޕިއުޓީ ކޮމިޝަނަރަކަށް ޕްރޮމޯޓް ކުރުމަށް ފަހު އެވެ.

ސުޕްރީމް ކޯޓުން އޭނާއަށް އަލުން ވަޒީފާ ދިނުމަށް ނިންމި ނިންމުމާ ގުޅިގެން، މިދިޔަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެމްސީ ހަމީދަށް ފުލުހުންގެ ވަޒީފާ އަލުން ދިނުމަށް ފަހު އޭނާ ހަމަޖެއްސީ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓް ނޫނީ ސިއްރު ފުލުހުންގެ ވެރިއަކަށެވެ.

ރައީސް ސޯލިހުގެ ޅިޔަނު، އެމްސީ ހަމީދު ޗީފް ސުޕްރިޓެންޑެންޓްގެ ރޭންކްގައި ހުއްޓައި އޮގަސްޓް، 2012 ގައި ފުލުހުންގެ ވަޒީފާއިން ވަކިކުރީ ފުލުހުންގެ އެތެރޭގެ މައުލޫމާތުތަކެއް ހާމަކުރިކަމަށް ތުހުމަތުކޮށްފަ އެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި، އަމުރުކޮށްފައި ވަނީ އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކުރީ އުސޫލުތަކާ ހިލާފަށް ކަމަށާއި ކުރިން އޭނާ ވަކިކުރި އިރު ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށެވެ.