ރިޕޯޓް

ޖިއްދާއިން މާލެއަށް: ރާއްޖޭގެ ޖުޑިޝަރީ އިސްލާޙުކުރުން

ޢަދުލުވެރިކަމަކީ އެކަމަކަށްޓަކައި މާތް ﷲ ރަސޫލުން ފޮނުއްވައި ފޮތްތައް ބާވާލެއްވި އެންމެ މުހިންމު އެއް އަސާސްކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. ޢަދުލުވެރިކަން ޤާއިމުކުރުމަކީ އިސްލާމްދީނުގައި ނުހަނު މަތިވެރި މަޤާމެއް ދެވިފައިވާކަމެކެވެ. އިސްލާމީ ދައުލަތުގެ އެންމެ މަތިވެރި އަސާސަކީ ޢަދުލުވެރިކަން ޤާއިމު ކުރުމެވެ.

އެންމެ ފުރިހަމަ ގޮތުގައި ޢަދުލުވެރިކަން ޤާއިމުކުރަން މަސައްކަތް ކުރުމަކީ ވާޖިބުވެގެންވާ ކަމެކެވެ. ޙުކުމް ކުރުމުގައި ޢަދުލުވެރިވާން ޖެހޭ ފަދައިން ބަސްބުނުމުގައި ވެސް ޢަދުލުވެރިވުމަށް މާތް ﷲ ކީރިތި ޤުރުއާނުގައި އަންގަވާފައިވެއެވެ. ދަރިންގެ މެދުގައި ޢަދުލުވެރިވާން ޖެހޭ ފަދައިން އަނބިންގެ މެދުގައި ވެސް ޢަދުލުވެރިވާން އިސްލާމްދީނުގައި އަންގަވާފައިވެއެވެ.

ތުހުމަތު ކުރެވޭ މައްސަލައެއްގައި ނަމަ އަދުލުވެރިވާން ޖެހެނީ ހަމަ އެކަނި ޙުކުމް ކުރަން އިންނަ ފަޑިޔާރެއްނޫނެވެ. ޢަދުލުވެރިވުން ވާޖިބުވުމުގައި ތަޙުޤީޤުކުރާ ފަރާތާއި ދަޢުވާ އުފުލާ ފަރާތާއި ފަނޑިޔާރާ ވަކި ތަފާތެއް ނެތެވެ. ކޮންމެ ފަރާތަކުން ވެސް އެފަރާތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގައި ޢަދުލުވެރިވުމަކީ ދީނީ ގޮތުން ވާޖިބުވެގެންވާ ކަމެކެވެ. ޢަދުލުވެރިކަން ޤާއިމު ކުރުމަކީ ކުށްވެރިޔާ ކުށުން ބަރީއަ ކުރުމެއްނޫނެވެ. ނުވަތަ ކުށް ނުކުރާ މީހާއަށް އަދަބު ދިނުމެއް ވެސް ނޫނެވެ. ޢަދުލުވެރިވުމަކީ ކުށްކުރާ މީހާއަށް ޙައްޤު އަދަބު ދިނުމެވެ. ކުށް ނުކުރާ މީހާ އަށް އިންސާފު ހޯދައި ދިނުމެވެ. އެއްވެސް މީހެއްގެ މައްޗަށް ކުށެއް ސާބިތު ނުވާހާ ހިނދެއްގައި އެމީހަކީ ކުށްވެރިއެއް ނޫނެވެ. މީހަކާމެދު ކުށެއްގައި ތުހުމަތު ކުރެވުމަކީ އެމީހަކު ކުށްވެރިވުމެއްނޫނެވެ. ޝަރުޢީ އުޞޫލަކީ ޝަރުޢީ ހަމަތަކުގެ މަތިން އެމީހެއްގެ މައްޗަށް ކުށެއް ސާބިތު ނުވާހާ ހިނދެއްގައި އެ މީހަކު ކުށުން ބަރީއަވުމެވެ.

މުސްލިމު ނޫން ދައުލަތެއް ނަމަވެސް އެ ދައުލަތެއްގައި ޢަދުލުވެރިކަން ޤާއިމުކުރާ ނަމަ އެ ދައުލަތެއް ﷲ މަތިވެރި ކުރައްވައެވެ. މުސްލިމު ދައުލަތަކަށް ވިޔަސް އެ ދައުލަތެއްގައި ޢަދުލުވެރިކަން ޤާއިމު ނުކުރާ ނަމަ އެ ދައުލަތެއް މާތް ﷲ ނިކަމެތި ކުރައްވާނެކަމުގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ.

ކުޑަވެސް ޝައްކެއްނެތެވެ! ދިވެހި ރާއްޖޭގެ ޢަދުލުގެ ނިޒާމަށް ނަޒަރު ހިންގާލާއިރު ޢަދުލުގެ ވާހަކައަކީ އަބަދުވެސް މަޝްހޫރު ވާހަކައެކެވެ. ދުރު މާޒީ އަށް ބަލާއިރު ރާއްޖޭގެ ޖުޑިޝަރީއަކީ ޝަރަފްވެރި ދިގު ތާރީޚެއް އޮތް ޖުޑިޝަރީއެކެވެ. ފަނޑިޔާރު މަނިކުފާނު އަކީ ރާއްޖޭގެ ތާރީޚުގައި ނުހަނު މަތިވެރި ޤަދަރެއް ލިބިގެންވާ ޝަޚްޞިއްޔަތެކެވެ. ޢަދުލުވެރި ފަނޑިޔާރުންނާ ރަސްރަސްކަލުންނާ ސަރުކާރުތަކާ ފިކުރު ދިމާނުވުމުގެ މައްސަލަތައް ވެސް އުފެދުނު ކަމަށް ތާރީޚުން އެގެން އެބަ އޮތެވެ. ޖެހިލުމެއް ނެތި ޢަދުލަށް ޙުކުމް ކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުޅަދާނަ ކަމަކަށް ނުވެއެވެ. އެކަން ކުރަން ކެރެނީ ވަރަށް މަދު ބަޔަކަށެވެ. ދީނީ ގޮތުން ބަލާއިރު ޢަދުލަށް ޙުކުމްކުރުމަކީ ޤިޔާމަތް ދުވަހު ﷲގެ ޢަރްޝީގެ ހިޔާވަހިކަންލިބޭ ކަމެއްކަމުގައި ބަޔާންވެގެންވެއެވެ. އަދި ޢަދުލަށް ޙުކުމްކުރާ ފަނޑިޔާރުންނަށް ސުވަރުގެ ކަށަވަރު ކޮށްދެއްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ޖުޑިޝަރީ އިޞްލާޙު ކުރާ ވާހަކައިގެ އަޑު ގަދަ ދުވަސްވަރެއްވީމާ މިކަމާމެދު އަޅުގަނޑަށް ފެންނަ ދެތިން ބަހެއް ދަންނަވާލަން ޤަސްދުކުރަމެވެ. މިހާތަނަށް ޖުޑިޝަރީއާގުޅުންހުރި ވާހަކަތައް އަޅުގަނޑު ދައްކާފައިވަނީ ސީދާ ކަމާބެހޭ ބޭފުޅުންގެ އަރިހުގައެވެ. ވަރަށް ގިނަ ވާހަކަތައް ދައްކާފައިވާނެއެވެ. ވަރަށް ގިނަ ޚިޔާލުތައް ދީފައި ހުންނާނެއެވެ. މިއީ އެކަންކަމުގެ ތަފްޞީލު ހުށަހެޅުމުގެ މަޤާމެއްކަމުގައި ނުދެކެމެވެ. ޖުޑިޝަރީގެ ޤަދަރު ހިފެހެއްޓުމަކީ މުހިންމު ކަމެކެވެ. ދެން ފަހެ، މިހާރު މި މައުޟޫޢަށް އިޝާރާތްކޮށް ޚިޔާލުތަކެއް ހުށަހަޅާލަން ޤަސްތުކުރަނީ ޤާނޫނީ ބަދަލުތަކެއްގެ ތެރެއަށް ޤައުމު ވަދަގެންދާން އުޅޭކަމަށް ލަފާކުރެވޭތީ ޚިޔާލުތައް ޢާންމު ކުރުމުގެ މުހިންމު ކަމުގެ ދަށުންނެވެ. ޖުޑިޝަރީއަށް އަޅުގަނޑުގެ ހިތުގައި އަބަދުވެސް މަތިވެރި ޤަދަރާއި އިޙުތިރާމް އޮންނާނެއެވެ.

ޖުޑިޝަރީ އިޞްލާޙު ކުރާ ވާހަކަ ދައްކާއިރު ދަންނަވަން ޖެހެނީ ޖުޑިޝަރީގެ މުޅި ނިޒާމު އިޞްލާޙު ކުރުމަކީ ކޮންމެހެން ލާޒިމު ކަމެއްކަމުގައެވެ. ވޭތުވެދިޔަ ސާޅީސް އަހަރުގެ ތެރޭގައި ރާއްޖޭގައި ހިނގައިދިޔަ ކަންކަމަށް ބަލާއިރު ޚާއްޞަކޮށް ސިޔާސީގޮތުން ރާޖެ މިހާރު މިއޮތް ޙާލަތަށް ދިއުމުގައި ރާއްޖޭގެ ޢަދުލުގެ ނިޒާމުގެ ތެރޭގައި ހިނގައި ދިޔަ ބައެއް ކަންކަމުގެ ދައުރު ބޮޑުކަމުގައި ދަންނަވަންޖެހެއެވެ. މިސާލަކަށް އަނިޔާލިބޭ ވާހަކަ ބުނެވޭއިރު މައްސަލަ ތަޙުޤީޤު ކުރަނީ ފުލުހުންނެވެ. ދަޢުވާ އުފުލަނީ ޕްރޮސެކިއުޓަރ ޖެނެރަލެވެ. އަދި ޙުކުމްކުރަނީ ފަނޑިޔާރުންނެވެ. އެ ޙުކުމްތައް ކޯޓުތަކުގެ ހުރިހާ މަރުޙަލާތަކުން ނިމިގެން ދެއެވެ. ވީމާ ސަރުކާރަށް ވެސް ފުލުހުންނަށް ވެސް ދައުވާ އުފުލާ ފަރާތައް ވެސް ކޯޓަށް ވެސް ޢަދުލުވެރިވުމާ ޚިލާފަށް އެއްވެސް ކަމެއް ނުކުރެވޭނޭ ގޮތައް މުޅި ނިޒާމަށް ބަދަލު އަންނަން ޖެހެއެވެ. އެއްވެސް ފަރާތަކަށް އަނިޔާއެއް ނުލިބޭނޭ މަގުން ކަންކަން ތަރުތީބު ކުރެވެން ޖެހެއެވެ. މީގެ މާނައަކީ އެއްވެސް މީހަކަށް އަދަބު ނުދެވޭ ގޮތް ހެދުމެއްނޫނެވެ. ނުޙައްޤު އަދަބެއް ނުދެވޭ ގޮތައް ނިޒާމު ތަރުތީބު ކުރުމެވެ. އިސްލާމީ ޝަރީއަތުގެ ޙުކުމްތައް ތަންފީޒު ކުރަން ވިސްނާއިރު ވެސް ނަޒާހަތްތެރި ޢަދުލުގެ ނިޒާމެއް އޮތުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. މިގޮތުން އަޅުގަނޑަށް ފެންނަ މުހިންމު ބައެއް ކަންކަން ދަންނަވާލާނަމެވެ.

1 - ދިވެހިރާއްޖޭގެ ޢަދުލުގެ ނިޒާމު ބިނާވެގެންވާނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގެ މައްޗަށް ކަމުން އިޞްލާޙީ ބަދަލުތައް ގެނެވޭއިރު ދިވެހިރާއްޖޭގެ ޢަދުލުގެ ނިޒާމުގެ ތެރޭގައި ޒަމާނުއްސުރެ ހިފެހެއްޓިފައިވާ އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދެމެހެއްޓުމަކީ ކޮންމެހެން ލާޒިމު ކަމެއްކަމުގައި ދެކެމެވެ. އަދި ދިވެހިރާއްޖޭގެ ޢަދުލުގެ ނިޒާމާއި ޤާނޫނުތަކާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ހުރި އިސްލާމްދީނާއި އިސްލާމީ ޝަރީޢަތައް ބާރު ލިބޭ އެންމެހާ މާއްދާތަކާއި ޤާނޫނީ މަފްހޫމްތައް ދަމަހައްޓަންޖެހޭނެއެވެ. މިއީ ރައްޔިތުންގެ މަޖްލީހުގެ މަސްއޫލިއްޔަތެކެވެ.

2 - ޢަދުލުވެރިވުން ފެށޭ ހިސާބަކީ މީހަކާ މެދު ކުށެއްގައި ތުހުމަތު ކުރެވޭ ހިސާބެވެ. އެތުހުމަތާ ގުޅިގެން ކުރެވޭ ތަޙުޤީޤު ޢަދުލުވެރި ވާންޖެހޭނެއެވެ. އެ ތަޙުޤީޤު ވަކި ގޮތަކަށް އަމާޒުކުރުމުގައި ނުފޫޒެއް އޮވެގެން ނުވާނެއެވެ. ސަބަބަކީ ދަޢުވާއެއް އުފުލެނީ ތުހުމަތުގެ މައްޗަށް ކުރެވޭ ތަޙުޤީޤާ ގުޅިގެންނެވެ. ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުތައް ތައްޔާރުކުރުމުގައި ތެދުވެރިވާންޖެހެއެވެ. އޭގައި މަކަރާއި ޙީލަތް ހެދުމަކީ ދޮގުހެކި ދިނުން ފަދަ ކަމެކެވެ. އެއީ ޙަރާމްވެގެންވާ ޢަމަލެކެވެ. ފަނޑިޔާރު ޙުކުމްކުރާނީ ހުށަހެޅޭ ހެކީގެ މައްޗަށެވެ. ފަނޑިޔާރަށް ފެންނާނީ ޢަދުލުގެ ދަރުބާރަށް ހުށަހެޅިފައި ހުންނަ ޙުއްޖަތެވެ. ފައިސަލާ އިއްވާނީ އޭގެ މައްޗަށެވެ. ވީމާ ޢަދުލުވެރިކަން ފެށޭ ހިސާބަކީ ތަޙުޤީޤުކުރަން ފަށާ ހިސާބެވެ. ތަޙުޤީޤު ކުރާ އިދާރާ މިނިވަންވާންޖެހޭނެއެވެ. އަދުލުވެރިވާންޖެހޭނެއެވެ. މާތް ﷲ ރުއްސުންލެއްވި އުންމު ސަލަމާގެ އަރިހުން އަލްއިމާމުލްބުޚާރީއާއި އަލްއިމާމު މުސްލިމު ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. އެކަމަނާ ވިދާޅުވިއެވެ." ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނު ވާކަންކަށަވަރީ އިންސާނެއްކަމުގައެވެ. ތިޔަބައިމީހުންގެ މެދުގައި ފައިޞަލާކުރުމަށް ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ އަރިހަށް އާދެއެވެ. ފަހަރުގައި ތިޔަބައިމީހުންގެ ތެރެއިން މީހަކު ޙުއްޖަތް ޤާއިމުކުރުމުގައި އޭނާގެ އަޚާއަށް ވުރެ ކުޅަދާނަވެދާނެއެވެ. ތިމަންކަލޭގެފާނު ޙުކުމްކުރާނީ ތިމަންކަލޭގެފާނު އަހިރަށް ހުށަހެޅޭ އެއްޗެއް އަޑުއައްސަވައި އޭގެ މައްޗަށެވެ. ދޮގު ކަމެއްގެ މައްޗަށް ކުރެވޭ ޙުކުމްގެ ސަބަބުން ތިމާގެ އަޚާއާ ދެކޮޅަށް ތިމާއަށް ޙާޞިލްވާ ކަމެއް ވާކަންކަށަވަރީ ނަރަކައިގެ އަލިފާނުން ބައެއްކަމުގައެވެ." މި ޙަދީޘުން ބާރު ދެއްވާފައިވަނީ ހެކި ދެއްކުމުގައި ތެދުވެރިވުމަށެވެ. ދޮގު ހެއްކެއް ނުގެނެސްގަތުމަށެވެ. އެހެންކަމުން ރިޕޯޓުތަކާއި އަޑާއި ވީޑިއޯ ފަދަ ޤަރީނާތައް ތައްޔާރުކުރުމުގައި އެއްވެސް ދޮގެއް މަކަރެއް އޮޅުވާލުމެއް އޮވެގެން ނުވާނެއެވެ.

3 - ޕްރޮސެކިއުޓަރ ޖެނެރަލް ނުވަތަ ދަޢުވާ އުފުލާ ފަރާތަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. އެއްވެސް ފަރާތެއްގެ މައްޗަށް ދަޢުވާ އުފުލަން ޖެހޭ ފަދަ ހެކި ތަކާ ޤަރީނާތައް ވާ ނަމަ ތަފާތު ކުރުމެއް ނެތި ދަޢުވާ އުފުލަންޖެހޭނެއެވެ. އޭގައި މުއްސަންޖެއް ނުވަތަ ފަޤީރެއް ނުވަތަ ސިޔާސީ މީހެއް އެނޫން މީހެއް ތަފާތު ކޮށްގެން ނުވާނެއެވެ. އަދި ދަޢުވާ އުފުލަން ޖެހޭ ފަދަ ހެކިތަކެއް ނެތް ނަމަ ދަޢުވާ އުފުލުން ވެގެންދާނީ އަނިޔާގެ ފެށުމަށެވެ. އެފަދަ ކަންކަމުން ދުރުވާން ޖެހޭނެއެވެ.

4 - ޢަދުލުގެ ނިޒާމުގައި ހުރި އިދާރީ އުޞޫލުތަކާއި ޤަވާޢިދުތަކާއި އާދަކާދަތައް ޒަމާނަށް އައިފައިވާ ބަދަލުތަކަށް ބަލައި އިޞްލާޙު ކުރަންޖެހޭ ކަންކަން އިޞްލާޙު ކުރަންވާނެއެވެ. އަދި ހުށަހެޅޭ މައްސަލަތައް އަވަސް މިނެއްގައި ނިންމޭނެ ފަދަ ގޮތަކަށް ކަންކަން ތަރުތީބު ކުރުމަކީ ޢަދުލުވެރިކަން ޤާއިމު ކުރުމަށް އެޅިގެންދާނެ ފިޔަވަޅެކެވެ.

5 - މިހާރު ޖުޑިޝަލްސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތައް ބަދަލު ގެނެސް ސިޔާސީ މީހުންގެ ނުފޫޒުން ކޮމިޝަން މިނިވަންކޮށް ޕްރޮފެޝަނަލް މީހުންގެ ދައުރު މިނިވަންގޮތެއްގައި ފުޅާކުރަން ޖެހެއެވެ. އަދި އެއްވެސް ފަރާތެއްގެ ނުފޫޒެއް ޖުޑިޝަރީގެ މައްޗަށް ނޯންނާނޭ ގޮތްތަކެއް ކަށަވަރު ކުރަންޖެހޭނެއެވެ.

6 - ޢިލްމީ ގޮތުން ޤާބިލް ތަޖުރިބާހުރި އަދި އިސްލާމީ ޝަރީޢަތުގެ ޢިލްމާއި ޤާނޫނީ ޢިލްމު ލިބިފައިވާ ކިލަނބު ކަމެއް ނެތް ނަޒާހަތްތެރި ޢިލްމުވެރި ފަނޑިޔާރުން ކޯޓުތަކަށް ޢައްޔަންކުރުން.

7 - ޢަދުލުވެރިކަމުގެ ހަމަތަކާއި ޚިލާފަށް ޢަމަލުކުރާ ފަނޑިޔާރުންނާއި ފަސާދައާއި ރިޝްވަތު ފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ފަސޭހައިން ޢަޒުލުކުރެވޭނެ އިންތިޒާމުތަކެއް އެކަށައެޅުން.

8 - ރާއްޖޭގެ ޖުޑިޝަރީ އިޞްލާޙު ކުރެވޭ އިރު ރާއްޖެއިން ބޭރުގެ ޢިލްމުވެރި ފަނޑިޔާރުންގެ އެހީތެރިކަން ހޯދުމަކީ މައްސަލައެއްކަމުގައި ނުދެކެމެވެ. ރާއްޖޭގެ ޖުޑިޝަރީ އިޞްލާޙު ކުރުމުގައި ވަކިން ޚާއްޞަކޮށް ކުރިއަރާފައިވާ ޤައުމުތަކުގެ މުސްލިމު ފަނޑިޔާރުން އެބޭފުޅުންގެ ޢިލްމާއި ތަޖުރިބާއާ އެކު ބައިވެރިވުމަކީ މުހިންމު ކަމެއްކަމުގައި ވެސް ދެކެމެވެ. ފަނޑިޔާރުންގެ ބެންޗުގައި ބޭރުގެ ޢިލްމުވެރި ތަޖުރިބާހުރި މުސްލިމު ފަނޑިޔާރަކު އިންނެވުމަކީ ވެސް ދީނީ ގޮތުން ބަލާއިރު މަނާކުރެވޭނެ ކަމެއްނޫނެވެ. ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވަނީ މުސްލިމުންގެ މައްޗަށް ޣައިރު މުސްލިމު ފަނޑިޔާރަކު ޙުކުމްކުރަން އިނުމާމެދުގައެވެ. އިސްލާމީ ފިޤުހުގެ ޖުމުހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި މުސްލިމުންގެ މައްޗަށް ޙުކުމްކުރަން ޣައިރު މުސްލިމު ފަނޑިޔާރަކު އިނުމަކީ ޖާއިޒު ކަމެއްނޫނެވެ. އެހެން ނަމަ ވިޔަސް މި ފަދަ ކަންކަމުގައި ޙާލަތާއި އެކި ޤައުމުތަކުގެ ޢުރުފާއި މުސްލިމު މައިނޯރިޓީ އޮންނަ ޤައުމުތަކުގައި ޝަރުޢީ ގޮތުން ޙުކުމްތަފާތުވާނެއެވެ. މި މައުޟޫޢަށް ފަހުން ޝާމިލް މަޒްމޫނެއް ލިޔާ ހުށީމެވެ. ފަހެ މުސްލިމު ފަނޑިޔާރަކު މުސްލިމުންގެ މައްޗަށް ޙުކުމްކުރަން އިނުމުގައި އެނާގެ ޤައުމިއްޔަތަށް ބެލުމެއްނެތެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި އެކި ޤައުމުތަކަށް ފޮނުއްވި ފަނޑިޔާރުންނަކީ އެޤައުމުތަކުގެ މީހުންނެއްނޫނެވެ. ޢަލީ ބުނު އަބީ ޠާލިބާއި މުޢާޛު ބުނު ޖަބަލު ޔަމަނަށް ފޮނުއްވިއެވެ. އެއީ ޔަމަނުގެ ބޭފުޅުންނެއްނޫނެވެ. ދިވެހި ތާރީޚަށް ބަލާއިރު ރާއްޖޭގައި ބޭރުގެ ބޭފުޅުން ފަނޑިޔާރުކަން ކުރައްވާފައިވާކަން އެނގެން އެބައޮތެވެ. މި ގޮތުން އިބުނު ބަޠޫޠާ އާއި އަލްޤާޟީ ޢީސާ އަލް ޔަމަނީ ރާއްޖޭގައި ފަނޑިޔާރުކަން ކުރައްވާފައިވެއެވެ. ރާއްޖޭގެ ކޯޓުތަކުގައި ބޭރުގެ މުސްލިމު ފަނޑިޔާރުން ޙަރަކާތްތެރިވާ ނަމަ އެމީހުންނަކީ ރާއްޖޭގެ ޤާނޫނުތަކަށާއި ޢާދަކާދަތަކަށް އަހުލުވެރި ބަޔަކަށް ވާންޖެހޭނެއެވެ. އަޅުގަނޑު މި ބަޔާންކުރީ މިކަމުގައި އޮތް ޝަރުޢީ ފަލްސަފާއެވެ. އަޅުގަނޑުގެ ނަޒަރުގައި ބޭރުގެ ފަނޑިޔާރުން ބެންޗުގައި ތިބުން ކޮންމެހެން މުހިންމެއްނޫނެވެ. މުހިންމު ކަމަކީ އެމީހުންގެ ޢިލްމާއި ތަޖުރިބާގެ އަލީގައި ރާއްޖޭގެ ފަނޑިޔާރުން ތަމްރީނު ކުރުމެވެ. ތަމްރީނު ދިނުމުގެ ކަންކަން ބޭރުގެ ފަނޑިޔާރުން މެދުވެރިކޮށް ޖުޑިޝަލް އެކަޑަމީ އިން ކުރިއަށް ގެންދެވިދާނެއެވެ. ރާއްޖޭގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމުގައި ބޭރުގެ ޤާނޫނީ މާހިރުންނާއި މުސްލިމު ނޫން ޤައުމުތަކުގެ ޖުޑިޝަރީތަކުގެ ފަންނީ އެހީތެރިކަން ހޯދުމަކީ ވެސް ކުރެވިދާނެކަމެކެވެ. އަދުލުވެރިކަން ޤާއިމު ކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް މުސްލިމުންނާ އެކު ވެސް ޣައިރު މުސްލިމުންނާ އެކު ވެސް ކުރުމަކީ ޖާއިޒު ކަމެކެވެ. ޙަބަޝާގެ ރަސްގެފާނު ނަޖާޝީގެ އަރިހަށް ދިއުމަށް ކީރތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުސްލިމުންނަށް އިރުޝާދު ދެއްވީ އޭނާގެ ޢަދުލުވެރިކަމުގެ ސަބަބުންނެވެ. މިހެންކަމުން ޣައިރު މުސްލިމުންނަށް ވިޔަސް އެއީ ޢަދުލުވެރި ބައެއް ނަމަ އެބައެއްގެ ފަރާތުން އެހީތެރިކަން ލިބިގަތުމަކީ ޖާއިޒު ވެގެންވާ ކަމެކެވެ.

9 - ޖުޑިޝަލް އެކަޑަމީގެ ދައުރު ފުޅާކޮށް ފަނޑިޔާރުންނަށް އިތުރު ތަމްރީނާއި ތަޢުލީމު ދެވޭނެ ގޮތްތަކެއް ރާވައި ފަނޑިޔާރުންގެ ތެރޭގައި ތިބި އިސްލާމީ ޝަރީޢާއިން އެކަނި ތަޢުލީމު ޙާޞިލްކޮށްފައިވާ ފަރާތްތަކަށް ޤާނޫނީ ޢިލްމު ލިބޭނެ މަގު ފަހި ކޮށްދިނުމާއި، ޤާނޫނީ ދާއިރާއިން އެކަނި ތަޢުލީމު ޙާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްލާމީ ޝަރީޢަތުގެ ޢިލްމު ހޯދައި ދެވޭނެ އިސްތިރާތީޖީ އެކްޝަން ޕްލޭނެއް އެކުލަވާލައި ވަކި މުއްދަތެއްގެ ތެރޭގައި އަމާޒަށް ވާޞިލްވެވޭނެ ގޮތެއް ހަދަންޖެއެވެ. ފަނޑިޔާރުންނަށް ޚާއްޞަކޮށްގެން މި ދެންނެވި ދާއިރާތަކުގެ ޒަމާނީ ޢިލްމީ ޕްރޮގްރާމްތަކެއް އަޅުގަނޑު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ހިނގި އިރު އެތަނުގައި އެކުލަވާލައި ފަށާފައި ހުންނާނެއެވެ. މި ގޮތުން ޝަރީޢާއިން އެކަނި ތަޢުލީމު ޙާޞިލްކޮށްފައިވާ ފަރާތްތަކަށް ޕޯސްޓު ގްރެޖުއޭޓް ޑިޕްލޮމާ އިން ލޯ އަދި މީގެ އިތުރުން ލޯ ދާއިރާއިން އެކަނި ތަޢުލީމު ޙާޞިލްކޮށްފައިވާ ފަރާތްތަކަށް ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިންޝަރީޢާ އެތަނުގައި އޮންނާނެއެވެ. މީގެ އިތުރުން މަސްޓާ އޮފް އިސްލާމިކް ޖުޑިޝަލް ސައެންސަސް އެންޑް ޝަރީޢާ ޕޮލިސީ މި ޕްރްގްރާމްގައި ބައިވެރިވި ބައެއް ފަނޑިޔާރުން މިއަހަރު ވަނީ ގްރެޖުއޭޓް ވެފައެވެ. އަދި ޑޮކްޓާ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑިޝަލް ސައެންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީ މި ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުން އަންނަ އަހަރު ކިޔެވުން ނިންމާނެއެވެ. މިފަދަ ޕޮރޮގްރާމްތައް އައިޔޫއެމް ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް މުއައްސަސާއެއްގައި ނުހުންނާނެއެވެ. މިއީ ޒަމާނީ ފެންވަރަށް ފަނޑިޔާރުން ޓްރެއިންކުރުމަށް އެކުލަވާލެވިފައިވާ ޢިލްމީ ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމްތަކުގައި ރާއްޖޭގެ އުސްތާޛުންނާއި ރާއްޖެއިން ބޭރުގެ ޕްރޮފެސަރުން ކިޔަވާ ދެއްފައެވެ. އަދި މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ ފަދަ ބޭރުގެ މަޝްހޫރު ޔުނިވަރސިޓީތަކުގެ ޕްރޮފެސަރުން ވަޑައިގެން ކިޔަވާދެއްވައެވެ. ގިނަ ފަނޑިޔާރުން ތަމްރީނު ކުރުމަށް މި ދެންނެވި ޕްރޮގްރާމްތައް އެކްޝަން ޕްލޭނެއްގެ ދަށުން ރާއްޖޭގެ ފަނޑިޔާރުންނަށް ހިންގާނީ ޖުޑިޝަލް އެކަޑަމީގައެވެ. ސެޓްފިކެޓް ދޭނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިންނެވެ. މިކަމަށް ބޭނުންވާ އެކަޑަމިކް އެއްބަސްވުމެއް އައިޔޫއެމްއާއި ޖުޑިޝަލް އެކަޑަމީއާއެކު ހެދިދާނެއެވެ. މީގެ އިތުރުން ވެސް ފަނޑިޔާރުން ތަމްރީނު ކުރުމަށް މެލޭޝިޔާ ފަދަ ޤައުމުތަކުގެ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.

10 - ޑީއެންއޭ ޤަރީނާ ޤާނޫނީ ގޮތުން މުޢުތަބަރު އެއްޗަކަށް ހެދުން: ޖީނާއީ މައްސަލަތަކުގައި ޙައްޤަށް ވާޞިލްވުމަށްޓަކައި ކޯޓުގެ އަމުރަށް، ޑީއެންއޭ ހެދޭނެ ގޮތް ޤާނޫނޫގައި ކަނޑަ އަޅައި ޖިނާއީ މައްސަލަތަކުގައި ޤަރީނާއެއްގެ ގޮތުން ޑީއެންއޭ އަކީ ކޯޓުތަކުގައި މުޢުތަބަރު ޤަރީނާއެއް ކަމުގައި ޤާނޫނުން ކަނޑައަޅަން ޖެހެއެވެ. ހަމަ އެކަނި ފެނުމާއި އަޑު އިވުމުގެ މައްޗަށް ހެކި ހަނިކޮށްގެން ނުވާނެއެވެ. އިތުބާރުހުރި މަގުން ހަދާ ޑީއެންއޭ އަކީ ޞައްޙަ އެއްޗެކެވެ. ހެއްކާއި ޤަރީނާގެ ދާއިރާގައި ޑީއެންއޭ ބޭނުންކުރުމަކީ އިސްލާމީ ޝަރީޢާއާ އެއްގޮތަކަށް ވެސް ފުށުއަރާ ކަމެއްނޫނެވެ. މިއަށް ވުރެން ވެސް މިދާއިރާގައި އިތުރު ޤަރީނާތައް ގެނެވިދާނެއެވެ. ޢަދުލުވެރިކަމާއި ޙައްޤަށް ވާޞިލްކޮށްދޭ ކޮންމެ އެއްޗެއް ހެއްކާ ޤަރީނާގެ ތެރެއަށް ވެއްދުމަކީ އިސްލާމީ ޝަރީޢަތާ ފުށު އަރާ ކަމެއްނޫނެވެ. މިހުރިހާ ކަމެއް ޤާޒީގެ އިޖުތިހާދަށް ދޫކޮށް ނުލައި މިކަންކަން ޤާނޫނުން ކަނޑައެޅުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.

11 - އިސްލާމީ ފިޤުހު ކޮޑިފައި ކުރުން: އިސްލާމީ ޝަރީޢަތުގެ ފިޤުހުގެ ތެރެއިން ޢުޤޫބާތުގެ ފިޤުހާއި ޢާއިލާއާ ބެހޭ ފިޤުހާއި މުޢާމަލާތާ ބެހޭ ފިޤުހާއި ތަރިކައާއި ބެހޭ ފިޤުހަށް ޤާނޫނީ ސިފަ ގެނެސް ކޮޑިފައި ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެމެވެ. ބައެއް ދާއިރާތަކުގެ މާއްދާތައް މިހާރުވެސް ކޮންމެވެސް ވަރަކަށް ކޮޑިފައި ކުރެވިފައި އެބަހުއްޓެވެ. އެހެން ނަމަވެސް މިއީ މިޒަމާނުގައި އިސްލާމީ ޤަޟާއީ ނިޒާމު ހަރުދަނާ ނިޒާމެއް ގެނައުމަށް ފުޅާގޮތެއްގައި ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމުގައި ވެސް ދެކެމެވެ. މިކަންކުރުމުގައި އެއް މައްސައެއްގައި ހުންނަ ތަފާތު ފިޤުހީ ރައުޔުތައް ދިރާސާކުރެވެން ޖެހެއެވެ. އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުތަކުގެ ތެރެއިން އެބަސްފުޅެއްގެ ޞައްޙަ ކަމާމެދު ދެބަސް ވުމެއް ނެތް ކަންކަމަށް ވެސް އިސްކަން ދެވިގެންދާނެއެވެ. އިޚުތިލާފު އުފެދިފައިވާ ކަންކަމުގެ ތެރެއިން ދަލީލުތަކަށް ރިޢާޔަތްކޮށް ތަރުޖީޙު ދެވޭނީ އެންމެ ލުއިގޮތަށެވެ. ރާއްޖޭގެ ޢާދަކާދަތަކާއި މާޙައުލާ ގުޅޭ ރައުޔުތަކަކީ ކޮބައިކަން ދިރާސާކުރުމަށް ޝަރީޢާގެ ތަޚައްޞުޞު ޢިލްމުވެރިންގެ ކޮމިޓީއަކުން ޙަރަކާތްތެރިވެވިދާނެއެވެ. މިކަމުގައި ރާއްޖެއިން ބޭރުގެ ތަޖުރިބާހުރި މުސްލިމު ފަނޑިޔާރުންގެ އެހީތެރިކަން ހޯދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި އުޞޫލުލްފިޤުހާއި ޤަވާޢިދުލްފިޤުހިއްޔާގެ ތަޚައްޞުޞް ފިޤުހުވެރި ޢިލްމުވެރިންގެ އެހީތެރިކަން މިފަދަ ކަމެއްގައި ހޯދަންވާނެއެވެ.

12 - ދިވެހިރާއްޖޭގެ ހުރިހާ ކޯޓެއްގެ ފަނޑިޔާރުންނަކީ ނަޒާހަތްތެރި ބަޔަކަށްވުމަކީ ލާޒިމުވެގެންވާކަމެކެވެ. އެކި އެކި ސިޔާސީ ގުޅުންތަކާ ފަނޑިޔާރުކަމުގެ ޤަދަރާ ހައިބަތަށް އުނިކަމެއް އަތުވެދާނެ އެ ނޫންވެސް އެންމެހާ ކަންކަމުން ފަނޑިޔާރުން ދުރުވާންޖެހޭނެއެވެ.

އިސްވެ ބަޔާންވެ ދިޔައީ ރާއްޖޭގެ އަދުލުގެ ނިޒާމު އިޞްލާޙުކުރެވިގެންދާއިރު ރިޢާޔަތްކުރުން މުހިންމު ނުކުތާތަކެއްކަމުގައި އަޅުގަނޑަށް ފެންނަ ބައެއް ކަންކަމެވެ.