ގިނަ އަދަދެއްގެ ކުނި އެއްފަހަރާ އުކާލަން ބޭނުންވާ ނަމަ ވެމްކޯ ކެޕްސްގެ ހިދުމަތަކީ އޭގެ ހައްލެވެ. ގޭބީސީތަކުން ކުނީގެ ގޮތުގައި އުކާލަންޖެހޭ ބާ ފަރުނީޗަރު ފަަދަ ކުންޏާއި، ކޮންސްޓްރަކްޝަން ސައިޓުތަކުން އުކާލާ ކުންޏަށް ވެމްކޯގެ ކެޕްސްގެ ހިދުމަތް ތައާރަފުކޮށްފައިވާ އިރު މިއީ އެންމެ ފަސޭހައިން ހެޔޮ އަގެއްގައި ކުނި ނައްތާލެވޭނެ ގޮތެވެ.
ގޭބީސީތަކަށް ކެޕްސް ލައިޓް ފުރިހަމަ
މިބާވަތުގެ ސައިޒުން ބޮޑެތި ކުނި މަދުން ނަމަވެސް ގޭގެއިން ވެސް އުކާލަން ޖެހެ އެވެ. ބާ ފަރުނީޗަރާއި ދުވަސްވީ ގޮދަޑިތައް އުކާލަން ބޮޑު ހަރަދެއް ކުރަން ޖެހޭ އިރު، ވެމްކޯގެ ކެޕްސް ލައިޓްގެ ހިދުމަތުން މި މައްސަލައަށް ހައްލު ހޯދައި ދޭނެ އެވެ.
ގޭބީސީތަކުން ކުނި ނެގުމުގެ ހިދުމަތް ދޭއިރު ހިދުމަތުގައި ނުހިމެނޭ، ބޮޑެތި އަދި ބަރު ކުނި ވަކިން އުކާލަން ބޭނުންވާނަމަ ވެމްކޯގެ ހޮޓްލައިނަށް ގުޅައިގެން ދެފަރާތް އެއްބަސްވާ ތާރީހެއްގައި ވެމްކޯގެ ކެޕްސް ލަައިޓް ހިދުމަތަށް އެދެވޭނެ އެވެ.
މި ހިދުމަތް ހޯދަން ކޮންމެ ދުވަހަކުވެސް ރަޖިސްޓާ ކުރެވޭ އިރު، ހިދުމަތް ދޭނީ ހަފުތާގެ ތިން ދުވަހު އެވެ. އެއީ ހަފުތާގެ މެދުން އަންގާރަ ދުވަހާއި ހުކުރު ހޮނިހިރުގަަ އެވެ.
ކެޕްސްގެ ހިދުމަތުގެ އަގު ކަނޑައެޅިފައި ވަނީ، އުކާލާ ކުނީގެ ބޮޑު އަދި ބަރު މިނަށް ބަލަގައިގެނެވެ. އެގޮތުން 25 ރުފިޔާ އާއި 50 ރުފިޔާ އަދި 75 ރުފިޔާގެ ރޭޓުން ގޭބީސީތަކުން ކުނި އުކައިދޭނެ އެވެ.
ކެޕްސްގެ ހިދުމަތް ބޮޑެތި ކުންޏަށް ހާއްސަ
ކޮންސްޓްރަކްޝަން ސައިޓުތަކުގެ ބޮޑެތި ކުނި އުކާލަން ވެމްކޯ އިން ވަނީ އުސޫލުތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން، މި ހިދުމަތުގެ ތެރެއިން ނެގުމަށް ހަމަޖެހިފައިވަނީ ބޭރު ނުވާނެހެން ގޯނި ނުވަތަ ކޮތަޅުގައި ބަންދު ކުރެވިފައިވާ ކުންޏެވެ.
ހިދުމަތް ހޯދަން ވެމްކޯގެ ވެހިކަލަށް ގުޅުމުގެ ކުރިން ކުނި ނަގާނެ ސަރަހައްދެއް ހަމަޖައްސައި، ވެމްކޯގެ ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއް ވެސް ހަމަޖައްސަން ވާނެ އެވެ. މި ހިދުމަތް ފޯރުކޮށްދިނުމަށްދާ ވެމްކޯގެ ވެހިކަލަށް ކުނި އެރުވުމަށް ހަމަޖެހިފައިވަނީ ކަސްޓަމަރު އަމިއްލަ އަށެވެ. އަދި، އުކާލުމަށް މަަގުމައްޗަށް ނެރެފައިވާ ކުންޏަށް އީޕީއޭ އިން ޖޫރިމަނާ އެއް ނަގައިފި ހާލަތެއްގައި އެ ފައިސާ ދައްކާނީ ހިދުމަތް ހޯދާ ފަރާތުންނެވެ.
ވެމްކޯގެ ކެޕްސްގެ ހިދުމަތް ހޯދުމަށް ކަސްޓަމަރުން ގުޅާތާ ފަސް މިނެޓާއި 10 މިނެޓުގެ ތެރޭގައި ގްރައުންޑް އޮޕަރޭޝަންސް ސްޓާފެއް ގުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ވެމްކޯ އިން މި ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މެންދުރު ތިނަކުން ދަންވަރު 12 އާ ދެމެދު އެވެ.
ވެމްކޯގެ ކޯލް އެންޑް ޕިކްއަޕް ސާވިސް، ކެޕްސްގެ ހިދުމަތަކީ ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝަން ކުނި ނުވަތަ ގިނަ އަދަދެއްގެ ކުނި އެއްފަހަރާ އުކާލަން ބޭނުންފުޅުވާ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތެކެވެ.
މި ހިދުމަތުގެ އަގު ކަނޑައަޅާފައިވަނީ 350 ކިލޯގެ ޕިކަޕަކަށް 250 ރުފިޔާ، އަދި 1.5 ޓަނުގެ ޕިކަޕަކަށް 550 ރުފިޔާގެ ރޭޓުންނެވެ. ކެޕްސްގެ ހިދުމަތް ހޯއްދެއްވުމަށް 1666 އަށް ގުޅުއްވާ ނަންނޯޓުކޮށްގެން ހަފްތާގެ ކޮންމެ ދުވަހަކުވެސް މި ހިދުމަތް ހޯދޭނެ އެވެ.