ހަބަރު

ހިއުމަން ޓްރެފިކިން މައްސަލަތައް ހުށަހަޅަން ވެބް ޕޯޓަލްއެއް ތައާރަފް ކޮށްފި

ހިއުމަން ޓްރެފިކިން މައްސަލަތައް ފުލުހުންނަށް ފަސޭހަކަމާއެކު ހުށަހެޅޭގޮތަށް ވެބް ޕޯޓަލް އެއް ފުލުހުން މިއަދު ތައާރަފްކޮށް ބޭނުންކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ، މިދިޔަ މާޗް މަހުން ފެށިގެން އެ ޕޯޓަލް ބޭނުންކުރަމުންދާ ކަމަށެވެ. އެ ޕޯޓަލްއަކީ އދގެ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަންގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ ވަސީލަތެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ޕޯޓަލްއަކީ މާލެ އާއި އަތޮޅު ތެރެއިން ހުށަހަޅާ ހިއުމަން ޓްރެފިކިން މައްސަލަތައް އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުން އަވަސްވެ ފަސޭހަވެގެން ދާނެ ކަމަށެވެ. އަދި އެެފަދަ މައްސަލަތަކަށް ފުލުހުންގެ ތެރޭގައި ދޭ އަހަންމިއްޔަތު މިކަމުގެ ސަބަބުން ބޮޑުވެގެން ދިޔުމަކީ ވެސް އަމާޒެއް ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގެ ހުރި ހުރިހާ އެމްބަސީތަކަށް ފަސޭހައިން މައްސަލަ ހުށަހެޅޭނެ އިންތިޒާމް މި ޕޯޓަލްގެ ތެރެއިން ހަމަޖެހޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެޕޯޓަލް ބޭނުންކުރަން ފަށާފައިވާއިރު ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައް ބަލަމުންދިއުމާއި އެކަމާގުޅޭގޮތުން ޕޯޓަލް މެދުވެރިކޮށް ކުރަމުންދާ މުއާމަލާތްތައް ބަލައި ޕޯޓަލްއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިތުރަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.