ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަދި ރަހުމްކުޑަ ގޮތަކަށް މަރާލި އޭނާގެ އެކުވެރިޔާ ޔާމީން ރަޝީދުގެ ނަމުގައި ޖަމިއްޔާއެއް އުފައްދަން ނިންމައިފި އެވެ. "ރިލްވާން އެންޑް ޔާމީން ފައުންޑޭޝަން"އަކީ ރިލްވާން އާއި ޔާމީންގެ އާއިލާއިން އުފައްދާ ޖަމިއްޔާއެކެވެ.
ފައުންޑޭޝަން ތައާރަފްކޮށްފައިވަނީ ޔާމީންގެ އުފަން ދުވަހު އެވެ. މިއަދަކީ ޔާމީންއަށް 31 އަހަރު ފުރޭ ދުވަހެވެ. މި އަހަރު ރިލްވާންއަށް 33 އަހަރު ފުރޭނެ އެވެ.
ރިލްވާން އާއި ޔާމީންގެ އާއިލާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއްވި ބަޔާނުގައި ބުނީ ފައުންޑޭޝަން އުފެއްދީ ޔާމީން އާއި ރިލްވާންގެ ހިޔާލާއި ރޫހާއި ހިތްވަރު އާކޮށް، އެމީހުން ކެނޑިނޭޅި ވަކާލާތު ކުރި ހައްގުތަކާއި ހަމަތައް ކުރިއެރުވުމަށްޓަކައި ކަމަށެވެ.
އެ ފައުންޑޭޝަނަކީ ކޮންމެ މީހަކަށްމެ ލިބިދޭ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ތަފާތު ފިކުރަށް އިހްތިރާމް ކުރުމާއި އިންސާފާއި ގަދަރުވެރި ދިރިއުޅުމެއްގެ ހައްގު ކުރިއެރުވުމަށް މަސައްކަތް ކުރާނެ ފައުންޑޭޝަނެއް ކަމަށް ބަޔާނުގައިވެ އެވެ. އެގޮތުން އެ ރޮނގުތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ތައުލީމާއި ތަމްރީން ފޯރުކޮށްދިނުމަކީ ފައުންޑޭޝަންގެ އެންމެ ބޮޑު އެއް އަމާޒެވެ.
ފައުންޑޭޝަން ތައާރަފްކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިލްވާންގެ މަންމަ އާއި ޔާމީންގެ މަންމަ ވެސް ބައިވެރިވި އެވެ.
ބަޔާނުގައި ބުނީ ރިލްވާން ގެއްލުވާލައި ޔާމީން މަރާލާން ބޭނުންވީ ކޮން ބައެއް ކަމެއް އަދާ ހަމައަށް ވެސް ހޯދިފައިނުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ނުފޫޒުގަދަ ސިޔާސީ ފަރާތްތަކާއި ގޭންގްތަކުން ދައުލަތުގެ މުއައްސަސާތަކާއި ކޯޓުތަކުގެ ތެރެއިން އެކަމުގެ ހަގީގަތް ވަންހަނާ ކުރަން މަސައްކަތް ކުރާ ތަން ފެންނަ ކަމަށެވެ.
ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ދިނުމާބެހޭ ބިލް މަޖިލީހުގައި ތިން ފަހަރު އެޖެންޑާކޮށްގެން ވެސް ފާސްކޮށް ނުދިނުމަކީ މަރުތަކުގެ ހަގީގަތް ފޮރުވުމަށް ނުފޫޒުގަދަ ބަޔަކު ފައިނަގައިގެން ތިބި ކަމުގެ ސާފު ދަލީލެއް ކަމަށް ދެ އާއިލާގެ ބަޔާނުގައިވެ އެވެ.
ރިލްވާން އާއި ޔާމީންގެ ލިޔުންތަކުން މާ ސާދާކޮށް ފެނިގެން ދަނީ އެމީހުންގެ ހިތުގައި އަނެއްކާއަށް ހުރި ރަހުމު ކަމަށާއި އިންސާނިއްޔަތަށް ހުރި ކުލުނު ކަމަށް އާއިލާއިން ބުނެ އެވެ. އެމީހުން އަބަދުމެ ބުނަމުން ދިޔައީ އިންސާނީ ހައްގުތަކަށް އަދި ތަފާތު ހިޔާލަށް އިހްތިރާމްކުރުމަށާއި އަދުލު އިންސާފު ގާއިމްކުރުމަށާއި ތަފާތުކުރުންތައް ނައްތާލުމަށް ކަމަށެވެ.
އާއިލާގެ ބަޔާނުގައި އިތުރަށް ބުނީ ރިލްވާން އާއި ޔާމީންއަށް ވީގޮތެއް ހޯދާ އިންސާފު ހޯދުމަށް ގޮވައިލުމުގައި ދެގޮތެއް ނުވެ ދުރާލާއި ގާތުގައި ގިނަ ރައްޔިތުންތަކެއް ތިބިކަން އަބަދުމެ ހަނދާން ކުރާ ކަމަށެވެ. އާއިލާތަކަށް އެއީ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި ޔާމީން އާއި ރިލްވާންގެ ހައްގުގައި މަސައްކަތް ކުރާ އެންމެންނަށް ވެސް ނުހަނު ލޯތްބާއެކު ޝުކުރު އަދާ ކުރާ ކަމަށެވެ.