ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރު ކުރަން ކުރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު އަޑުއެހުމެއް ހައިކޯޓުގައި ތާވަލުކޮށްފި އެވެ. އެ އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރުފަހު 2:30 އަށެވެ.
މީގެކުރިން މި މައްސަލާގެ އަޑުއެހުމެއް މި މަހުގެ 12 ވަނަ ދުވަހު ހައިކޯޓުގައި ބޭއްވި އެވެ. އެ ދުވަހު މައްސަލާގެ އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ. އަދި ދެން އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުން ކަމަށް އިއުލާން ކުރި އެވެ. އެހެންވެ، މިއަދުގެ އަޑުއެހުމަކީ ހުކުމް އިއްވާނެ އަޑުހުމަށް ވާނެ އެވެ.
އެ މައްސަލާގެ އަޑުއެހުންތައް ހައިކޯޓުން ކުރިއަށް ގެންދަނީ ސިއްރުންނެވެ. ކޯޓު އަމުރުގެ އިސްތިއުނާފު މައްސަލަތައް ހައިކޯޓުން އަދިވެސް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. އެހެންނަމަވެސް އެ އަމުރަކީ އާންމުކޮށް ހުޅުވާލައިގެން ބޭއްވި އަޑުއެހުމެއްގައި ކުރިމިނަލް ކޯޓުން ނެރުނު އަމުރެކެވެ.
ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކޮށްފައިވާ ލޯންޑްރީ މައްސަލާގަ އެވެ. އެ މަނިކުފާނު ބަންދު ކުރަން އަމުރު ނެރުނީ އެކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކޯޓުގައި އެދިގެނެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި ރައީސް ޔާމީން ގެންދަވަނީ މައްސަލާގައި ހިމެނޭ ފަރާތްތަކަށް ނުފޫޒު ފޯރުވަމުންނެވެެ. ހެކިންނަށް ފައިސާ ދީގެން ރިޝްވަތު ހުށަހަޅާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ތުހުމަތުތައް ރައީސް ޔާމީން ދޮގު ކުރައްވަ އެވެ. އެކަމަކު، ޕްރޮސިކިއުޓާ ޖެނަރަލްގެ ވާހަކަތަކަށް ބާރު ދިނުމަށް ބައެއް ލިޔެކިޔުންތައް ވެސް ހުށަހަޅާފައިވާތީ، ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ރައީސް ޔާމީންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
އެކަމަކު، ރައީސް ޔާމީންގެ ސިއްހީ ހާލަތަށް ބަލައި ދާދިފަހުން ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.