ވިޔަފާރި

ޓޫރިޒަމް ތަރައްގީ ކުރަން ފައިސާ ނެގި އެމްއައިޓީޑީސީ ދަރަނިވެރި ވެއްޖެ!

ގެސްޓް ހައުސް އައިލެންޑް ތަރައްގީ ކުރަން ގިނަ އަދަދެއްގެ ވިޔަފާރިތަކަށް ބިން ކުއްޔަން ދީ ފައިސާ ނެގި، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ތެރެއިން ހިންގި ހިޔާނާތްތަކާ ހެދި ކުންފުނި ދަރަނިވެރިވެފައިވާ ކަމަށް، އާ މެނޭޖިން ޑިރެކްޓަރު ތުހުމަތު ކުރައްވައިފި އެވެ.

އެމްއައިޓީޑީސީގެ އާ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރާއިދު މަގާމާ ހަވާލުވި ފަހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި އެ ކުންފުނިން ކުރިއަށް ގެންދިޔަ ދެ މަޝްރޫއުއަށް ނެގި ފައިސާ އަށް ވެސް ވީނުވީއެއް ނޭނގޭ ކަމަށާއި ކުންފުނީގެ ފައިސާ ހޭދަކޮށްފައިވަނީ ރާއްޖޭގެ މާލިއްޔަތު ގާނޫނާއި ކުންފުނީގެ ހިސާބު ބަލަހައްޓަން ޖެހޭ ގޮތާ މުޅިން ހިފާލަށް ކަމަށެވެ.

"ލާރި ނެގީ ވެސް މިދިޔަ ސަރުކާރުން. ހުސްކޮށްފައި ހުރީ ވެސް މިދިޔަ ސަރުކާރުން. އަޅުގަނޑުމެން ހަމަ މިތިބީ ހައިރާންވެފައި،" ރާއިދު ވިދާޅުވި އެވެ.

ފައިސާ ނަގަން އެއްބަސްވުމެއް ނެތް!

ކުންފުނީގެ މާލީ ހިސާބުތައް ދައްކަވަމުން ދެއްވި ޕްރެޒެންޓޭޝަންގައި ރާއިދު ވިދާޅުވީ ލ. ބަރެސްދޫ މަޝްރޫއު އެމްއެމްޕީއާރުސީން އެންމެ ފުރަތަމަ ފެށީ ރާއްޖޭގެ ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން އެ ކުންފުނިން މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ބިން ވިއްކާ އުސޫލުން ކަމަށާއި މި އުސޫލުން ބަރެސްދޫ އިން ބިން ވިއްކައިގެން 19 ފަރާތެއްގެ އަތުން 34 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެމްއައިޓީޑީސީގެ ނަމަށް މަޝްރޫއު ބަދަލު ކުރުމަށްފަހު ހިންގާފައިވަނީ ބިން ކުއްޔަން ދޭ އުސޫލުން ކަމަށާ އެ ދުވަސްވަރު 19 ފަރާތެއްގެ އަތުން 21 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފައިސާ ނަގާފައިވަނީ އެއްވެސް އެގްރީމެންޓެއް ހަދައިގެން ނޫން ކަމަށެވެ. އަދި މިގޮތަށް އޮތުމުން ފައިސާ ދިން މީހުން ބޭނުން ވަގުތަކު ކުންފުނީގެ އެ ފައިސާ ނެގޭ ގޮތަށް އޮތް ކަމަށާ، މިހާތަނަށް 13 ފަރާތަކުން ފައިސާ އަނބުރާ ގެންގޮސްފައިވާ ކަމަށް ރާއިދު ވިދާޅުވި އެވެ.

"މީގައި ފާހަގަ ކޮށްލަން މީގެ އެއްވެސް ފައިސާއެއް ނަގާފައިވަނީ އެއްވެސް އެގްރީމެންޓެއް ހަދައިގެނެއް ނޫން. މިހާރުވެސް 10 މިލިއަން ރުފިޔާގެ ރިފަންޑުގެ ރިކުއެސްޓް އައިސްފައިވަނީ. ފައިސާ ބޭނުން ކުރި ގޮތުގެ ތަފުސީލެއް ނެތް. ފާހަގަކޮށްލަން ތިން މީހަކު ފެއާ ތަކަށް ދާން އެކަނި ދެ މިިލިއަން ރުފިޔާ ހޭދަކޮށްފައި އެބަހުރި،" ރާއިދު ވިދާޅުވި އެވެ.

25 މިލިއަން ރުފިޔާގެ ދަރަނި ކުންފުނީގައި!

އެ ކުންފުނިން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ކުންފުނިން އެމްއެމްޕީއާރުސީ އަށް 34 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި މީގެ ތެރެއިން 14 މިލިއަން ރުފިޔާ ވަނީ އެމްއައިޓީޑީސީ އަށް ބަދަލުވި ފަހުން އެ ކުންފުންޏަށް ދީފަ އެވެ. މި ފައިސާގެ ތެރޭގައި ހިމެނެނީ ބިޑް އިންކަމްގެ ގޮތުގައި ލިބުނު 319،018ރ. އާއި ބިމުގެ އެޑްވާންސް ފައިސާ ގޮތުގައި އެމްއައިޓީސީ އަށް ލިބުނު 20 މިލިއަން ރުފިޔާ އެވެ. އަދި މިހާތަނަށް މުޅި މަޝްރޫއަށް އެ ކުންފުންޏަށް ވަނީ 55 މިލިއަން ރުފިޔާ ލިބިފަ އެވެ.

މީގައި ފާހަގަ ކޮށްލަން މީގެ އެއްވެސް ފައިސާއެއް ނަގާފައިވަނީ އެއްވެސް އެގްރީމެންޓެއް ހަދައިގެނެއް ނޫން. ފައިސާ ބޭނުން ކުރި ގޮތުގެ ތަފުސީލެއް ނެތް. ފާހަގަކޮށްލަން ތިން މީހަކު ފެއާ ތަކަށް ދާން އެކަނި ދެ މިިލިއަން ރުފިޔާ ހޭދަކޮށްފައި އެބަހުރި
މުހައްމަދު ރާއިދު | އެމްއައިޓީޑީސީގެ އެމްޑީ

ރާއިދު ވިދާޅުވީ ޖެނުއަރީ މަހު އެ ކުންފުނީގެ އެމްޑީ މަގާމަށް ހަވާލުވުމަށްފަހު ބެލިބެލުމުން މިހާތަނަށް އެނގުނު ގޮތުގައި ކުންފުނި އޮތީ 25 މިލިއަން ރުފިޔާ އިން ދަރާފައި ކަމަށެވެ.

"މިހާރު ވެސް ދަނީ ސިވިލް ކޯޓުގައި ދައުވާ ކުރަމުން ފައިސާ ހޯދަން. ބައެއް ފަރާތްތަކުން މިހާރުވެސް ފައިސާ ހޯދަން ދަނީ އެދެމުން،" ރާއިދު ވިދާޅުވި އެވެ.

އެމްއައިޓީޑީސީގެ އެމްޑީ މިއަދު އާއްމު ކުރެވި ޕްޒެންޓޭޝަންގައިވާ ގޮތުން ބަރެސްދޫގެ ބަނދަރު ހެދުމާއި ބަރެސްދޫ އާއި އިވެގެން އޮންނަ މަހަކަން ފުށީގެ ބަނދަރާއި ކީވޯލް ހެދުމާއި މަގު ހެދުމަށް ހެވީފޯސް ކުންފުންޏަށް ހަވާލު ކުރި ފައިސާގެ ތެރެ އިން 12 މިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ދައްކާފަ އެވެ.

ރާއިދު ވިދާޅުވީ މި މަޝްރޫއުގައި އެންމެ ފާހަގަ ކޮށްލެވެނީ ޖައުސާ ކުންފުންޏަށް މަސައްކަތް ހަވާލުކޮށް އެޑްވާންސް ފައިސާގެ ގޮތުގައި 15 މިލިއަން ރުފިޔާ ދީފައިވުން ކަމަށެވެ.

"ގަބޫލެއް ނުކުރުން މިވަރުގެ ފައިސާއެއް ދޭންޖެހޭ ވަރަށް މި މަސައްކަތް ކުރެވުނު ކަމަށް. ޕްރޮޖެކްޓުގެ މާސްޓް ޕްލޭން ފާސްކުރެވިފައެއް ނެތް. މި ޕްރޮޖެކްޓް މެއިން ކޮންޓްރެކްޓަރަކާ ހަމައަށް ދާން ކުރަންޖެހޭ ކަންކަން ކުރެވިފައެއް ނެތް. އަޅުގަނޑު ގޮސް ބަލައިފިން އެ ރަށުގައި އެ ކުންފުނިން ނެތް އެއް ލައްކަ ރުފިޔާގެ މަސައްކަތްވެސް ކޮށްފައެއް. ތި ބުނާހާ ގިނަ މަސައްކަތްތަކެއް އެރަށުގައި [ބަރެސްދޫ] ގައި ކޮށްފައެއް ނެތް،" ރާއިދު ވިދާޅުވި އެވެ.

ބަރެސްދޫއާ ގުޅުންނެތް ކަންކަމަށް ފައިސާ ހޭދަކުރި!

އެމްޑީ ރާއިދު ދެއްވި ޕްރެޒެންޓޭޝަންގައި ވިދާޅުވީ ބަރެސްދޫ މަޝްރޫއަށް އެކި ވިޔަފާރި ތަކުން ދިން ފައިސާއަށް އެއްވެސް ގުޅުމެއް ނެތް ކަންކަމަށް ވެސް ފައިސާ ހޭދަކޮށްފައިވާ ކަމަށެވެ. އެގޮތުން ޕްރޮޖެކްޓުގެ ބޭރުން ނުވަ މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ސީނިއަ މެނޭޖުމަންޓް ފެއާ ތަކަށް ދާން ދެ މިލިއަން ރުފިޔާ އަދި އައްޑޫ އިންޓަގްރޭޑެޓް ޓޫރިޒަމް ޕްރޮޖެކްޓަށް އެއް މިލިއަން ރުފިޔާ ހަރަދު ކުރުމުގެ އިތުރުން، ޕްރޮޖެކްޓް ޕާމްގެ ނަމުގައި ހިންގި މަޝްރޫއަކަށް 3.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް ހަމައެއް ގޮތަކަށް ވެސް ނޭނގުނު މި ޕްރޮޖެކްޓް ޕާމްއަކީ ކޮން ޕްރެޖެކްޓެއް ކަމެއް. ރާއްޖޭގައި ކޮންމެވެސް ހިސާބެއްގައި އޮތް ހަތަރު ފަޅެއް މާކެޓު ކުރަން ވެސް ފައިސާ ހަރަދު ކުރި. ޖުމްލަ 10 މިލިއަން ރުފިޔާ ވަނީ ބަރެސްދޫ ޕްރޮޖެކްޓުގެ ބޭރުން ހޭދަކޮށްފަ،" ރާއިދު ވިދާޅުވި އެވެ.

ހަތަރު މައްސަލައެއް އޭސީސީ އަށް

ރާއިދު ވިދާޅުވީ އެމްއައިޓީސީގެ ފައިސާ ހޭދަކޮށްފައި ހުރި ގޮތުން ބައެއް މައްސަލަތައް މިހާރުވެސް އޭސީސީއިން ބަދަމުންދާ ކަމަށާ، އަދި އިތުރު ހަތަރު މައްސަލައެއް އޭސީސީއަށް ފޮނުވާފައިވާނެ ކަމަށެވެ.