ޝަރުއީ ދާއިރާ

ގާނޫނީ ވަކީލު ކަމުގެ ހުއްދަ 84 ފަރާތަކަށް ދީފި

ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ 84 މީހަކަށްދީ، ވަކީލް ކަމުގެ ހުވާ ކޮށްފި އެވެ.

ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެބޭފުޅުންނަށް ހުވައިލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަޑިޔާރު އަލްއުޒްތާޒް އަބްދުﷲ އަރީފް އެވެ. ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިންކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ އެރަސްމިއްޔާތުގެ ޝަރަފުވެެރި މެހުމާން ކުރީގެ ޕޮރެސެކިއުޓާ ޖެނެރަލް އަދި ކުރީގެ ފަޑިޔާރެއް ކަމަށްވާ އަހްމަދް މުއިއްޒުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަޑިޔާރުންނެވެ.

މިއީ ވަކީލް ކަމުގެ ހުވާކޮށް ލިޔުން ލިބުނު މިއަހަރުގެ ދެވަނަ ބެޗެވެ. މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހުމާން އަހްމަދް މުއިއްޒު ވިދާޅުވީ، ގައުމުގައި ހިނގާ ބޮޑެތި ގާނޫނީ ގޯސްތަކާ ދެކޮޅަށް ވަކީލުން ތެދުވާން ޖެހޭނެ ކަމަށެވެ. އަދި ވަކީލުކަމުގެ ހުއްދަ ލިބުނަސް ގާނޫނީ ހުރިހާ ދާއިރާއަކަށް އެހާ ފަރިތަ ނުވެ ހިނގައިދާނެ ކަމަށެވެ. އެހެންކަމުން ކަންކަމުގައި ގާނޫނީ ލަފާ ދެއްވާއިރު އެންމެ ބޮޑަށް އެނގިލައްވާ ދާއިރާއަކުން ގާނޫނީ ލަފާ ދެއްވުމަށް މުއިއްޒު ވަނީ ވަކީލުންނަށް އިލްތިމާސްކޮށްފަ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު އިތުރަށް ވިދާޅުވީ، ވަކީލަކު ދޭ ލަފައެއްގެ ސަބަބުން މުވައްކިލަށް ގެއްލުންވާނަމަ އެ ލަފާއެއް ދެއްވި ވަކީލަކު ވެސް ކުށްވެރިވާން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނީ ވަކީލުކަމުން ޑިގްރީ ލިބުނަސް ކޯޓު ތަކުގައި ވަކާލާތު ކުރުމުގައި ދަސްކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށެވެ. އެގޮތުން އާއްމުކޮށް ދިމާވާކަމަށް އަލިއަޅުވާ މުއިއްޒު ވިދާޅުވީ، ބައެއް ވަކީލުން އެމީހުންގެ މުވައްކިލުންގެ އަގު ކޯޓު ގައި ވެއްޓޭފަދަ ގޮތަކަށް އަމަލުކުރަމުންދާ ކަމަށާއި، މިއީ އެއްވެސް ހާލެއްގައި ވަކީލަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

މިރޭ ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރު، ޖުޑީޝަލް އެކަޑަމީގެ ޗާންސެލާ އަލްއުޒްތާޒް އަހްމަދް މާޖިދް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ވަކީލުކަމުގެ ހުވާކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތު ތައާރަފްކޮށްދެއްވަމުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، ގާނޫނީ ދާއިރާއަކީ ރާއްޖޭގައި ބާރު ސްޕީޑެއްގައި ކުރި އަރަމުން އަންނަށް ދާއިރާއެއް ކަމަށެވެ. އަދި އުއްތަމަ ފަޑިޔާރު ޑރ. އަހުމަދު އަބުދުﷲ ދީދީ މިހާރު ވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ފަށައިފައި ކަމަށެވެ.