ހަބަރު

ފާޑުކިޔައިގެން ފިޔަވަޅެއް ނާޅަން: ޖުޑިޝަރީ

ޝަރުއީ ކޯޓުތަކަށާއި ނިންމުންތަކަށް އިލްމީ ފާޑުކިޔައިގެން ފިޔަވަޅު އަޅާފައި ނޯންނާނެ ކަމަށާއި ފިޔަވަޅު އަޅަނީ ނޫނީ ހާޒިރު ކުރަނީ ކޯޓުތަކުގެ ހުރުމަތް ކަނޑާތީ ކަމަށް ޖުޑިޝަރީއިން މިއަދު ބުނެފި އެވެ.

ޑިޕާޓްމެންާޓް އޮރް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުޑިޝަލް އެކެޑަމީގެ ޗާންސެލާ އަހުމަދު މާޖިދު ވިދާޅުވީ ކޯޓެއްގެ ނިންމުމެއް ގަބޫލު ނުކުރެވޭނަމަ އެ ނިންމުމަކާމެދު އިލްމީ ގޮތުން ފާޑު ކިޔުމުގެ ފުރުސަތު އެންމެންނަށް ވެސް އޮންނާނެ ކަމަށެވެ.

"ރީތި ގޮތުގައި އެއަށް ފާޑުކިޔޭނެ އިނގޭތޯ، ފާޑު ކިޔާފަަވެސް އެބަ ހުއްޓޭ، އެގޮތަށް ފާޑު ކިޔައިގެން އެއްވެސް ބޭފުޅަކަށް ފިޔަވަޅު އަޅާފައެއް ވެސް ނެތް، އަޅުގަނޑަށް އެނގިގެން ފިޔަވަޅު އަޅާފައެއް ނެތް،" މާޖިދު ވިދާޅުވި އެވެ.

"އެހެނެއް ނޫން ފަނޑިޔާރުގޭގެ ހުރުމަތް ކަނޑާ ފަނޑިޔާރުންނަށް ބިރު ދައްކާ ޑިއު ޕްރޮސެސްގެ ބޭރުން އުސޫލުތަކުގެ ބޭރުން ފަނޑިޔާރުންނާ އެއްޗެހި ގޮވާ ނުވަތަ ފަނޑިޔާރުގެއަށް އެއްޗެހި ގޮވާ ހަދާ ކަމަށް ވާނަމަ އެކަމާ ގުޅޭ ފިޔަވަޅުތައް އަޅާނެ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް، އެއީ ހަމައެކަނި ރާއްޖޭގައި ކުރާ ކަމެއް ނޫން،"

މާޖިދު ވިދާޅުވީ ކޯޓުތަކުގެ ހުރުމަތް ކެނޑުމަކީ ކުށެއް ކަމަށް އޮތީ ހަމައެކަނި ރާއްޖޭގައި ނޫން ކަމަށެވެ. އެއީ ތަހުޒީބީ ހުރިހާ މުޖުތަމައުތަކުގައި ވެސް އޮތް ކަމެއް ކަމަށެވެ. ރާއްޖޭގެ ގާނޫނު އަސާސީގައި ވެސް އެކަން ލިޔުނީ ހިކުމަތެއް އޮތުމުންކަން އޭނާ ވިދާޅުވި އެވެ. ކޯޓުތަކުގެ ހުރުމަތް ކަނޑާ ގެއްލުންދޭ ނަމަ، އެއީ ގާނޫނު އަސާސީގެ ވެސް ހުރުމަތް ކަނޑާލުން ކަމަށް މާޖިދު ވިދާޅުވި އެވެ.

މިފަހުން ވެސް ޑީޖޭއޭއިން ވަނީ ޝަރުއީ ދާއިރާއަށް ހާއްސަކޮށް ސުޕްރީމް ކޯޓަށް ފާޑުކިޔުއްވި ބައެއް ބޭފުޅުން ހާޒިރުކޮށް ބަޔާން ނަގާފަ އެވެ. އެ ބޭފުޅުން ފާހަގަކޮށްފައި ވަނީ ޝަރުއީ ދާއިރާގައި ކޮރަޕްޝަނާއި ނުފޫޒު އޮތް ކަމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ޖެހޭ ކަމެވެ.

ސުޕްރީމް ކޯޓުން އިސްނަގައިގެން އެކުލަވާލި އިސްލާހު ކުރުމުގެ މަގު ޗާޓްގައި ވެސް ޝަރުއީ ދާއިރާއިން ކޮރަޕްޝަނާއި ނުފޫޒު ދުރުކުރުމުގެ ވާހަކަ ފާހަގަކޮށްފައިވެ އެވެ. އެހެންވީރު އެ ވާހަކަތައް ދައްކާ ފަރާތްތައް ހާޒިރުކޮށް ބަޔާން ނަގާތީ ފާޑުކިޔުން އޮތީ އަމާޒުވެފަ އެވެ.

މާޖިދު ވިދާޅުވީ ޝަރުއީ ދާއިރާގައި ކޮރަޕްޝަނާއި ނުފޫޒު އޮތް ކަމަށް ބުނެގެން އެއްވެސް މީހަކު ހާޒިރުކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް ވަކި ފަނޑިޔާރުންތަކެއް ވަކި ކުރަން ޖެހެއޭ ނޫނީ ވަކި ކުރާނަމޭ ބުނެފިނަމަ، ހާޒިރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެއީ ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ އަމަލެއް، ވަޒީފާގެ ރައްކާތެރިކަން ދޭން ޖެހޭ ބަޔަކު ހުކުމެއް ކުރުމުން ވަކި ކުރާނެ ކަމަށް ބުނުމަކީ، މިސާލަކަށް މިދިޔަ ހަފުތާ ތެރޭގައި ހާޒިރުކުރި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ބުނީ ފަނޑިޔާރުން ކުރި ހުކުމެއްގެ ސަބަބުން އެ ފަނޑިޔާރުން ވަކި ކުރަން ޖެހޭ ކަމަށް، ގާނޫނުތައް ބައްލަވާ، ފަނޑިޔާރުން ކުރާ ހުކުމަކާ ގުޅިގެން ފިޔަވަޅު ނޭޅޭނެ ކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފަ އެބަ އޮވޭ،" މާޖިދު ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި އަޅުގަނޑުމެން ފިޔަވަޅެއް ނާޅަން ހުކުމެއް ރަނގަޅެއް ނޫން ކަމަށް ބުނެގެން، ކިހާ ވަރަކަށްތޯ އެ ވާހަކަ ލިޔަނީ، ހަގީގަތުގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ނޫނީ އަމަލަކަށް ވެދާނެ ކަމެއްގައި ނޫނީ އެއްވެސް ބޭފުޅަކު ހާޒިރުކޮށް ބަޔާން ނަގާފައެއް ނޯންނާނެ،"

މަޖީދު ވިދާޅުވީ ހިޔާލު ފާޅު ކުރަން ވާނީ އޮންނަ ރީތި އުސޫލުގެ ދަށުން ކަމަށެވެ. އެގޮތަް ހިޔާލު ފާޅުކުރާނަމަ ފިޔަވަޅު ނާޅާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ނަމަވެސް ގާނޫނީ ވަކީލުންތަކެއް ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެދި ކަންކަން ހިމަނައި ޕެޓިޝަނެއް ހުށަހެޅުން އެ ވަކީލުންތައް ސަސްޕެންޑް ކުރި ހާދިސާ އޭނާ ފާހަގަކުރެއްވި އެވެ. މާޖިދު ވިދާޅުވީ އޭރުގައި ހިނގައިގެން ނުވާނެ ކަންކަން ހިނގާފައިވާ ކަމަށެވެ. އެކަންކަން އިސްލާހު ކުރުމުގެ ހެޔޮ ނިޔަތް މިހާރު އެބަ އޮތް ކަމަށާއި ސުޕްރީމް ކޯޓުން އިސްނަގައިގެން އެކަން ކުރަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.