ހަބަރު

އިސްލާހު ކުރުމުގެ މެންޑޭޓް ސުޕްރީމް ކޯޓަށް އެބައޮތް: ޖުޑިޝަރީ

ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް މަގު ޗާޓް އެކުލަވާލައި، އެކަމަށް އިސް ނަގައިގެން މަސައްކަތް ކުރުމުގެ ގާނޫނީ ބާރު ސުޕްރީމް ކޯޓަށް އެބަ އޮތް ކަމަށް ޖުޑިޝަރީއިން ބުނެފި އެވެ.

ރޭ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ސުޕްރީމް ކޯޓުން އިސް ނަގައިގެން ކުރިއަށް ގެންދާ އިސްލާހީ ހަރަކާތުގެ މަގު ޗާޓް އިފްތިތާހުކޮށް ދެއްވާފަ އެވެ.

އެ މަގު ޗާޓްގައި 20 ކަމެއް ހިމަނާފައިވާއިރު އެ ކަންކަމަކީ އަދި އެ މަގު ޗާޓަކީ ސުޕްރީމް ކޯޓުގެ މެންޑޭޓްގެ ބޭރު ކަމެއް ކަމަށް ބައެއް ގާނޫނީ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. އަދި މަގު ޗާޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ.

މިއަދު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝް (ޑީޖޭއޭ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުޑީޝަލް އެކެޑެމީގެ ޗާންސެލާ އަހުމަދު މާޖިދު ފާހަގަ ކުރެއްވީ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތަކީ ސުޕްރީމް ކޯޓު ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަމެވެ. އެ އުސޫލުގެ މަތިން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އިސް ނެގުމުގެ މެންޑޭޓް ސުޕްރީމް ކޯޓަށް އޮންނާނެ ކަމަށެވެ.

"އަދުލުއިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތަކީ ސުޕްރީމް ކޯޓު، އެތަނެއް އިސްލާހު ކުރުމުގެ ބާރު ނޫނީ މެންޑޭޓް އެންމެ ބޮޑަށް އޮންނާނީ އެތަނެއްގެ އެންމެ އިސް ފަރާތަށް، މިސާލަކަށް ޖަމިއްޔާއެއް އިސްލާހު ކުރުމުގެ މަސައްކަތް އެންމެ ބޮޑަށް ކުރަން ޖެހޭނީ އެ ޖަމިއްޔާއެއްގެ އެންމެ އިސް ފަރާތަށް،" މާޖިދު ވިދާޅުވި އެވެ.

ތަންފީޒީ އިދާރާތަކާއި މިނިސްޓްރީތަކުގެ ކަންކަން އިސްލާހު ކުރަންވެއްޖެނަމަ، އެކަމަށް އިސް ނަންގަވަނީ ރައީސުލްޖުމްހޫރިއްޔާ ކަމާއި ޝަރުއީ ދާއިރާގައި ވެސް އޮންނާނީ އެ އުސޫލު ކަމަށް އޭނާ ވިދާޅުވި އެވެ.

މާޖިދު ވިދާޅުވީ ގާނޫނު އަސާސީއިން ސުޕްރީމް ކޯޓަށް ދެ ހައިސިއްޔަތެއް ލިބޭ ކަމަށެވެ. އެންމެ އަދުލްއިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތަށްވުމާއި އެންމެ މަތީ ކޯޓަށްވުން ކަމަށެވެ. އަދުލުއިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތުގެ ހައިސިއްޔަތު ލިބިފައި އޮތުމުން ސުޕްރީމް ކޯޓުގެ ލަފަ އާއި އިރުޝާދާ ނުލައި ޝަރުއީ ދާއިރާ އިސްލާހު ކުރަން އުޅުމަކީ ދުސްތޫރު ދަންނަ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އިއުލާން ކުރި މަގު ޗާޓަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ހެޔޮ ނިޔަތުގައި ކޮށްފައިވާ ކަމެއް ކަމަށާއި އެ މަގު ޗާޓް އެކުލަވާލާފައިވަނީ ހުރިހާ ފަރާތްތެއްގެ މަޝްވަރާގެ މަތިންކަން ވެސް މާޖިދު ފާހަގަކުރެއްވި އެވެ. އެގޮތުން ޓެކްނިކަލް ޓީމެއް އެކުލަވާލާފައިވާ ކަމާއި އެ ޓީމްގައި ބަންޑާރަ ނައިބްގެ ފަރާތުންނާއި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުންނާއި ފުލުހުންނާއި ވަކީލުން ހިމެނޭ އެވެ. މަގު ޗާޓަށް އަމަލު ކުރާނެ ގޮތުގެ އެކްޝަން ޕްލޭން ވެސް އެކުލަވާލާނީ އެ ޓީމްގެ މަޝްވަރާ އާއި ލަފާގެ މަތިންނެވެ.

މާޖިދު ވިދާޅުވީ މަގު ޗާޓުން ބުނެދޭ ވާހަކައަކީ އިސްލާހު ކުރަން ޖެހޭ ކަންކަން ކަމަށެވެ. އެކަމަށް ބޭނުންވާ ގާނޫނުތަކާއި އިސްލާހުތައް ގެނައުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ. އެކަމަށް މަޖިލީހުން އެއްބާރުލުން ލަސްނުކޮށް ދޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް ވެސް މާޖިދު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުން މާޖިދު ފާހަގަ ކުރެއްވި އެވެ. އެއީ ކުރަން ޖެހޭ ކަމެއްކަން ޖުޑިޝަރީއިން ބޭއްވި ކޮންފަރެންސްގައި އެންމެން ވެސް ފާހަގަކުރި އެވެ. މަގު ޗާޓްގައި އެކަން ހިމަނާފައިވަނީ އެހެންވެ އެވެ. ނަމަވެސް ޖޭއެސްސީ އިސްލާހު ކުރާނެ ގޮތުގެ ފަންނީ ލަފާ ދޭނީ ޓެކްނިކަލް ޓީމުންނެވެ. އެ ފަންނީ ލަފާއާ އެއްގޮތަށް ޖޭއެސްސީ އިސްލާހު ކުރުމުގެ މަސައްކަތް ކުރުމުގެ ޒިންމާ އޮންނާނީ ރައްޔިތުންގެ މަޖިލީހަށްކަން މާޖިދު ފާހަގަކުރެއްވި އެވެ. އެހެންކަމުން މިކަމަކީ އެންމެ ގުޅިގެން އެކުގައި ކުރަން ޖެހޭ މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ މަގު ޗާޓްގައި ހިމެނޭ ހުރިހާ ކަމަކީ ވެސް ދައުލަތުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ. ދައުލަތުގެ ތެރޭގައި ތިން ބާރު ވަކިވެފައި އޮތް ނަމަވެސް ތިން ބާރަކީ ވެސް އެކުއެކީގައި މަސައްކަތް ކުރަން ޖެހޭ ތިން ބާރު ކަމަށެވެ.

"އެހެންވީމަ ސަރުކާރުން އެ އިންތިޒާމްތައް ހަމަޖެހޭނެ ގޮތަކުން ޝަރުއީ ދާއިރާގެ ކޯޓުތަކާއި އެހެން ކަންކަން ވެސް ކުރިއަށް ދާނީ،" ނަޒީރު ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ ޝަރުއީ ދާއިރާގައި ވެސް މައްސަލަތައް އެބަހުރި ކަމަށާާއި ފަންނީ ބައްދަލުވުންތައް ބާއްވައި އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރަނީ އެހެންވެ ކަމަށެވެ. މަގު ޗާޓް ތަންފީޒުކޮށް ނިމިގެންދާއިރު، ހެޔޮ ބަދަލުތައް އަންނާނެ ކަމަށެވެ.