ހަބަރު

ޖޭއެސްސީ އިސްލާހުނުކޮށް އިންސާފެއް ނުލިބޭނެ: އުޝާމް

ޝަރުއީ ދާއިރާ އިސްލާހުކުރުމަށް އެންމެ މުހިންމު ކަމަކީ ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އިސްލާހު ކުރުން ކަމަށާއި އެކަން ނުކޮށް ރައްޔިތުންނަށް އިންސާފު ލިބެން ނެތް ކަމަށް ވިލިމާލެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ މަޖިލިސް ބަހުސްގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ދާއިރާގައި ވަރަށް ބައިވަރު މައްސަލަތައް އެބަހުރި ކަމަށާއި އެ މައްސަލަތައް ގިނަވެފައިވަނީ ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާ ކުރެވިފައިނުވާތީ ކަމަށެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަން އެންމެ ފުރަތަމަ ކަމަކަށް ސިޔާސީ ނުފޫޒުން އެއްކިބާ ކުރެވެން އެބަޖެހޭ، އޭރަށް ރާއްޖޭގެ ކޯޓުތަކަށް އިންސާފުވެރި ފަނޑިޔާރުން ލެވޭނެ، އިންސާފުވެރި ފަނޑިޔާރުން ކޯޓުތަކަށް ލެވިއްޖެނަމަ ރައްޔިތުންނަށް އިންސާފު ލިބޭނެ، މިއީ މައްސަލައަކީ، ޖުޑީޝަލް ސާވިސް ކޮމިޝަން އިސްލާހު ނުކުރާހާ ހިނދަކު ރައްޔިތުންނަށް އިންސާފު ލިބޭ ކަމަކަށް ނުބެލެވޭނެ،" އުޝާމް ވިދާޅުވި އެވެ.

"މި ދާއިރާއަށް ކުރިމަތިލައިގެން އެބަތިބި ޖުޑިޝަރީ އިސްލާހުކުރުމަށް ފުރުސަތު ލިބުން ބޭފުޅުން، ވަރަށް ޕްރައުޑްލީ އެ ބޭފުޅުން އެ ވިދާޅުވާ ވާހަކައަކީ ޖުޑިޝަރީ އިސްލާހު ކުރަން ލިބުނު ފުރުސަތުގައި ކުރި ކަމަކީ ވަކީލުން ކޯޓަށް ދާއިރު ކޯޓުފަޓުލޫނު ލުން ކަމަށް، އެކަމުން ކޮން ފައިދާއެއްތޯ ޖުޑިޝަރީއަށްވީ، ހޫނުވުން ފިޔަވައި ވަކީލުންނަށް،"

އުޝާމް ވަނީ މިހާރު އޮތް ވެރިކަން ހިންގާ ނިޒާމް ބަދަލު ކުރުމަކީ މުހިންމު ކަމެއް ނޫން ކަމަށް ވެސް މިއަދު ބަހުސްގައި ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމް ކަމަށް ރައްޔިތުން ވޯޓު ދީގެން ފާސްކުރި ނަމަވެސް ގާނޫނު އަސާސީ އެކުލަވާލެވުނު ގޮތުން އައިސްފައިވަނީ މަސްހުނި ނިޒާމެއް ކަމަށެވެ.

"އެ ސަބަބަށްޓަކައި ރިޔާސީ ނިޒާމެއްގައި ކަންކަން ކުރިއަށް ދާން ޖެހޭ ގޮތަށް ރާއްޖޭގައި ނުދޭ، އެކަން އޭރުގަ އެހެން ދިމާވީ އޭރުގަ ތިއްބެވި ސިޔާސީ ލީޑަރުންގެ ޑީލްތަކާ ހެދި، އެއީ ހަގީގަތަކީ، އެކަމަކު ވެސް އެހެން އެކަން އޮތް ނަމަވެސް ރައްޔިތުންގެ މާބޮޑު ކަންބޮޑުވުންތަކެއް މިހާރު އެބަހުރި،" އުޝާމް ވިދާޅުވި އެވެ.

ދިހަ އަހަރު ޝަރުއީ ދާއިރާގައި މަސައްކަތް ކުރެއްވި އުޝާމް ވިދާޅުވީ މި ވަގުތަކީ ރައްޔިތުންގެ ޝަކުވާތައް އަޑު އަހައި އެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް ސިޔާސީ ލީޑަރުން ވެސް ޕާޓީތައް ވެސް މަޖިލީހުން ވެސް އަދި ސަރުކާރުން ވެސް މަސައްކަތް ކުރަންވީ ވަގުތު ކަމަަށެވެ.

އުޝާމް ވިދާޅުވި ގޮތުގައި ރާއްޖޭގައި މުހިންމު ގިނަ ގާނޫނުތަކެއް މިހާރު ވެސް ހުރީ ފާސްކޮށްފަ އެވެ. އެކަމަކު މައްސަލައަކަށް ވެގެން އުޅެނީ އެ ގާނޫނުތައް ތަންފީޒުކުރުމުގައި ކަމަށެވެ. މައްސަލައަކަށް ވެގެން އުޅުނީ ފުލުހަށާއި ޝަރުއީ ދާއިރާއަށާއި ޕީޖީ އޮފީހަށް ސިޔާސީ ނުފޫޒު ފޯރުވުން ކަމަށް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ޑިމޮކްރަސީގެ އެންމެ މުހިންމު އަސާސްއަކީ ރައްޔިތުންގެ ބަސް އިއްވާނެ ބަޔަކު ހޮވުން ކަމަށެވެ. އަދި ރައްޔިތުން އެ ހޮވާ މީހަކަށް މަގާމު ހަވާލުކުރުން ކަމަށެވެ. ޑިމޮކްރަސީގެ އެ އަސާސް ބަލައިނުގަންނަ ބޭފުޅަކު އިންތިހާބެއްގައި ވާދަކުރަން ލަދު ގަންނަން ޖެހޭނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

"އިހަކަށް ދުވަހު ވިލިމާލެ ފެނުނު މީހަކަށް ރައްޔިތުންގެ ދަތިތަކެއް ނޭނގޭނެ، ސިޔާސީ ލީޑަރުންނާއި ސިޔާސީ މަހުޖަނުންގެ ފަހަތުގައި ތިބެގެން ވިލިމާލެއަށް ކުރިއެރުމެއް ނެތްކަން ވޭތުވެދިޔަ 10 އަހަރުގެ ތަޖުރިބާއިން ގަބޫލުކޮށްފިން،" އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ވިލިމާލޭގެ ރައްޔިތެއް ކަމުން އެ ދާއިރާއަށް ކުރިމަތިވެފައިވާ ދަތިތަކާއި ކަންބޮޑުވުންތަކަކީ އޭނާގެ ވެސް ކަންބޮޑުވުންތަކެއް ކަމަށެވެ. އެ ދާއިރާގެ ހުވަފެންތަކާއި އުއްމީދުތަކަކީ އޭނާގެ ވެސް ހުވަފެންތަކާއި އުއްމީދުތައް ކަމަށެވެ. އުޝާމް ވަނީ މިފަހަރުގެ އިންތިހާބުގައި ވިލިމާލޭގެ ގާބިލް ބޭފުޅަކަށް ވޯޓު ދިނުމަށް އެދިވަޑައިގެންފަ އެވެ.