ހަބަރު

ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވޭ

މި ސަރުކާރު ވެރިކަމަށް އައި ފަހުން ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އެކަން ހާމަ ކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ކާމިޔާބީ ފާހަގަކުރަން މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މަގާމާ ހަވާލުވިފަހުން މިއަދާ ހަމައަށް ފަސް ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބިފައިވާ ކަމަށެވެ. އެއީ ފަތުރުވެރިކަން ކުރިއަރައި އިގްތިސޯދީ ފުދުންތެރިކަން އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

ރައީސް ވިދާޅުވީ ހިލޭ އެހީގެ ގޮތުގައި ލިބޭ އާމްދަނީ ވެސް އިތުރުވެފައިވަނީ ބޮޑު ތަނުން ކަމަށެވެ. މި ސަރުކާރު ފެށުނު ފަހުން ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ އެތައް ގުނައެއްގެ ހިލޭ އެހީ ކުރިއަށް އޮތް ތަނުގައި ވެސް ހަމަޖެހިގެން ދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މި އަހަރުގެ މިހާތަނަށް ދައުލަތުން ބަޖެޓުން 3.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެއާއެކު ދައުލަތުން އަލަށް ފަށަން ހަމަޖެހިފައިވާ ގިނަ މަޝްރޫއުތަކެއް މިހާރު އިއުލާން ކުރެވިފައިވާ ކަމަށާއި ބައެއް މަޝްރޫއުތައް ފެށުމުގެ ތައްޔާރީތައްވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވެރިކަމަށްވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ ރިޒާވަށް ވެސް ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 592 މިލިއަން ޑޮލަރުގަ ކަމަށާއި މިދިޔަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވް 757 މިލިއަން ޑޮލަރަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ރިޒާވް ވަނީ 805 މިލިއަން ޑޮލަރަށް އިތުރު ކުރެވިފަކަން ރައީސް ފާހަގަކުރެއްވި އެވެ.

ޔޫސަބަލް ރިޒާވަށް ބަލާއިރު މިދިޔަ އޮކްޓޯބަރު މަސް ނިމުނުއިރު ހުރީ 171 މިލިއަން ޑޮލަރެވެ. މިހާރު ޔޫސަބަލް ރިޒާވަކީ 242 މިލިއަން ޑޮލަރު ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ. އެހެންކަމުން ޔޫސަބަލް ރިޒާވް ވެސް މި ސަރުކާރަށް އިތުރު ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.