ވިޔަފާރި

އާ މާކެޓިން ޕްލޭން: މަތީ ފަންތީގައި ރާއްޖެ އިސްތިހާރު ކުރުން

މި ސަރުކާރުން، ހަދާފައިވާ ރާއްޖޭގެ އާ މާކެޓިން ޕްލޭންގެ މައި ފޯކަސް އޮތީ ރާއްޖެއަކީ ލަގްޒަރީ މަތީ ފަންތީގެ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި އިސްތިހާރު ކުރުމަށް ކަމަށް ސަރުކާރުގެ މާކެޓިން ކުންފުނި، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.

އެމްއެމްޕީއާރްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި އަހަރު ހިންގި މާކެޓިން ހަރަކާތްތަކާބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ޑެޕިއުޓީ ޗީފް މާކެޓިން އޮފިސަރު ފާތުމަތު އަފްރާ ވިދާޅުވީ އާ މާކެޓިން ޕްލޭން ތައްޔާރު ކޮށްފައިވާނީ މާކެޓް ދިރާސާ ކުރުމުގެ އިތުރުން ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކުގެ މަޝްވަރާއާއެކު އެ ފަރާތްތައް ވެސް ބޭނުންވާ ބައިތައް ހިމަނައިގެން ކަމަށެވެ.

"މާކެޓިން ސްޓްރެޓަޖީ މިވަނީ ތިން ބަޔަކަށް ބަހާލާފައި. އެންމެ ޕްރައިމަރީ ސްޓްރެޓަޖީގެ ގޮތުގައި ބަލާނީ ރާއްޖެއަކީ މަތީ ފަންތީގެ ޕްރިމިއަމް މަންޒިލެއްގެ ގޮތުގައި މެއިންޓެއިންކޮށް ޕްރޮމޯޓް ކުރަން. މިއާއެކު ދެވަނައަށް ބަލާނީ މެދު ފަންތީގެ ޓޫރިޒަމަށް. ގެސްޓްހައުސްތަކާއި ލިވަ ބޯޑްސް އަދި ސްކޫބާ ޑައިވިން އިންޑަސްޓްރީ ކުރިއަރުވަން. ތިންވަނަ ބައިގެ ދަށުން ބަލާނީ ކުދިކުދި މާކެޓް ސެގްމަންޓް ތަކަށް ޕްރޮމޯޓް ކުރުމާއި ބަޖެޓް ޓްރެވަލާސް އަށް ޕްރޮމޯޓް ކުރުން،" އަފްރާ ވިދާޅުވި އެވެ.

މާކެޓިން މިވަނީ ތިން ބަޔަކަށް ބަހާލާފައި. އެންމެ ޕްރައިމަތީ ސްޓްރެޓަޖީގެ ގޮތުގައި ބަލާނީ ރާއްޖެއަކީ މަތީ ފަންތީގެ ޕްރީމިއަމް މަންޒިލެއްގެ ގޮތުގައި އެ ޕްރޮމޯޓް ކުރަން. މިއާއެކު ދެވަނަ އަށް ބަލާނީ މެދު ފަންތީގެ ޓޫރިޒަމަށް. ގެސްޓްހައުސްތަކާއި ލިވަ ބޯޑްސް އަދި ސްކޫބާ ޑައިވިން އިންޑަސްޓްރީ ކުރިއަރުވަން.
ޑެޕިއުޓީ ޗީފް މާކެޓިން އޮފިސަރު | ފާތުމަތު އަފްރާ

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ މިހާތަނަށް އިޝްތިހާރު ކުރަމުން ގެންދިޔައީ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަށް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުތެރޭގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓަށް އައިސްފައިވާ ބަދަލަށް ބަލައި ގެސްޓްހައުސްތަކާއި ސަފާރީ ސެގްމަންޓަށް ވެސް ހާއްސަ އިސް ކަމެއް ދޭނެ އެވެ.

"މި އަހަރުގެ އަޅުގަނޑުމެން ޕްރޮމޯޓް ކުރާއިރު ހަމައެކަނި ރިސޯޓްގެ އިތުރުން ގެސްޓްހައުސް ސެގްމަންޓާއި ލިވަ ބޯޑް [ސަފާރީ އުޅަނދު] ހުރިކަމާއި މިއާގުޅޭ އެކްސްޕީރިއަންސް އަށް ބަލައިލާނެ،" އަފްރާހު ވިދާޅުވި އެވެ.

22 މާކެޓެއްގައި އިޝްތިހާރު ކުރާނެ

އާ މާކެޓިން ޕްލޭނާބެހޭ ގޮތުން އަފްރާ ވިދާޅުވީ ރާއްޖެ މުޅި ދުނިޔެއަށް ޓާގެޓްކޮށްގެން މާކެޓް ކުރާއިރު 22 މަންޒިލެއްގައި އިޝްތިހާރު ކުރާނެ ކަމަށެވެ.

"މި 22 މާކެޓުގެ މެއިން ޓާގެޓަކީ ބިޒްނަސް ކޮންޒިއުމާސް އަށާއި ރާއްޖެ އަށް އަންނަ ވަކިވަކި ޓޫރިސްޓުންނަށް ޓާގެޓު ކުރުން. ޕްލޭންގެ ބޮޑު ބައި ޓޫރިޒަމް ފެއާސްގައި ބައިވެރިވުން. އެގޮތުން 19 ގައުމެއްގައި ބައިވެރިވާނެ. މި ފެއާތައް ކަނޑައެޅީ ވެސް އިންޑަސްޓްރީގެ ބޭފުޅުންނާއެކު މަޝްވަރާ ކޮށްގެން،" އަފްރާ ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ރާއްޖޭގެ މާކެޓިން ބަޖެޓު ވަނީ ތިން ގުނަ ބޮޑުކޮށްފަ އެވެ. އެގޮތުން މިހާރުގެ ބަޖެޓަކީ 10 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 158 މިލިއަން ރުފިޔާ) އެވެ.