ހަބަރު

ފުލުހުންނަށް ފޯރުވި ނުފޫޒުތަކުން އަރައިގަންނަން ޖެހޭ: އިމްރާން

ވޭތުވި ދުވަސްތަކުގައި ފުލުހުންނަށް ފޯރާފައިވާ ނުފޫޒުގެ ސަބަބުން ފުލުހުންގެ ބަދަހި ސަފުތަކަށް އަސަރުތަކެއް ކުރުވާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މުއައްސަސާއަށް 86 ވަނަ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި ފުލުހުންނަށް ފޯރާފައިވާ ނުފޫޒުގެ ސަބަބުން އަސަރުތަކެއް ކުރި ކަމަށެވެ. އަދި، މި ކަމުން އަރައިގަނެ، ދިވެހި ފުލުހުން ކުރިއަށް ދިޔުމަށްޓަކައި ފުލުހުންނާއެކު ރައްޔިތުންނާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ގަބޫލު ކުރަންޖެހިފައި އޮތް ހަގީގަތަކީ ވޭތުވެދިޔަ ދުވަސްތަކުގައި ދިވެހި ފުލުހުންނަށް ކުރިމަތިވެފައިވާ ގިނަ ކަންކަމަށް ފޯރާފައިވާ ނުފޫޒުތަކުގެ ސަބަބުން ފުލުހުންގެ ބަދަހި ސަފުތަކަށް ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ކުރުވާފައިވާ ކަން. އަދި މި ނުރައްކާތެރިކަމުން އަރައިގަނެ ދިވެހި ފުލުހުން ކުރިއަށް ދިޔުމަށްޓަކައި ރައްޔިތުންނާއި ސަރުކާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ"

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފުލުހުން އަތްދިއްކޮށްލާ ކޮންމެ ފަހަރަކު ފުލުހުންނަށް އެހީވުމުގައި އާއްމު ރައްޔިތުން ތެދުވަންޖެހޭ ކަމަށެވެ. އަދި، ފުލުހުންގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި ދިވެހިންގެ އެއްބާރުލުން ފުލުހުންނަށް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ، ފުލުހުންގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމުގައި މުހިއްމު ސިފަތަކެއް އަށަގަންނަވަންޖެހޭ ކަމަށެވެ. އެގޮތުން، ގައުމާއި ދީނާއި ރައްޔިތުންނަށް އިހުލާސްތެރިވެ، އަދުލްވެރިކަމާއި އިންސާފާއި ހަމަހަމަކަން ގާއިމް ކުރުމަކީ ފުލުހުންގެ ކިބައިގައި އަށަގަންނަވަންޖެހޭ ސިފައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި، އަމިއްލަ މަސްލަހަތާއި އަމިއްލަ އެދުންތަކުން ދުރުވެ ރައްޔިތުންގެ މަސްލަހަތު އިސްކުރަން ޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.

ގާނޫނާ ހިލާފަށް ބޮޑެތި ކުށްތައް ކޮށް މުޖުތަމައުގައި ޖަރީމާތައް ހިންގާ ރައްޔިތުންނަށް ގެއްލުންދޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ފުލުހުންގެ ވާޖިބު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި، ގާނޫނުގެ ކުރިމަތީގައި ހަމަހަމަކަން ގާއިމް ކުރުމާއި ގާނޫނު ނެގެހެއްޓުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.

"ދިވެހިންގެ އަބުރާ އިއްޒަތް ސަލާމަތްކޮށް ދިވެހިންގެ ޝަރަފާ ކަރާމާތް ހިމާޔަތް ކުރުމަކީ ތިޔަަ މުއްސަސާގެ ބަދަހި ސަފުތަކުގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާ އެއް. ގާނޫނުތައް ނަގަހައްޓައި ގާނޫނުގެ ކުރިމަތީގައި ހަމަހަމަކަން ގާއިމް ކުރުމަކީ ތިޔަ ބޭފުޅުންގެ ކޮނޑުގައި އެޅިފައިވާ ބޮޑު ޒިންމާ"

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޓް އިތުރަށް ހަރުދަނާ ކުރުމަށްޓަކާ ފުލުހުންގެ މުވައްސަސާ ގެ އިސްވެރިން ގެންދަވަނީ ގިނަ ހަރަކާތްތަކެއް ހިންގަމުން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި، ފުލުހުންނާ މެދު ހުށަހެޅޭ ޝަކުވާތައް ބެލި ރަނގަޅު ނިޒާމެއްގެ ތެރެއިން އެކަންތައް ބެލުމަށް ތައްޔާރު ވަމުންދާކަމަށްވެސް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ފުލުހުންގެ މުވައްސަސާ އަށް ރީތި ނަން ހޯދައިދިން ފަރާތްތަކަށް ހަނދާނީ ފިލާ އަރުވާފަ އެވެ.