ހަބަރު

މި ވެރިކަަމުގައި އެންމެ ހެޔޮ ބަދަލު އައީ ފުލުހަށް: ރައީސް

އާ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން މިދިޔަ ހަތަރު މަހެއްހާ ދުވަސްގެ ތެރޭގައި އެންމެ ބޮޑު ހެޔޮ ބަދަލެއް އައީ ފުލުހުންގެ މުއައްސަސާއަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތަށް 86 ވަަނަ އަހަރު ފުރުން ފާހަގަ ކުރަން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސިޔާސީ ފަރާތްތަކުގެ ނުފޫޒުގައި ޖެހުމާއި ކޮރޮޕްޝަންގެ އަމަލުތަކުގައި ފުލުހުން ބައިވެރިވުމަކީ އެ މުއައްސަސާގެ އިތުބާރު މިހާތަނަށް ގެއްލިފައިވާ މައިގަނޑު ސަބަބުތައް ކަމަށެވެ. އޭގެ ސަބަބުން މިދިޔަަ ދުވަސްތަކުގައި ފުލުހުންގެ ނަން އޮތީ ވަރަށް ބޮޑަށް ކިލަނބުވެފައި ކަމަށާއި ރައްޔިތުންގެ އިތުބާރު ވެސް އެ މުއައްސަސާއަށް ގެއްލިފައިވާ ކަމަށެވެ.

ނަމަވެސް ފަހަކަށް އައިސް ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުވަމުން އަންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އެ އިތުބާރު ހޯދަން އެ މުއައްސަސާއިން ކުރަމުން އައި މަސައްކަތަކާއެކު މި ވެރިކަމުގައި މިހާތަނަށް އެންމެ ހެޔޮ ބަދަލުތަކެއް އައީ ވެސް ފުލުހުންގެ މުއައްސަސާއަށް ކަމަށެވެ.

"މި ފަހަކަށް އައިސް ފުލުހުން ސާބިތުވަމުން ގެންދާ ޕްރޮފެޝަނަލް ނިޒާމް އާއި ގައުމީ މަސްލަހަތަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ސަބަބުން އިތުބާރު އަލުން އަނބުރާ ފުލުހުންނަށް ލިބެން ފަށާފައިވާ ކަން އަޅުގަނޑު އުފަލާއެކު ފާހަގަ ކުރަން. އަދި އަޅުގަނޑުގެ ވެރިކަމުގައި މި ވޭތުވެދިޔަ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެންމެ ރަނގަޅަށް، އެންމެ ރަނގަޅު ހެޔޮ ބަދަލުތަކެއް އައި މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ މުއައްސަސާ އަޅުގަނޑު މިއަދު ފާހަގަ ކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމުގެ މަސައްކަތް ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން ފައްޓާވާފައިވާ ކަމަށާއި އެގޮތުން ފުރަތަމަ 100 ދުވަހުގައި އެ މުއައްސަސާއިން ކުރުމަށް ކަނޑައަޅާފައިވާ ހުރިހާ ކަމެއް ވެސް ފުރިހަމަކޮށްފައިވާ ކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ. އޭގެ އިތުރުން ރައްޔިތުންގެ ހިޔާލާ މަޝްވަރާގެ މަތިން ފުލުހުން ރަނގަޅު ކުރަން ޖެހޭ ކަންކަން ހިމެނޭ ސްޓްރެޓީޖިކް ޕްލޭންއެއް އުފައްދާފައިވާ އިރު، އެންވާރަމަންޓް ޕޮލިހާއި ޓްރެފިކް ފުލުހުންގެ މަސައްކަތް ވެސް ވަރަށް ބޮޑަށް ހަރުދަނާވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާ އިސްލާހު ވާނީ ދެތިން ދުވަހެއްގައި ބާއްވާ މަހާސިންތާއަކުން ނޫން ކަމަށާއި ހެޔޮ ބަދަލުތައް ދެމެހެއްޓެނިވި ގޮތެއްގައި ގެންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ފުލުހުންގެ ތަހުގީގުތައް އަވަސް ކުރަން ޖެހޭ ކަމަށެވެ. އަދި ތަހުގީގު ބިނާ ވާން ޖެހޭނީ ކުށްވެރިޔާއަށް ސަލާމަތް ނުވެވޭ އަދި ކުށް ނުކުރާ މީހާ ޖަލަށް ވަންނަން ނުޖެހޭ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން މުޖުތަމައުއެއް ރަނގަޅު ވާނީ ކުށްވެރިއަކު ކުށެއް ކުރުމުން ޖަލަށް ލައިގެން ނޫން ކަމަށާއި އޭގެ ބަދަލުގައި ކުށެއް ކުރުމުގެ ކުރިން އެފަދަ ކަންތައް ދެނެގަނެ ހުއްޓުވައިގެން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު އިންވެސްޓެއް ކުރެވޭ ބަޔަކީ ފުލުހުން. އެހެންވީމަ ފުލުހުންގެ ފަރާޓުން ނަތީޖާ ފެންނަން ވާނެ. މިދިޔަ އަހަރުތަކުގައި ފުލުހުންގެ ތަސައްވަރުު އޮތީ ގޯސްކޮށް، ނަމަވެސް އަޅުގަނޑުމެން ވެރިަކމާ ހަވާލުވުމަށް ފަހު އައި ބަދަލުތައް މިހާރު ވެސް ފެންނަން ފަށައިފި. ރައްޔިތުންނާ ގުޅިގެން ކުރާ މަސައްކަތް މިހާރު ވެސް ފެންނަމުން ދޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ ފުލުހުންނާއި ރައްޔިތުންގެ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ވަރުގަދަ ކުރަން ޖެހޭ ކަން ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ރައްޔިތަކަށް ފުލުހުން ފެނުމާއެކު ރައްޔިތުންގެ ހިތްތަކަށް އަމާންކަން ލިބެން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޖަޒުބައިތުގައި ޖެހިގެން ވިޔަސް ފުލުހުން މުހާތަބުގައި ނުރަގަނޅު ބަސްތަކެއް ބޭނުންކޮށްގެން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.