ހަބަރު

ބޭރު ފަނޑިޔާރުން ގެންނާކަށް ނުޖެހޭ: ނަޝީދު

ރާއްޖޭގެ ޝަރުއީ ނިޒާމުން ރައްޔިތުން ބޭނުންވާ އިންސާފު ހޯދުމަށް ބޭރުން ފަނޑިޔާރުން ގެންނާކަށް ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއިން ރިޔާސީ އިންތިހާބަށް ދިމާކޮށް އެންމެ ފުރަތަމަ ނެރުނު މެނިފެސްޓޯގައި ބޭރުގެ ފަނޑިޔާރުން ރާއްޖޭގެ ކޯޓުތަކަށް ގެނައުމަށް ހިމަނާފައިވެ އެވެ. އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ. ކޯލިޝަން ޕާޓީތައް ވެސް އެއްބަސްނުވެގެން ފަހުން އެމްޑީޕީއިން އެ ސިޔާސަތު މެނިފެސްޓޯއިން އުނިކުރި އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ވެސް އެމްޑީޕީއިން ނުކުތީ މެނިފެސްޓޯއަކާ އެވެ. އެކަމަކު އޭގައި ބޭރު ފަނޑިޔާރުން ގެންނަ ވާހަކައެއް ނެތެވެ. ނަމަވެސް ޝަރުއީ ނިޒާމް އިސްލާހުކުރުމަށް ގާނޫނީ ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހިމަނާފައިވެ އެވެ. އިންތިހާބުގައި އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމާއެކު، އެ ޕާޓީއިން ގެންނާނެ ބަދަލުތަކާމެދު ވަނީ ބަހުސް ކުރެވެން ފަށާފަ އެވެ. އެގޮތުން ބޭރު ފަނޑިޔާރުން ގެނައުމުގެ ބަހުސް އަނެއްކާވެސް ސޯޝަލް މީޑިއާގައި ވަނީ ފެށިފަ އެވެ.

ޕީއެސްއެމްއަށް މިރޭ ރައީސް ނަޝީދު ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވީ ކަމެއް ގޯސްކޮށް ހިނގަނީ މީހަކާ ހުރެ ކަމަށް ގަބޫލު ކުރަން ވަރަށް އުނދަގޫ ކަމަށެވެ. މިހާރު ވެސް ބައިވަރު ފަނޑިޔާރުން އައްޔަންކޮށް ވަކި ކުރަމުންދާ ކަމަށާއި ނަމަވެސް ދިމާވާ މައްސަލަތައް ހުރީ ހުރި ގޮތަށް ކަމަށެވެ.

"އަޅުގަނޑު ނުދެކެން ފަނޑިޔާރުން ނެތިގެން ކަމަކަށް މިއުޅެނީ، ތަންދޮރު ދަންނަ މީހުން ނެތިގެން ކަމަކަށް މި އުޅެނީ، އަޅުގަނޑުމެން ރާއްޖޭގައި ވެސް އެބަތިބި ގާނޫނު ވެސް ރަނގަޅަށް ދަންނަ އަދި ފަނޑިޔާރުކަން ވެސް ވަކި އަތަކަށް ނުޖެހި ކުރެވޭނެ ބައިވަރު ބޭފުޅުން، މިކަމުގަ ނިޒާމް އަޅުގަނޑުމެން އިސްލާހު ކުރަން މި ޖެހެނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެހެންނަމަވެސް މީގެކުރިން ވެސް ރާއްޖޭގައި ބޭރުގެ ފަނޑިޔާރުން މަސައްކަތް ކުރެއްވި ކަމަށާއި އެއީ މައްސަލައެއް ނޫންކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ. އިސްލާމީ އުއްމަތެއްގައި އެއް ގާޒީއަކު އަނެއް ގާޒީއަކާ ތަފާތު ނުކުރެވޭނެ ކަމަށް ރައީސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުވެސް ވިސްނޭ އިސްލާމީ އުއްމަތުގެ އެހެން ފަނޑިޔާރަކު އައިސް އިސްލާމީ އުއްމަތުގެ އެހެން ތަނެއްގައި އިންސާފު ގާއިމް ކުރުމުގެ މަސައްކަތުގައި ނޫޅެވެންވީ ސަަބަބެއް ނެތް، އުސޫލެއްގެ ގޮތުން އަޅުގަނޑަށް މައްސަލަ ޖެހޭ ކަމެއް ނޫން، ފެންނަ ފެނުމުގައި އިސްލާމީ މުޖުތަމައުއެއްގައި އެ ވާހަކައެއް އެގޮތަށް ނުވެސް ދެއްކޭނެ، އިސްލާމީ މުޖުތަމުއެއް ބިނާވެފައި އޮންނަނީ ގައުމުތައް ވަކި ކުރާ ގޮތަކަށް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެހެންނަމަވެސް އަޅުގަނޑު މި ދަންނަވަނީ ނުޖެހެއޭ ގެންނާކަށް، މިތާ ވެސް އެބަތިއްބޭ އެކަށީގެންވާ ބޭފުޅުން،"

ރައީސް ނަޝީދު ވިދާޅުވީ ބޭނުން ވަނީ އެންމެ ގޯސް މީހާ ހުންނައިރު ވެސް ރަނގަޅު ކަމެއް ނޫން ކަމެއް ނުކުރެވޭނެ ނިޒާމެއް ކަމަށެވެ. އެކަމަށްޓަކައި ޝަރުއީ ނިޒާމް އެކުލެވިފައިވާ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

"އެކަން އެހެންވީމަ ބޭފުޅުން މިކަމާ ހިތްހަމަނުޖެހިގެން އުޅޭކަށް ނުޖެހޭނެ، އަޅުގަނޑުމެން ނޫޅެން ވަކި ބޭފުޅެއް އެތަނުން ނަގާފަ ވަކި ބޭފުޅެއް އެތަނަކަށް ލާކަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.