މިފްކޯ އާއި ބީއެޗްއެމް ޓްރޭޑާސްގެ ފޭރުނު ފައިސާތައް މިހާތަނަށް ހޯދިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
މާފަންނުގައި ހުންނަ މިފްކޯގެ ހެޑް އޮފީހުން ދެ މިލިއަން ރުފިޔާ ހިފައިގެން ދަތުރުކުރި ވޭން ބޭރު މަގުން ދުއްވާފައި ދަނިކޮށް އޭގެ ބިއްލޫރިގަނޑު ތަޅާލައި ދެ މިލިއަން ރުފިޔާ ފޭރިގަނެފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. ފައިސާ ފޭރުނު މީހުން ތިބީ މޫނު ނިވާކޮށްގެން ތިބި ބަޔަކެވެ.
ބީއެޗްއެމް އިން ފޭރިގެންފައި ވަނީ 2.3 މިލިއަން ރުފިޔާ އެވެ. އެފައިސާ ފޭރިގެންފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ބީއެޗްއެމްއިން ސްޓޭޓް ބޭންކް (އެސްބީއައި) އަށް ޖަމާކުރަން ދިޔަ ވަގުތު އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޮގަނައިސް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އެދެމައްސަލައިގެ ފައިސާ މިހާތަނަށް ފެނިފައިނުވާ ކަމަށެވެ.
"އަދި މިހާތަނަށް އެދެމައްސަލައިގެ ފައިސާއާ ހަމައަށް ދެވިފައިނުވޭ، މައްސަލަތައް ދަނީ އަދިވެސް ތަހުގީގް ކުރަމުން،" ޝިފާއު ވިދާޅުވި އެވެ.
ޝިފާއު ވިދާޅުވީ، ބީއެޗްއެމް ފޭރުމުގެ މައްސަލާގައި ޖުމްލަ ހަމީހަކު މިހާތަނަށް ހައްރަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފައިސާ ފޭރުމުގައި އަމަލީ ގޮތުން ބައިވެރިވި 18 އަހަރުން ދަށުގެ ކުއްޖަކާއި 21 އަހަރުގެ މީހަކާއި އަދި މައްސަލައިގެ ހެކި ނައްތާލަން މަސައްކަތް ކުރި 18 އަހަރުން ދަށުގެ ދެ ކުޑަކުދިންގެ އިތުރުން ފޭރުނު ފައިސާ ފޮރޮރުވުމުގައި އިސް ދައުރެއް އަދާކުރި 23 އަހަރުގެ ދެމީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ފައިސާ ފޭރުމުގެ އަމަލުގައި ބައިވެރިވި ދެމީހަކު ސައިކަލެއްގައި ފޭރުނު ފައިސާ ދަބަސް ހިފައިގެން ސުކޫޕް ގޯޅިގަނޑުގައި ހުންނަ ގެއަކަށް ގޮސްފައިވާކަން ތަހުގީގަށް އިނގޭ، އެގެއަކީ އެމައްސަލާގައި ތުހުމަތު ކުރެވޭ ފަރާތަކާއި އާއިލީ ގުޅުން އޮންނަ ގެއެއް، އިތުރު ދަބަހަކަށް ފައިސާ ދަބަސް ލުމަށްފަހު ފައިސާ ދަބަސް ހިފައިގެން ޓެކްސީއެއްގައި ހުޅުމާލެ ގޮސްފައިވޭ،" ޝިފާއު ވިދާޅުވި އެވެ.
ފައިސާ ދަބަސް ހުޅުމާލެ އަށް ގެންގޮސްފައިވަނީ ފޭރުމުގައި އެންމެ އިސް ދައުރެެއް އަދާ ކުރި 23 އަހަރުގެ ދެމީހުން ކަމަށްވެސް ޝިފާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމައްސަލާގައި ތުހުމަތުވާ އިތުރު ދެމީހަކު ހޯދަމުންދާ ކަމަށެވެ. އަދި ހެކި ފޮރުވުން މަސައްކަތް ކުރި ކުޑަ ދެކުދިން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އިތުރު ދެމީހަކުވެސް ދޫކޮށްލާފައިވާ ކަމަށާއި އެމައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ޝިފާއު ވިދާޅުވި އެވެ.
ޝިފާއު ވިދާޅުވީ، މިފްކޯ ފައިސާ ފޭރުނު މައްސަލާގައި 23 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއް ހައްޔަރު ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން 23 އަހަރުގެ މީހާ ކޯޓުން ދޫކޮށްލާފައިވާތީ އެއަމުރު އިސްތިއުނާފް ކުރެވިފައިވާ ކަމަށެވެ. އަދި އެމައްސަލާގައި އިތުރު ދެމީހަކު ހޯދަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ޖުލައި މަހުގެ 31 ވަނަ ދުވަހު މަސް އެކްސްޕޯޓު ކުރަމުން އަންނަ އެންސިސްގެ ދެ މިލިއަން ރުފިޔާ ފޭރުނު މައްސަލާގެ މައުލޫމާތުވެސް ފުލުހުން ވަނީ ހިއްސާކޮށްފަ އެވެ.
ޝިފާއު ބުނީ، އެމައްސަލާގައި ޖުމްލަ ފަސް މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށެވެ. އެގޮތުން ހައްޔަރު ކުރީ 19 އަހަރާއި 23 އަހަރުގެ ހަތަރު ފިރިހެނުންނާއި 26 އަހަރުގެ އަންހެނެެކެވެ. އޭގެ ތެރެއިން ތިން މީހުން ދޫކޮށްލާފައިވާ ކަމަށެވެ.
މައްސަލަ ތުހުމަތުގައި ހައްޔަރު ކުރި އެކަކުގެ ގެ ބަލާ ފާސްކޮށް މައްސަލައާ ގުޅުން ހުރި ހަތް ލައްކަ ރުފިޔާ ހޯދިފައިވާ ކަމަށެވެ. އިތުރު ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.