މިއުޒިކް

ރިއްޓޭ އެނބުރި އަންނަނީ "އޯގާވާށޭ ކަލާ" އާއެކު!

ރިޝްވާން އައިމަން (ރިއްޓޭ) އަކީ ރާއްޖޭގެ މިއުޒިކީ ދާއިރާގައި ފާހަގަކޮށްލެވޭ ތަރި އެކެވެ. އޭނާގެ ލަވަތަކުގެ ތެރެއިން "އޯގާވާށޭ ކަލާ" އަކީ ޒުވާނުންގެ ތެރޭގައި އެންމެ ވައިގައި ހިފި ލަވަ އެވެ. ރިޝްވާން އާއި ބޭންޑު "ދަ ކްލޯވް" އާއެކު 2008 ގައި ކިޔާފައިވާ އެ ލަވަ އަދިވެސް މީހުނަށް ބަލެއް ނުވެ އެވެ. ހަރު މީހުނާއި ޒުވާނުންނާއި ޅަ ކުދިންގެ މެދުގައި ވެސް ރިޝްވާން މަގުބޫލުވެގެން ދޔައީ މި "އޯގާވާށޭ ކަލާ" އިންނެވެ.

ޓީވީ އާއި ޝޯ ތަކާ ދުރުގައި އުޅުމަށްފަހު އަނެއްކާވެސް ނުކުންނަނީ ކަމަށް ބުނެ ރިޝްވާން ވަނީ އޭނާގެ ފޭނުންނަށް އުފާވެރި ހަބަރު ދީފަ އެވެ. ރިޝްވާން އެނބުރި އަންނަނީ އޭނާގެ ފޭނުން ގިނަ އަހަރުތަކެއް ވަންދެން މި ލަވައިގެ ވީޑިއޯގެ އިންތިޒާރުގައި ތިއްބަ އެވެ. "އޯގާވާށޭ ކަލާ"ގެ ވީޑިއޯ އެއް އުފައްދާ މި ލަވަ އަލުން ބެލުންތެރިންނަށް ގެނެސްދެނީ 10 ވަރަކަށް އަހަރު ފަހުންނެވެ.

މިއަދުވެސް އެ ލަވަ ފެންނާނީ އެހާ ފުރިހަމަ ކޮށް ކަމާމެދު ޝައްކު ނުކުރާ ނަމަ ރިޝްވާން ނެރުނު ޓީޒާއަށް ކޮށްފައި ހުރި ކޮމެންޓުތަކުން އެނގެ އެވެ. ރިޝްވާން ބުނި ގޮތުގައި އެހާ ގިނަ ދުވަހު ފޭނުންނާ ދުރުގައި އުޅުމަށްފަހު އެނބުރި އަންނަން ވާނީ އެމީހުންގެ އުއްމީދެއް ފުރިހަމަ ކޮށްދޭ ހަބަރާއެކުއެވެ.

"މި ވޭތުވެދިޔަ އަހަރުތަކުގައި އެކި ކަންކަމުގައި ވަރަށް ބިޒީކޮށް އުޅުނީ. ރިސޯޓުތަކުގައި ޕާފޯމް ކުރުމާއި ހާއްސަ ހަފްލާތަކަށް އެއްކޮށް ހުސްވެ ހުރީ. އެކަންކަމުގެ ސަބަބުން ޓީވީ ޝޯ ތަކާއި ސްޓޭޖް ޝޯތަކަށް ވަގުތު ނުދެވި މި ހުރިހާ ދުވަހު ހުރުމަށްފަހު އަލުން މި އަންނަނީ މި ލަވައިގެ ވީޑިއޯ އާއެކު"

ޒުވާނުންގެ ހިތްތަކަށް އިއްވައިދިން ލޯބީގެ މި ލަވައިގައި ކުލަ ޖައްސައިދޭނީ ރިޝްވާން އާއެކު، އެލީނާ ކިޔާ ބޭރު އެކްޓްރެސް އެކެވެ. މިއީ ރިޝްވާންގެ ފުރަތަމަ އޮފިޝަލް ވީޑިއޯ ލަވަ އެވެ. ލަވަ ރިލީޒް ކުރާނީ އަންނަ މަހުގެ ފަހެއްގަ އެވެ.

ރިޝްވާންގެ މި އުފާވެރި ހަބަރާއެކު، އިތުރު ޝޯތަކާއި ލަވަތައްވެސް ކުރިއަށް ހުރި ދުވަސްތަކުގައި ގެނެސްދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.