ފޭރުން

ބީދޭސީއަކަށް ބިރު ދައްކައި ބައިލައްކަ ރުފިޔާ ފޭރިގެންފި

Apr 11, 2019
1

ބިދޭސީއަކަށް ބިރުދައްކައި އެ މީހާގެ އަތުން ބައިލައްކަ ރުފިޔާ ފޭރިގަނެގެން ފިލަން އުޅުނު މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފޭރުމުގެ މި ހާދިސާ އައީ މިއަދު ހެންވޭރު، ލަންސިމޫގޯޅިން ހިނގާފައި ދިޔަ ބިދޭސީއަކަށް ތޫނުއެއްޗަކުން ހަމަލާދިނުމަށްފަހު އެވެ. މެންދު 12:15 ގައި އޭނާއަށް ހަމަލާ ދިނުމަށް ފަހު 50،000 ރުފިޔާ ފޭރިގެންފައިވާއިރު އެ މައްސަލައާ ގުޅިގެން 20 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އެ މީހާ، ބިދޭސީ މީހާ އަތުން ފައިސާ ފޭރިފައި ވަނީ ހެލެމެޓެއް އަޅައި ތޫނު ހަތިޔާރެއް ހިފައިގެން ގޮހެވެ. އޭނާ ހައްޔަރު ކުރީ ފައިސާތައް ފޭރިގަނެ ފިލަން ދަނިކޮށެވެ. ބިދޭސީ މީހާގެ އަތުގައި ހުރި ފައިސާ އަކީ ކޮން ފައިސާއެއް ކަމެއް ފުލުހުން ސާފުކޮށްދީފައެއް ނުވެއެެވެ.

ފަހަކަށް އައިސް މާލޭގައި ފޭރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ސިނަމާލެ ބްރިޖާއި ހައިވޭގައި ހެލްމެޓް އަޅައިގެން ސައިކަލް ދުއްވުން މަޖުބޫރު ކުރިފަހުން ހެލްމެޓްގެ އެހީގައި މޫނު ނިވާކޮށްގެން ފޭރުން ވަނީ އާންމުވެފައެވެ.