ހަބަރު

ރަސްފަންނު މޫދުގައި ނަޖިސް ފެތުރޭތީ މޫދަށް އެރުން މަނާ ކޮށްފި

މާލެ ރަސްފަންނުގެ މޫދުގައި ނަޖިސް ފެތުރޭތީ މޫދަށް ނޭރެވޭ ގޮތަށް އެ ސަރަހައްދު ބަންދުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ވިދާޅުވި ގޮތުގައި އެ ސަރަހައްދު ބަންދުކޮށްފައިވަނީ މޫދުގައި ނަޖިސް ފެތުރެމުންދާ ކަމަށް ބުނެ އާއްމު ޝަކުވާތައް ލިބުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން އެތަން ބެލުމަށް ފަހުގައި ކަމަށެވެ.

"މޫދުގައި ނަޖިސް ފެތުރޭ ކަމަށް އާއްމުންގެ ޝަކުވާ ލިބެމުންދާތީ ބަލާ ޗެކް ކުރުމަށްފަހު މިހާރު ޓޭޕް އަޅާ ބަންދުކޮށްފައި ވަނީ. އަދި، ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ރަސްފަންނު މޫދަށް އެރެވޭނެކަން ޔަގީންވުމުން ހުޅުވާނެ ވަކި ތާރީހެއް ފަހުން އިއުލާން ކުރެވޭނެ" މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރަސްފަންނު މޫދުގައި ނަޖިސް ދައުރުވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންތައް އެ އެޖެންސީ އިން ބަލަމުން ގެންދާ ކަމަށެވެ. މިކަމާ ގުޅިގެން އެޗްޕީއޭ އިން ވަނީ ޓްވީޓްކޮށް ވަކިއެއްޗެއް އަންގަންދެން އާއްމުން ރަސްފަންނު މޫދަށް ނޭރުމަށް އިލްތިމާސް ކޮށްފަ އެވެ.

ރަސްފަންނުގައި ނަޖިސް ދައުރުވަމުންދާ ކަމުގެ ޝަކުވާ މީގެ ކުރިން ވެސް ވަނީ އާއްމުން ކޮށްފަ އެވެ. ރަސްފަންނު މޫދުގައި ނަޖިސް ފެތުރެމުންދަނީ ސީދާ ކީއްވެ ކަމެއް އަދި ސާފު ނުވާ ކަމަށް ޝަމާއު ވިދާޅުވި އެވެ. އަދި އެޗްޕީއޭ އާ ގުޅިގެން އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.