ހަބަރު

ލޯން ސްކީމް އާ ގުޅޭ އިންފޮމޭޝަން ސެޝަން އެއް މާދަމާ

ދަރިވަރުންގެ ލޯން ސްކީމް އާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އާއްމު ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ހަޔާ އެޑިއުކޭޝަނުން ނިންމައިފި އެވެ.

މިނިސްޓްރީ އޮޮފް ހަޔާ އެޑިއުކޭޝަން އިން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި ސެޝަންގައި މަތީތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގައިި ބައިވެރިވުމަށް ހުޅުވާލާފައިވާ ލޯން ސްކީމާ ބެހޭ ގޮތުން މައުލޫމާތު ދޭނެ އެވެ.

މަތީ ތައުލީމު ހާސިލު ކުރުމާއި ތަމްރީނު ހޯދަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޭ ސްޓުޑަންޓް ލޯނު ނަގައިގެން މިހާރު ރާއްޖެއިން ބޭރުގައި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު އޮންނާނެ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވަނީ މިދިޔަ މަހު ވިދާޅުވެފަ އެވެ.

ސްޓޫޑެންޓް ލޯން ސްކީމް އިފްތިތާހު ކުރުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ކުރީ އަހަރުތަކުގައި ސްޓޫޑެންޓް ލޯނު ފާހަގަ ކުރެވޭ ވަކި ދާއިރާތަކަކުން ޝޯޓް ލިސްޓު ކުރެވޭ ފަރާތްތަކަށް ދޭން ނިންމާފައިވި ނަމަވެސް މިހާރުގެ ސަރުކާރުން ސްޓޫޑެންޓް ލޯންގެ އެހީގައި ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ވެސް ކިޔެވުމުގެ ފުރުސަތު ހުޅުވައިދީފައިވާ ކަމަށެވެ. އަދި، ލޯނުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިިވަނީ ރާއްޖޭގައި ނުހެދޭ ކޯސްތަކަށެވެ.

ހަޔާ އެޑިއުކޭޝަނުން ދޫކުރާ ސްޓޫޑެންޓް ލޯން ދިނުމުގައި މިނިސްޓްރީން އިސްކަންދޭ ބައެއް ދާއިރާތައް ހުރެ އެވެ. އިސްކަން ދޭން ނިންމާފައި ވަނީ ސައިކޮލޮޖިކަލް އެޑިޔުކޭޝަނާއި އޮކިއުޕޭޝަނަލް ތެރަޕީ އާއި ސްޕެޝަލް އެޑިޔުކޭޝަނާއި ސްޕީޗް ތެރަޕީ އާއި ސްޕޯޓްސް މެނޭޖްމެންޓް އަދި ކަލްޗަރަލް އެންޑް ހެރިޓޭޖް ފަދަ ދާއިރާތަކުންނެވެ. މިއީ ރާއްޖެއަށް ބޭނުންވާ ދާއިރާތައް ކަމަށް އެޑިއުކޭޝަނުން ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރަކު ސްޓޫޑެންޓް ލޯނަށް އެ ދޭނަމަ ކިޔެވުމުގެ 50 ޕަސަންޓް ނިންމާފައިވާ ކަމުގެ ޝަރުތު މިހާރު ވަނީ އުވާލައިފަ އެވެ. އަދި އަލަށް ކިޔަވަން ފަށަން ބޭނުންވެ ބޭރު ގައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ސްޓޫޑެންޓް ލޯނަށް މިހާރު އެދެވޭނެ އެވެ.