ހަބަރު

ޗައިނާގެ އެންމެ ބޮޑު ފެއާގައި ރާއްޖެ ބައިވެރިވެއްޖެ

ދިިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރަން ޗައިނާގައި ބާއްވާ އެންމެ ބޮޑުު ފެއާގައި ބައިވެރިވެއްޖެ އެެވެ.

މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ފެއާގައި ރާއްޖެ ތަމްސީލު ކުރަން އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ރާއްޖެ އިން ޗައިނާ އަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ފައިސަލް އެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 10 ކުންފުންޏަކުން ވެސް ބައިވެރިވެ އެވެ.

އެމްއެމްޕީއާރްސީން ބުނީ ފެއާގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރަން ތަފާތު ހަރަކާތްތަކެއް ހިމަނާފައިވާ ކަމަށެވެ. އެގޮތުން، ރާއްޖެ ތަމްސީލު ކުރާ ސްޓޭންޑުގައި ހުރެގެން ވާޗުއަލް ރިއަލިޓީ (ވީއާރް) މެދުވެރިކޮށް ރާއްޖޭގެ ގުދުރަތީ ރީތިކަން ބެލޭނެ އެވެ.

މީގެ އިތުރުން، ދިވެހި ކާނާ ރަހަަ ބެލުމުގެ ފުރުސަތާއި، ރާއްޖެ ތަމްސީލު ކުރާ ސްޓޭންޑުގައި ފޮޓޯ ނެގުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ފަރާތްތަކަށް ހަދިޔާ ދިނުންވެސް ހިމެނޭ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެ އެެވެ.

ޗައިނާ އަކީ 2010 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އެގޮތުން، މިދިޔަ އަހަރުގެ ނިޔަލަށް ޗައިނާ އިން ރާއްޖެ އަށް 283116 ފަތުރުވެރިން ޒިޔާރަތްކޮށްފަައިވެ އެވެ.

އެމްއެމްޕީއާރުސީ އިން ރާއްޖެ އިސްތިހާރު ކުރުމަށް މި އަހަރު 19 ފެއާއެއްގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެތެރޭގައި ކުރިން ރާއްޖެއިން ނުދާ ބައެއް އާ ފެއާތައް ވެސް ހިމެނެ އެވެ.

އެމްއެމްޕީއާރްސީން ފެއާތަކުގައި ބައިވެރިވާއިރު މީގެ ކުރިން ނޫސްވެރިންނަށް ފުރުސަތު ދެ އެވެ. ނަމަވެސް މިހާރު ވަނީ އެކަން ހުއްޓާލާފަ އެވެ.