އެމްއެމްއޭ

ރާއްޖޭގެ ޖުމްލަ ރިޒާވް އެއް ބިލިއަން ޑޮލަރާ ގާތަށް

ރާއްޖޭގެ ޖުމްލަ ރިޒާވް ބޮޑުތަނުން އިތުރުވެ، ކުރި އަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ފެބްރުއަރީ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި 938.6 މިލިއަން ޑޮލަރު އެބަހުއްޓެވެ. މި އަދަދަކީ ޖެނުއަރީ މަހު ޖުމްލަ ރިޒާވުގައި ހުރި 756.3 މިލިއަން ޑޮލަރާ އަޅާ ބަލާއިރު 182 މިލިއަން ޑޮލަރު އިތުރުވުމެކެވެ. ރިޒާވް މި އަދަދުން އިތުރުވަމުންދާނަމަ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ރިޒާވް ފުރަތަމަ ފަހަރަށް އެއް ބިލިއަން ޑޮލަރަށް އިތުރުވާނެ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ގައުމީ ރިޒާވެއް ބިލިއަން ޑޮލަރަށް އިތުރުވާނެ ފުރަތަމަ ފަހަރެވެ.

މިދިޔަ މަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ބޭނުން ކުރެވޭ ރިޒާވްގެ ގޮތުގައި ފެބްރުއަރީ މަހުގެ ނިޔަލަށް ހުރީ 295.3 މިލިއަން ޑޮލަރެވެ. މިއީ ބޭނުން ކުރެވޭ ރިޒާވްގައި ގޮތުގައި ޖެނުއަރީމަހު ހުރި 317.9 މިލިއަން ޑޮލަރާ އަޅާ ބަލާއިރު ދަށްވުމެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި ވެރިކަމުގެ ދައުރު ނިމޭއިރު ރާއްޖޭގެ ރިޒާވް އެއް ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ވިދާޅުވެފަ އެވެ. ނިމިދިޔަ ސަރުކާރުން ވެސް ރާއްޖޭގެ ރިޒާވް އިތުުރު ކުރަން ގިނަ މަސައްކަތްތަކެއް ކުރި އެވެ.

ރިޒާވް އެއް ބިލިއަން ޑޮލަރާ ހަމައަށް ގެންދަން އެންމެ ބޮޑު ދައްޗަކަށް ދިވެފައި އޮތީ މައި އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދީފައިވާ އެމްބަސްވުން ބާތިލް ކުރުމާ ގުޅިގެން ސަރުކާރުން ބޮޑު އަދަދެއްގެ ފައިސާ އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން ޖެހުނު މައްސަލަ އެވެ.