ރ. ފައިނުގައި އަޅަން ހަމަޖެހިފައިވާ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ނުގެންދަން ސަރުކާރުން ނިންމައިފި އެވެ.
އެކަން ޓްރާންސްޕޯޓް މިނިސްޓްރީން ކަށަވަރުކޮށްދީފައިވާއިރު އެ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމީ އޭގެ ސަބަބުން ތިމާވެއްޓަށް ލިބޭނެ ގެއްލުންތަކަކަށް ބަލާފަ އެވެ.
ފައިނުގައި އެއާޕޯޓް އަޅަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމުމާއެކު ވަރަށް ބޮޑަށް ފާދުކިޔުންތައް އަމާޒުވި އެވެ. އަދި އެކަމާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ވެސް ކުރި އެވެ. އެކަމަކު އޭރު ޑިފެންސް މިނިސްޓަރުގެ ގޮތުގައި ހުންނެވި އާދަމް ޝަރީފަކީ އެ ރަށު ބޭފުޅަކަށްވާއިރު އޭނާ ގެންދެވެނީ އެ މަޝްރޫއުއަށް ވަކާލަތު ކުރައްވަމުންނެވެ.
ގުދުރަތީ ގޮތުން ރީތި، ހިތްގައިމު ސިފަތަކެއް ލިބިފައިވާ ފައިނުގައި އެއާޕޯޓާ ދެކޮޅަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ފައިނަށް ނިސްބަތްވާ އެމްޑީޕީގެ މުހައްމަދު ވަހީދެވެ. އޭނާއަކީ މިހާރު އެ އަތޮޅު އުނގޫފާރު ދާއިރާއަށް އިންތިހާބުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެވެ.
އެ މަޝްރޫއަށް ހެދި އީއައިއޭ ރިޕޯޓްގައިވާ ގޮތުން ފައިނު އެއާޕޯޓްގެ ސަބަބުން ތިމާވެއްޓަށްއެކިވަރުގެ ގެއްލުން ތަކެއް ލިބޭނެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ތެރޭގައި ތިމާވެއްޓަށް އެންމެ ބޮޑު ގެއްލުމެއްވަނީ ގިނަ އަދަދެއްގެ ރުއްގަސް ކަނޑަން ޖެހޭތީ ކަމަށެވެ.
ފައިނުގައި އެއާޕޯޓް އެޅުމަށް ރަށުގައި ގަސް ހެދިފައިވާ ސަރަަހއްދުގެ 38 ޕަސެންޓް ސުންނާފަތިކުރަން ޖެހެ އެވެ. ރިޕޯޓްގައިވާ ގޮތުން 5792 ގަހެވެ. މިހާ ބޮޑު ސަރަހައްދަކުން ގަސް ކަނޑާ، އުފުރާ ހުސް ކުރުމުން މިހިސާބުގެ ވެއްޔާއި، ފެންފަށަލައާއި ރަށުގެ ފިނިހޫނު މިނަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ކަނޑަން ޖެހޭ ގަސްތަކުގެ ތެރޭގައި ބޮޑެތި ނިކަ ގަސްތަކާއި ފުނަ ގަސް ހިމެނެ އެވެ. އެތައް ސަތޭކަ އަހަރު އަދިވެސް ދުނިޔޭގައި ހުންނާނެ ކަމަށް ބެލެވޭ ބޮޑު 20 ނިކަ ގަސް ފައިނުގައި ހުރިއިރު އޭގެ ތެރެއިން އަށް ގަސް އެއާޕޯޓް އަޅާ ސަރަހައްދަށް އަރާތީ ކަނޑަން ޖެހެ އެވެ.
ބިން ހިއްކުމަށްޓަކައި ފަޅުކޮނެ ހިއްކުމުގެ ސަބަބުން މޫދާއި ފަރުތަކަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެއާޕޯޓްގެ މަސައްކަތަށް ގެންނަ އުޅަނދުތަކުން ތެޔޮ ލީކުވެ ބިމަށް އެޅުންވެސް އެކަށީގެންވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.