ރޭ ސުޕްރީމް ކޯޓުން އިއުލާން ކުރި ޖުޑިޝަރީ މަގު ޗާޓަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ. ވިހި ކަމެއްގެ މައްޗަށް އެކުލަވާލާފައިވާ އެ މަގު ޗާޓް އިފްތިތާހު ކުރެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ މިނިވަން ކުރެވޭނީ އެ މަގު ޗާޓުންނެވެ.
ނަމަވެސް ބައެއް ބޭފުޅުން މިކަމާ އެއް ބަހެއް ނުވި އެވެ. ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ އިސްލާހު ކުރެވޭނީ މަޖިލީހަށެވެ. ނޫނީ ރައްޔިތުންނަށް ކަމަށެވެ.
"ޖުޑިޝަރީއިން އަމިއްލައަކަށް ލިބިގަނެގެން ތިބި ބާރުތައް އަމިއްލައަކަށް ދުލެއް ނުކުރާނެ،" އިބްރާގެ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
ގާނޫނީ ވަކީލް މަހުފޫޒް ސައީދު މިއަދު "އަވަސް"އަށް ވިދާޅުވި ގޮތުގައި އެ މަގު ޗާޓް ތަންފީޒު ކުރުމުގެ މެންޑޭޓެއް ސުޕްރީމް ކޯޓަށް ނެތެވެ. މަގު ޗާޓްގައި ހިމަނާފައިވަނީ ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ގެންނަ ބައެއް ބަދަލުތަކެވެ. އެހެންވެ، އެ ބަދަލުތައް ގާނޫނުތަކަށް ސުޕްރީމް ކޯޓުން ގެންނަނީ ކިހިނެއްތޯ ސުވާލު އުފެދޭ ކަމަށެވެ.
"މި މަގު ޗާޓް މިއޮތީ ސުޕްރީމް ކޯޓުން ތަންފީޒު ކުރާ އެއްޗެއްގެ ގޮތުގައި، އެހެންވެ އުފެދޭ ސުވާލަކީ ބަދަލު ގެންނަ ގާނޫނުތަކާއި އާ ގާނޫނުތައް ހެދުމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރު ކުރާނީތޯ؟،" މަހުފޫޒް ސައީދު ވިދާޅުވި އެވެ.
މީގެކުރިން ވެސް ސުޕްރީމް ކޯޓުން ބައެއް ގާނޫނުތައް ހެދުމަށް އަމުރު ނެރެފައިވެ އެވެ. އެގޮތުން އެންޓި ޑިފެކްޝަން ގާނޫނަކީ ސުޕްރީމް ކޯޓުގެ އަމުރަށް ރައްޔިތުންގެ މަޖިލީހުން ހެދި ގާނޫނެކެވެ.
ގާނޫނީ ވަކީލް އަދި އަންނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މޫސާ ސިރާޖު ވިދާޅުވި ގޮތުގައި ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ގެންނަން ބޭނުންވާ ބަދަލުތައް ސުޕްރީމް ކޯޓަށް ކަނޑަނޭޅޭނެ ކަމަށެވެ. ގާނޫނު އަސާސީގައި ބާރުތައް ވަކިކޮށް ކިޔައިދީފައިވާއިރު އެއީ ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރެއް ކަމަށެވެ. ސުޕްރީމް ކޯޓުގެ ޒިންމާއަކީ ގާނޫނުތަކާ އެއްގޮތަށް ހުކުމްތައް ނެރެ، އިންސާފު ގާއިމްކޮށްދިނުން ކަމަށެވެ.
"އެއަށްވުރެ އިތުރަކަށް ނުދެވޭނެ، ނުލިބޭ ބާރުތަކެއްގެ ބޭނުން މިހާރު ކުރަމުން އެ ދަނީ،" މޫސާ ސިރާޖު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ އިސްލާހު ކުރަން ކުރަން ޖެހޭ ކަންކަން އެމްޑީޕީގެ މަޖިލިސް މެނިފެސްޓޯ އެޖެންޑާ19ގައި ވާނީ ހިމަނާފައިވެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކުރާނެ ކަންތައްތައް ކަމަށާއި އެ ބަދަލުތަކާއެކު ޝަރުއީ ދާއިރާ އިސްލާހު ވާނެ ކަމަށެވެ.
"ސިޓީތަކުގައި ސްޕީރިއާ ކޯޓުތައް އަޅާ، ޖުޑީޝަލް ސާވިސް ކޮމިޝަން އިސްލާހު ކުރުމަކީ ސުޕްރީމް ކޯޓަށް ކިހިނަކުން ކުރެވޭނެ ކަމެއްތޯ؟،" މޫސާ ސިރާޖު ސުވާލު އުފެއްދެވި އެވެ.
މަގު ޗާޓްގައިވާ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން އިސްލާހުކޮށް، ކޮރަޕްޝަނާއި، ފަސާދައާއި، ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ޝަރުއީ ދާއިރާ ހަދާނެ އެވެ. މިނިވަންކަން ނުގެއްލޭނެ ގޮތަކަށް ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ވެސް ގާއިމް ކުރާނެ އެވެ. އެކަންކަން ކުރާނެ ޕްލޭން އެކުލަވާލާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މަގު ޗާޓް އިފްތިތާހުކުރި ޖަލްސާގައި ބައިވެރިވެވަޑައިގަތް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ އެ މަގު ޗާޓުން އުއްމީދެއް ލިބޭކަން ފާހަގަކުރައްވާފަ އެވެ. އެކަމަނާ އެހެން ވިދާޅުވީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމުން ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވުމުންނެވެ.
މާރިޔާ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްލާހި އެޖެންޑާ ފުރުސަތެއް ކަމަށް ދެކި ރާއްޖޭގެ މީހުން ރާއްޖެއަށް އިސްލާހު ގެނައި ގޮތަށް ޝަރުއީ ދާއިރާގެ އިސްލާހީ އެޖެންޑާ ފުރުސަތެއް ކަމަށް ދެކި އެ ފުރުސަތު ބޭނުން ކުރުން މުހިންމު ކަމަށެވެ.
މަގު ޗާޓް އެކުލަވާލާފައިވަނީ ޖުޑިޝަރީ ރިފޯމްގެ ނަމުގައި ބޭއްވި ކޮންފަރެންސްގައި މަޝްވަރާ ކުރި ކަންކަމުގެ މައްޗަށެވެ. އެ ކޮންފަރެންސްގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރި އެވެ. އަދި އެހެން ބާރުތަކުން ޝަރުއީ ދާއިރާގެ މައްޗަށް އަތްގަދަކުރަން އުޅޭ ކަމަށް ބުނެ ބައެއް ފަނޑިޔާރުން އެ ކޮންފަރެންސްގައި ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ.