ޖިންސީ ގޯނާ

ޖިންސީ ކުށްކުރާ ފަރާތްތަކުގެ ދަފްތަރެއް ހަދަަން ގެޒެޓް ކޮށްފި

ތަފާތު އެކިކަހަލަ ޖިންސީ ކުށް ކޮށްގެން ހުކުމް ކޮށްފައިވާ ފަރާތަތަކުގެ މައުލޫމާތު ހިމެނޭ ދަފްތަރެއް ފެމިލީ ޕްރެޓްކަޝަން އޮތޯރިޓީ (އެފްޕީއޭ) އިން އެކުލަވައިލާ ގޮތަށް މިއަދު ގެޒެޓް ކޮށްފި އެވެ.

ޖިންސީ ކުށުގެ ގާނޫނުގެ ދަށުން އެފެޕީއޭ އިން ހަދާ އެ ދަފްތަރުގައި ރޭޕް ކުރުމާއި ހަށި ވިއްކުމާއި ބްލެކްމެއިލް ކުރުމާއި ނާސިގެ ހެދުމާއި އެއް ޖިންސުން ގުޅުން ހިންގުން ފަދަ 21 ކުށެއްގައި ހުކުމްކޮށްފައިވާ މީހުންގެ މައުލޫމާތު ހިމަނާނެ އެވެ. މީގެ ކުރިން ޖިންސީ ކުށްގެން އެކުލަވައިލާ ދަފްތަރުގައި ހަަމައެކަނި ހިމަނަނީ ކުޑަކުދިންނާ ގަދަ ކަމުން ޖިންސީ ގުޅުން ހިންގާ ފަރާތްތަކުގެ މައުލޫމާތެވެ

މީހެއްގެ މައްޗަށް ޖިންސީ ކުށެއް ސާބިތުވާ ކަމަށް ކޯޓުން ހުކުމް ކޮށްފިނަމަ، އެކަމެއްގެ ހުލާސާ ރިޕޯޓް އެފްޕީއޭ އަށް ފޮނުވާތާ ހަތް ދުވަސް ތެރޭގައި އެމީހެއްގެ މައުލޫމާތު ދަފްތަރުގައި ހިމަނަން ޖެހެ އެވެ. އެފްޕީއޭއިން އެކުލަވަލާ ދަފްތަރުގައި 18 އަހަރުން ދަށުޖެ ކުއްޖަކު ޖިންސީ ކުށުގައި ބަޔާން ކޮށްފައިވާ ކުށެއް ކުރިޔަސް ދަފްތަރުގައި އެކުއްޖެއްގެ މައުލޫމާތު ނުހިމަނާނެ އެވެ.

ޖިންސީ ކުށެއް ކޮށްގެން ބަންދުގައި ހުރި މީހަކު ބަންދުން ދޫކޮށްލުމަށް ނިންމައިފިނަމަ، އެމީހަކު ބަންދުކޮށްފައި ހުރި މަރުކަޒަކުން އެމީހަކު ދޫކޮށްލުމުގެ 72 ގަނޑިއިރު ކުރިން އެކަން އެފްޕީއޭ އަށް އަންގަން ޖެހޭނޭ އެވެ. އަދި ޖިންސީ ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކުގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅައިގެން އެމީހަކު އެކުށުން ބަރީއަށްވާކަމަށް ކޯޓުން ހުކުމް ކޮށްފިނަމަ އެ ދުވަހަކުން ފެށިގެން 48 ގަނޑިއިރު ތެރޭ އެމީހެއްގެ ނަން ޖިންސީ ކުށް ކޮށްގެން ހުކުމް ކޮށްފައިވާ ފަރާތަތަކުގެ މައުލޫމާތު ހިމެނޭ ދަފްތަރުން އެފްޕީއޭ އިން ނަގަން ވާނެ އެވެ.