ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހިންގާ ފުށިވެލާވަރު ރިސޯޓަށް ސަޕްލައިކުރި ގަސްތަކަކަށް ފައިސާ ނުދޭ ކަމަށް ބުނެ އަމިއްލަ މީހަކު ދައުވާކުރި މައްސަލާގައި ސުޕްރީމް ކޯޓުން ރިސޯޓާ އެއްކޮޅަށް މައްސަލަ ނިންމައިފި އެވެ. މިއަދު އެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމްކުރީ ވެލާ ރިސޯޓުން ދައްކަން ޖެހޭ ފައިސާއެއް ނެތް ކަމަށެވެ.
މި މައްސަލައަކީ މީގެކުރިން ސިވިލް ކޯޓުން ގްލެޑޯނިއާ މޯލްޑިވްސްއާ އެއްކޮޅަށް ނިންމާފައިވާ މައްސަލައެކެވެ. އެކަމަކު އެ ހުކުމް ހައިކޯޓުން ބާތިލްކޮށް، ސިވިލް ކޯޓަށް މައްސަލަ އަލުން ބެލުމަށް އެންގި އެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލަ އިލްތިމާސްކުރީ ގްލެޑޯނިއާ މޯލްޑިވްސްގެ ފަރާތުންނެވެ.
ށ. ފޯކައިދޫ އައްސޭރި، އަހުމަދު އަޝްފާގު، އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކުރީ އަނގަ ބަހުން ވެވުނު އެއްބަސްވުމެއް ދަށުން އެތައް ފަހަރެއްގެ މަތިން ފުށިވެލާވަރު ރިސޯޓުން ފޮނުވި ސަޕްލައި ދޯނިތަކަކަށް ގަސްތަކެއް އަރުވައި އެ ގަސްތައް އެ ރިސޯޓަށް ފޮނުވާފައިވީނަމަވެސް، އެ ގަސްތަކަށް އަގު ފުށިވެލާވަރު ރިސޯޓުން ދީފައިނުވާ ކަމަށް ބުނެ އެވެ. އޭނާ ސިވިލް ކޯޓުގައި ދައުވާކުރީ ދެ މިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދުމަށެވެ. އެއީ ގަސްތަކުގެ އަގަށްވާ އެއް މިލިއަން ޑޮލަރާއި އެ އަގު ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމަށް ހަތް ލައްކަ ޑޮލަރު ހިމަނައިގެންނެވެ.
އެ ދައުވާ ސިވިލް ކޯޓުން ނިންމާފައިވަނީ ދައުވާ ސާބިތުކޮށްދިނުމުގެ ގޮތުން އަޝްފާގުގެ ފަރާތުން ފުށިވެލާވަރު ރިސޯޓަށް ސަޕްލައިކޮށްފައިވާ ކަމަށް ބުނާ ގަސްތައް ފުށިވެލާވަރު ރިސޯޓަށް ރައްދުކޮށްދީފައިވާކަން އެނގޭ ކިތާބީ ހެއްކެއް ހުށަހަޅާފައިނުވާތީ އާއި ފައިސާ ހޯދުމަށް އެދިފައިވާ ގަސްތައް ފުށިވެލާވަރު ރިސޯޓަށް ސަޕްލައިކޮށްފައިވާކަން ޝަރީއަތަށް ސާބިތުވާފަދަ ކާފީ ހެކިބަހެއް ނެތް ކަމަށް ކަނޑައެޅުމަށްފަހު އެވެ.
އެ މައްސަލާގައި ހެކީގެ ގޮތުގައި އަޝްފާގުގެ ފަރާތުން ހަތަރު މީހެއްގެ ހެކިންގެ ގޮތުގައި ހުށަހެޅި އެވެ. އަދި ކިތާބީ ހެކީގެ ގޮތުގައި ޑެލިވަރީ ނޯޓްސްތަކެއް ވެސް ހުށަހަޅާފައިވެ އެވެ. އެ ޑެލިވަރީ ނޯޓްސްތަކަކީ އޭނާ އަމިއްލައަށް ތައްޔާރުކޮށްފައިވާ ނޯޓްސްތަކެކެވެ. އޭގައި ވެލާ ރިސޯޓު އެއްވެސް ފަރާތަކުން ސޮއި ވެސް ކޮށްފައެއް ނުވެ އެވެ.
އަޝްފާގުގެ ފަރާތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން ޝަރީއަތް ހިންގުމަށްފަހު ހުކުމް ކޮށްފައިވަނީ އަޝްފާގާ އެއްކޮޅަށެވެ. އެއީ ރިސޯޓަށް ގަސްތަކެއް ގެންދިޔަކަން އޭނާ ސާބިތުކޮށްދީފައިވާތީ ކަމަށް ބުނެ އެވެ. އަދި އެކަމަށް ނަފީ ކުރާނެ އަދި އެއީ އަޝްފާގު ގެންދިޔަ ގަސްތަކެއް ނޫން ކަމަށް ގްލެޑޯނިއާ މޯލްޑިވްސްއަށް ސާބިތުކޮށް ނުދެވޭ ކަމަށް ބުނެ އެވެ. އެ ހުކުމްގައި އެ ގަސްތަކަށް ކުންފުނިން ދައްކަން ޖެހޭ ފައިސާގެ މިންވަރު ބަލައި ގެއްލުމުގެ ބަދަލު ކަނޑައެޅުމަށް ޝަރީއަތުން އިތުރަށް ގޮތެއް ނިންމަން ޖެހޭ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އެހެންވެ ހައިކޯޓުން އެންގީ އަނބުރާ ސިވިލް ކޯޓުން ތަހުވީލް ކުރުމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން އަޝްފާގު ވަނީ ބަދަލުގެ ގޮތުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 43 މިލިއަން ޑޮލަރު ނަގައިދިނުމަށް އެދިފައިވެ އެވެ.
ނަމަވެސް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ އަޝްފާގާއި ވެލާ ރިސޯޓާ ދެމެދު އަނގަ ބަހުން އެއްބަސްވެފައިވާ ކަމަށް ބުނި ނަމަވެސް އެ ރިސޯޓްގެ ފަރާތުން އެކަން އިންކާރު ކުރާ ކަމަށެވެ. ގަސްތަކަށް އެ ރިސޯޓަށް ސަޕްލައި ކުރުމަށް ހަވާލުކުރީ މުހައްމަދު ސައީދު ކިޔާ މީހަކަށް ކަމަށާއި އޭނާއަށް ދޭން ޖެހޭ ހުރިހާ ފައިސާ ދައްކާ ހަލާސްކޮށްފައިވާ ކަމަށް ރިސޯޓްގެ ފަރާތުން ޝަރީއަތުގައި ވަނީ ބުނެފަ އެވެ. އެކަން ސާބިތުކުރުމަށް ސައީދަށް ފައިސާ ދެއްކިކަން އެނގޭ ލިޔުންތައް ވެސް ވަނީ ހުށަހަޅާފަ އެވެ. އެއީ އަށް ލައްކަ ރުފިޔާ އެވެ. އަދި ސައީދު ވެސް އެ ފައިސާ ނުލިބިގެން އެއްވެސް ޝަކުވާއެއް ކޮށްފައިނުވާ ކަމަށެވެ.
ވެލާ ރިސޯޓުގެ ވަކީލް ޝާހީން ހަމީދު ޝަރީއަތުގައި ވިދާޅުވެފައިވާ ގޮތުގައި މުހައްމަދު ސައީދަށް އެ މަސައްކަތް ރިސޯޓުން ހަވާލުކުރިއިރު އަޝްފާގަކީ ސައީދުގެ ސަބް ކޮންޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެއް ކަމާއި އަޝްފާގާއި ކުންފުންޏާ ދެމެދު އެއްވެސް އެއްބަސްވުމެއް ނެތެވެ. އަދި އެ މަސައްކަތުގައި އަޝްފާގަށް ދޭން ޖެހޭ ފައިސާއެއް ވިއްޔާ ދޭން ޖެހެނީ ސައީދު ކަމަށާއި އެ ފައިސާ ސައީދު ދައްކާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެކަން އެ މަސައްކަތުގެ ހިސާބު ބެލެހެއްޓި މީހާގެ ބަޔާނުން ވެސް ސާފުވާ ކަމަށެވެ.
ވެލާ ރިސޯޓުން އެކަންކަން ސާބިތުކޮށްދީފައިވާއިރު އަޝްފާގުގެ ދައުވާ ސާބިތުކުރުމަށް އެއްވެސް އެކަށީގެންވާ ހެއްކެއް ނެތްކަން ހުކުމްގައި ފާހަގަކުރި އެވެ. އެގޮތުން އޭނާ ހުށަހެޅި ލިޔުންތަކާއި ޝަފަވީ ހެކިތަކުން ވެސް ވެލާ ރިސޯޓުން އޭނާއަށް ގަސްތައް ސަޕްލައި ކުރުމަށް ހަވާލުކުރިކަން ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އަދި އެ މަސައްކަތުގައި ވެލާ ރިސޯޓްގެ ފަރާތުން އޭނާއާ މުއާމަލާތް ކުރީ އެތަނުގެ ލޭންޑް ސްކޭޕް މެނޭޖަރު އެލީނާ ކަމަށް އަޝްފާގު ބުނި ނަމަވެސް އެކަމަށް އެލީނާ ޝަރީއަތުގެ މަޖިލީހުގައި އިންކާރު ކޮށްފައިވާކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި ކަނޑައެޅީ، އެ މައްސަލާގައި ހައިކޯޓުން ކޮށްފައިވާ ހުކުމަކީ ބާތިލް ހުކުމެއް ކަމަށެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބަލައްވާ ބެންޗްގައި ތިއްބެވީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ. މިއީ 2014 ވަނަ އަހަރުން ފެށިގެން ކޯޓުތަކުގައި ހިނގަމުން އައި މައްސަލައެކެވެ.