ރިޕޯޓް

ރާއްޖެ "ކޭޝްލެސް" ގައުމަކަށް ވާން ގާތް ވެއްޖެ!

ރާއްޖޭގެ އިގްތިސާދު ފުޅާ ވެއްޖެ އެވެ. މަސައްކަތްތައް ގިނަ ވެއްޖެ އެވެ. ހުރި މަސައްކަތް ތަފާތު ވެއްޖެ އެވެ. އަދި ޒުވާން ވިޔަފާރިއަށް ނުކުތުމާއެކު ވިޔަފާރިތައް ޒުވާން ވެއްޖެ އެވެ. އެކަމަކު މި ހުރިހާ ބަދަލުތަކެއް އަންނައިރުވެސް، ޒަމާނީ ވިޔަފާރީގެ އެންމެ މުހިންމު ބަދަލާ ރާއްޖެ އޮތީ މާ ދުރުގަ އެވެ. މިއަދު ޒަމާނީ ވިޔަފާރީގައި ފައިސާ ދައްކަނީ "ކޭޝް ލެސް" ކޮށް ކުރުމެވެ. މޮބައިލް ފޯނުންނެވެ. ނުވަތަ ނަގުތު ފައިސާއާ ނުލައި ވާޗުއަލް ފައިސާ ބޭނުންކޮށްގެންނެވެ. ސުވާލަކީ ރާއްޖެ އަށް މި ފަސޭހަ ލިބޭނީ ކޮން ދުވަހަކު ބާ އެވެ؟ ގައުމީ ޕޭމަންޓް ސިސްޓަމަކުން ގުޅިގެންދާނީ ކޮން ދުވަހަކުން ބާ އެވެ؟ ޖަވާބަކީ އެ ދުވަސް ގާތް ވެއްޖެ އެވެ. އެކަމަށް ރާއްޖެ މިވަނި ފަހިވާން ފަށާފަ އެވެ. މުޅިރާއްޖެ ކޭޝްލެސް ގައުމަކަށް ބަދަލުކޮށްލުމުގެ ވިސްނުން ފައްކާކޮށް، މިހާރު މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު ނަސީރު ފެއްޓެވި ބޮޑު މަސައްކަތް މި އަހަރު ނިމޭނެ އެވެ. މިކަން ވެގެން ދާނީ ރާއްޖެ ޒަމާނީ ވިޔަފާރީގެ ބަދަލެއްގެ ފެށުމަށެވެ.

"މިހާރު އެންމެ ބޮޑުކޮށް އަޅުގަނޑުމެން ކުރަމުންދާ އެއް މަސައްކަތަކީ ޕޭމަންޓް ނިޒާމު ނަގުދު ފައިސާ އަށް ބަރޯވާން ނުޖެހޭ ނިޒާމަކަށް ބަދަލު ކުރުމުގެ މަސައްކަތް. މިއީ ވަގުތުން ވަގުތަށް ރިއަލްޓައިމްކޮށް ރާއްޖޭގެ ކޮންމެ ތަނަކު ހުރެގެނެ ވެސް ފޯނުން ޕޭމަންޓް ހެދޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް،" އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ގަވަރުނަރު ނަސީރު ވިދާޅުވި އެވެ.

ގަވަރުނަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ޕޭމަންޓް ސިސްޓަމް ގާއިމް ކުރަނީ ރާއްޖޭގެ ބޭންކްތަކާއި ވޯލްޑް ބޭންކް އަދި އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ) ފަދަ ބޭރުގެ ޖަމިއްޔާތަކާ ވެސް ގުޅިގެންނެވެ. އެ ފަރާތްތަކުގެ ލަފާ ހޯދައިގެންނެވެ. މި ނިޒާމަކީ ރާއްޖޭގެ ވިޔަފާރި އާއި އާއްމު ދިރިއުޅުމަށް އަންނާނެ އިންގިލާބަކަށް ވެގެންދާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

"މިހާރު ވާނީ މުޅި ރާއްޖެ އެއްކޮށް ގުޅައިލާއި ޕޭމަންޓް ސިސްޓަމް ހަދައިދޭން ޝައުގުވެރިކަން ހުރި ފަރާތްތަކަށް ހުޅުވާލާފަ. އަދި ޝައުގުވެރިކަން ހުރި ގިނަ ފަރާތްތަކަކުން ދަނީ އެކަމަށް ހުށަހަޅަމުން ދަނީ. އަންނަ މަސް [އެޕްރީލް] ގައި އާރްއެފްއައި ލިބިގެންދާނެ،" ނަސީރު ވިދާޅުވި އެވެ.

ޝައުގުވެރިވަނީ ދުނިޔޭގެ އެންމެ ބޮޑު 36 ކުންފުނި!

ގަވަރުނަރު ވިދާޅުވީ މި މަސައްކަތަކީ ވަރަށް ބޮޑު އަދި މަސައްކަތެއް ކަމަށާ، އެހެންކަމުން މި ސިސްޓަމް ހަދަން މުޅި ދުނިޔޭގައި ހުޅުވާލުމުން މަޝްހޫރު ގިނަ ކުންފުނިތަކުން ކުރިމަތިލަމުންދާ ކަމަށެވެ.

"ރަޖިސްޓްރީކޮށްފަ އެބަތިބި 36 ކުންފުނި. މިއީ ދުނިޔޭގައި އެންމެ ކުރިއަރާގައިވާ ޕޭމަންޓް ސިސްޓަމްތައް ހަދާ ކުންފުނިތައް. މިހާރު އެބޭފުޅުން ވަނީ އަޅުގަނޑުމެންނަށް ވެންޑަ ޕްރެޒެންޓޭޝަންތައް ވެސް ދީފައި،" ގަވަރުނަރު ވިދާޅުވި އެވެ.

ދިވެހި ޒުވާނުންނަށް އާ ދޮރެއް

ސުވާލަކީ މުޅި ރާއްޖެ ގުޅާލާ ޕޭމަންޓް ސިސްޓަމްގެ ސަބަބުން މިހާރު ރާއްޖޭގައި ހުރި ވިޔަފާރިތަކަށް އަސަރެއް ކުރާނެ ހެއްޔެވެ؟ ޕޭމަންޓް ދައްކަން މިހާރު ތައާރަފުކޮށްފައިވާ މޮބައިލް އެޕްލިކޭޝަންތަކަށް ވާނީ ކިހިނެއް ހެއްޔެވެ؟

ގަވަރުނަރު ނަސީރު ވިދާޅުވީ މިހާރު ވެސް ރާއްޖޭގައި ގިނަ ޒުވާނުން މޮބައިލް އެޕްލިކޭޝަންތަކެއް ހަދައިގެން މަސައްކަތް ކުރާ ކަމަށާ، މި ސިސްޓަމްގެ ސަބަބުން އެފަދަ މަސައްކަތް ކުރާ ޒުވާނުންނަށް އާ ދޮރެއް ހުޅުވިގެންދާނެ ކަމަށެވެ.

"މި ސިސްޓަމް މިހާރު ހުރި އެޕްތަކާ ގުޅިގެންދާނެ. އެހެންވީމަ ކޮންމެ ބޭންކްއެއްގައި އެކައުންޓް އިން ނަމަވެސް ވަގުތުން ވަގުތަށް ރިއަލް ޓައިމްކޮށް ޕޭކޮށްލެވޭނެ. ބިލްތަކާ ސަރުކާރަށް ދައްކަން ޖެހޭ ޕޭމަންޓްތައް ވެސް ބަރާވަރަށް ދައްކާލެވޭނެ،" ނަސީރު ވިދާޅުވި އެވެ.

މި އަހަރު ނިމުމުގެ ކުރިން ފަސޭހަ ލިބޭނެ

އެމްއެމްއޭއިން މި ސިސްޓަމް ގާއިމްކޮށްދޭން ހުޅުވާލާފައިވާ ޕްރޮޕޯސަލްގައިވާ ގޮތުން ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަދި ރާއްޖޭގެ 400،000 މީހުންނަށް މި ހިދުމަތް ލިބެން ޖެހެއެވެ. އަދި މި ނިޒާމަކީ އަވަސް ފަސޭހަ އަދި ރައްކާތެރި ނިޒާމަކަށްވާނެ އެވެ. މި ސިސްޓަމް ގާއިމްކޮށް ނިމޭއިރު، ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެސް މި ފަސޭހަ ލިބިގެންދާނެ އެވެ. އެގޮތުން އެމީހުންނަށް ސްމާޓް ކާޑެއް މެދުވެރިކޮށް އެމީހުން ބޭނުންވާ ހިދުމަތް ހޯދާނެ އެވެ. އަދި އާއްމު މީހާއަށް އެއްތަނުން އަނެއް ތަނަށް ފައިސާ ފޮނުވަން މިހާރަށްވުރެ ފަސޭހަ ވެގެންދާނެ އެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ބަހައްޓާ ހާއްސަ ސެލްފް ސާވިސަސް ޓާމިނަލްތަކެއްގެ އެހީގައި ޕޭމަންޓް އެޕްލިކޭޝަން ދައްކާލެވޭނެ އެވެ.

މި އަހަރު ނިމުމުގެ ކުރިން މި ފަސޭހަ ދިވެހިންނާ ހަމައަށް ލިބިގެންދާނެ އެވެ. މިއާއެކު ލިބޭނެ އެންމެ ބޮޑު ފަސޭހައަކީ ވޮލެޓުގައި ފައިސާ އާއި ކާޑުވެސް ގެންގުޅުން ނިމުމަކަށް އައުމެވެ. އޭރުން ހަމައެކަނި ކުރަން ޖެހޭނެ ކަމަކީ ފޯނުގެ ފައިސާ ފޮނުވަން އެޕެއް ހުޅުވާލުމެވެ. މި ނިޒާމުވާނީ ރައްކާތެރި އިތުބާރު ހުރި ނިޒާމަކަށެވެ.