ހަބަރު

އެމްޓީސީސީގެ ޗެއާމަން ކަމަށް ބޭފުޅަކު ހަމަޖައްސައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއާމަން ކަމަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އިސް މަގާމު ތަކެއް ފުރުއްވާފައިވާ މުހައްމަދު ފަހީމް (ފަހީމްބެ) ހަމައްސައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނީގެ އެމްޓީސީސީގެ ޗެއާމަންގެ މަގާމަށް ހަމަޖެއްސި ފަހީމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 އިން 2012 އަށް އުތުރު ޕްރޮވިންސުގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވައި، ނ. އަތޮޅުގެ ކައުންސިލަރުކަން ދެ ދައުރެއްގައި ފުރުއްވާފައި ބޭފުޅެކެވެ. މީގެ އިތުރުން މަޝްހޫރު ކުންފުންޏެއް ކަމަށްވާ ސިލިކާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އޭނާ އެވެ.

އެމްޓީސީސީ ޗެއާމަން ކަމަށް ބޭފުޅަކު އައްޔަން ކުރެއްވިއިރު، އެ ކުންފުނީގެ ބޯޑުގައި ދެން ތިއްބެވީ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ހަސަން ޝާހް އާއި ޑިރެކްޓަރުން ކަމަށްވާ ޝިނާން އަލީ އާއި އަބްދުﷲ ޝިއާރު އަދި ޝާހިދު ހުސެއިން މޫސާ އެވެ. މީގެ އިތުރުން ޕަބްލިކް ތަމްސީލް ކުރާ ޑިރެކްޓަރުގެ ގޮތުގައި ތިއްބެވީ މަންސޫރު ޒުބެއިރު އާއި ނަޝްރަތު މުހައްމަދު އެވެ.