ހަބަރު

ފަނޑިޔާރުންނާމެދު ރުޅިވެރިކަން އުފައްދާތީ ހިތާމަކުރަން: ސުޕްރީމް ކޯޓު

ފަނޑިޔާރުންނާމެދު ނަފުރަތާއި ރުޅިވެރިކަން އުފެދޭ ވާހަކަތައް ނުފެތުރުމަށް ސުޕްރީމް ކޯޓުން މިއަދު އިލްތިމާސްކޮށްފި އެވެ.

ސުޕްރީމް ކޯޓުން ނެރުނު ދިގު ބަޔާނެއްގައި މިފަދައިން އިލްތިމާސެއް ކުރީ ޝަރުއީ ދާއިރާ އިސްލާހު ކުރަން ސުޕްރީމް ކޯޓުން އިސް ނަގައިގެން މަގު ޗާޓެއް އެކުލަވައިލުމުން އެކަމަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. އަދި ބައެއް ފަރާތްތަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ގޮވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި ބުނީ ވަކިފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުން ނުވެ ތައައްސުބުން އެއްކިބާވެ ފަނޑިޔާރުން ތިބެން ޖެހެނީ މިނިވަންކަމާއެކުގައި ކަމަށެވެ. އެކަން ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އަމިއްލަ ފަރުދަކު ވިޔަސް އަދި ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިހަދައިގެން ނުވާނެ ކަމަށެވެ.

މީގެއިތުރުން އަނެއްކާގެ ހައްގުތަކާއި މިނިވަންކަމަށް ރައްކާތެރިވެ އިހްތިރާމްކުރުމާއި، އެކުވެރިކަމާއި، އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރުމުގެ ރޫހު އާލާކުރުމާއި، އަނެކުންނާ ތިމާއާ ދެމެދު ހުންނަ ތަފާތުތައް ބަލައިގަތުމުގެ އުސޫލު ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ ގާނޫނު އަސާސީގެ ރޫހު ކަމަށެވެ.

ނަމަވެސް އެ އުސޫލުތަކާ ހިލާފަށް ފަނޑިޔާރުންނާމެދު ނަފުރަތާއި ރުޅިވެރިކަން އުފެދޭފަދަ ވާހަކަތައް ފެތުރުމާއި ފަނޑިޔާރުންނާ ދެކޮޅަށް ހަގީގަތެއް ނެތް ދޮގު ތުހުމަތުތައްކޮށް، ފަނޑިޔާރުންނަށް ކަށަވަރުކޮށްދީފައިވާ މުސްތަގިއްލުކަމަށް އެއްވެސް ބެލުމެއްނެތި ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ އަމަލުތައް ބައެއް ފަރާތްތަކުން ތަކުރާރުކޮށް ކުރާތީ ހިތާމަ ކުރާ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

ސުޕްރީމް ކޯޓާއި، ޝަރުއީ އެހެން ކޯޓުތަކުގެ ހުރުމަތް ކަނޑައި، އެތަންތަނުގެ އިތުބާރު ގެއްލުވައިލައިގެން ނާޖާއިޒު
މަގުސަދުތަކެއް ހާސިލުކުރުމަށްޓަކައި މަދު ބަޔަކު ހިންގަމުންދާ ނޭދެވޭ އަމަލުތަކަކީ އޭގެ ސަބަބުން ދިވެހި
ދައުލަތުގެ ހައިބަތާއި ކަރާމާތް ގެއްލިގެން ހިނގައިދާނެ ފަދަ އަމަލުތަކެކެއް ކަމަށެވެ. އަދި އެފަދަ ހިޔާލު ފައުޅުކުރުމުގެ މިނިވަންކަމާއި، ބިނާކުރަނިވި ފާޑުކިޔުމުގެ ދާއިރާގެ ތެރެއިން ބޭރުގައިވާ އަމަލުތަކެކެއް ކަމަށެވެ.

"އެއީ ފަނޑިޔާރުންނަށް ބިރުދައްކައި، ޝަރުއީ ދާއިރާއާއި ކޯޓުތަކުގެ މައްޗަށް ނުފޫޒު ފޯރުވައި، ސިޔާސީ މަހުސަދުތަކެއް ހާސިލުކުރުމަށްޓަކައި ދުސްތޫރީ ނިޒާމު ފުޑުފުޑުކޮށް ސުންނާފަތިކުރުމުގެ ނުބައި މަގުސަދުގައި ކުރަމުންގެންދާ ނޭދެވޭ އަމަލުތަކެއްކަމަށް މެނުވީ ބެލެވޭނެ ތަނެއް ނެތް،" ބަޔާނުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ބަޔާނުގައި ބުނީ އެކިއެކި ފަހަރުފަހަރުމަތިން ޝަރުއީ ދާއިރާގެ ހާލަތު ބަލައި ދިރާސާކުރި ބައިނަލްއަގްވާމީ ފަރާތްތަކުން ވެސް ވަނީ، ކޯޓުތަކުގެ މައްޗަށް ސިޔާސީ ބައެއް ފަރާތްތަކުން ނޭދެވޭ ނުފޫޒު ފޯރުވައި، ފަނޑިޔާރުންނަށް ބިރުދައްކައި، ފަނޑިޔާރުގޭގެ މިނިވަންކަމާއި މުސްތަގިއްލުކަން ނަގައިލުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފަ ކަމަށެވެ. އަދި ޝަރުއީ ދާއިރާ ހަރުދަނާކޮށް، އަދުލު އިންސާފު ގާއިމު ކުރުމުގެ ޒިންމާ ކޯޓުތަކަށް ފުރިހަމަ ގޮތުގައި އަދާކުރެވޭނީ އެފަދަ ނުފޫޒުތަކާއި ބިރުދެއްކުންތަކުން ޝަރުއީ ދާއިރާ ސަލާމަތް ވެގެންކަން ވެސް ވަނީ ފާހަގަކޮށްފަ ކަމަށެވެ.

އިސްލާމްދީނުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނަގަހައްޓައި އެ ހައްގު ކަށަވަރުކޮށްދީފައިވާ ކަމާއި، ނަމަވެސް، އިސްލާމް ދީނުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވަނީ އެހެން މީހުންގެ އަބުރާއި ކަރާމަތާއި ރީތިނަން ހިމާޔާތްވެ ރައްކާތެރިކުރުމުގެ ގޮތުން އިސްލާމީ ޝަރީއަތުގައި ކަނޑައެޅި ބަޔާންވެފައިވާ އިންތަކުގެ ތެރެއިން އެ މިނިވަންކަން ޕްރެކްޓިސްކުރެވޭނޭ ހަރުދަނާ އުސޫލުތަކެއްގެ މަތިންކަން ވެސް ފާހަގަކުރި އެވެ.

ބަޔާނުގައި އިތުރަށް ބުނީ ގާނޫނުއަސާސީއާއި އިސްލާމީ ޝަރީއަތުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވާ އިންތަކުގެ ބޭރުން، ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަމުގެ މަބްދައުގެ އުސޫލުތަކާ ހިލާފުވާ ގޮތަށް، ކޯޓުތަކާއި ފަނޑިޔާރުންނާމެދު ނަފުރަތާއި ރުޅިވެރިކަން އުފެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ކަމުގެ ހަގީގަތް އޮޅޭގޮތަށް، އެއްވެސް އަސާސެއް ނެތް ދޮގުވާހަކަތައް ފަތުރައިގެން ފަނޑިޔާރުންގެ އަބުރު ކަތިލައި ފަނޑިޔާރުންނަށް ބިރުދެއްކުމާއި، ރައްޔިތުން ކޯޓުތަކަށްކުރާ އިތުބާރާއި އިހުތިރާމް ކަނޑުވާލުމަށްޓަކައި ކުރެވޭ އެންމެހައި މަސައްކަތްތަކަކީ، ބަޔާންވެދިޔަ ޝަރުއީ އަދި ދުސްތޫރީ އަދި އާލަމީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް،" ބަޔާނުގައިވެ އެވެ.

އެހެންވެ އެފަދަ ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށާއި އަދި އެފަދަ ވާހަކަތައް ތަކުރާރު ނުކުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށް ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.