ޓޫރިޒަމް

ރާއްޖޭގެ ޓޫރިޒަމްގެ އޮންލައިން ކެމްޕޭނެއް މުޅި ދުނިޔޭގައި ފަށަނީ

މުޅި ދުނިޔޭގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ބޮޑު އޮންލައިން ކެމްޕޭނެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.

އެމްއެމްޕީއާރްސީގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މިއީ އޮންލައިންކޮށް ރާއްޖެ އިޝްތިހާރު ކުރަން ކުރިއަށް ގެންދާ ޑިޖިޓަލް ކެމްޕޭނެއް ކަމަށާ، މި ކެމްޕޭން ފެށުމުގެ ގޮތުން، އެކަން ކޮށްދޭން ބޭނުންވާ ފަރާތްތައް ހޯދަން އަންނަ މަހުގެ ތެރޭގައި ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

"ފުދޭވަރެއްގެ ބޮޑު އަދި ވަރަށް ރަނގަޅު ކަމެއް ކުރަން މި އުޅެނީ. ބޮޑު ހޭދައެއް ވެސް ކުރަން ޖެހޭ ކަމެއް މިއީ. މި ތަނުގައި [އެމްއެމްޕީއާރްސީ] ގައި ފައިސާ ހޭދަކުރަންޖެހޭ ގޮތްތަކެއް ހުރޭ. އެގޮތަށް އަޅުގަނޑުމެން ކުރިއަށް ދާނީ. ބައެއް ފަރާތްތަކުން އާދޭ މިވެނި ކެމްޕޭނެއް އެބަ އޮތޭ ބުނަމުން... އެކަމަކު ކޮންމެ ކޮންމެ ކަމެއް ކުރެވޭކަށެއް ނޯވެ،" ތޮއްޔިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އިޝްތިހާރު ކުރަން އޮންލައިން ކެމްޕޭނެއް ފަށަން ނިންމީ އޮންލައިންކޮށް ބުކިންތައް އައުން ގިނަވުމާއި ސޯޝަލް މީޑިއާ ބޭނުންކުރާ އާބާދީ އާއި ޓްރެންޑަށް ވެސް ބަލައިގެން ކަމަށެވެ.

"މިދިޔަ އަހަރު ވެސް ގިނަ ބުކިންތައް މި އައީ އޮންލައިންކޮށް، ބޮޑު އެކްސްޕޯޝާއެއް ލިބޭ ސޯޝަލް މީޑިއާ އިން. ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މި ހުންނަނީ އެކި ޕްލެޓްފޯމް. މިސާލަކަށް ޗައިނާގައި ފޭސްބުކް އެހާ ބޭނުމެއް ނުކުރޭ. ވީބޯ މި ބޭނުން ކުރަނީ. އެހެންވެ، އަޅުގަނޑުމެން ބޭނުން ވަނީ މިކަން އެނގޭ މީހުން ލައްވައި، އެ މީހުން [ޓޫރިސްޓުންނާ] ހަމަ އަށް ރީޗް ވާން. އެ ފަދަ މީހުން ހޯދައިގެން އެ މީހުން މެދުވެރިކޮށް ބޭނުމަކީ މާކެޓިން ފުޅާ ކުރުން،" ތޮއްޔިބު ވިދާޅުވި އެވެ.

މިދިޔަ އަހަރު ވެސް ގިނަ ބުކިންތައް މި އައީ އޮންލައިންކޮށް، ބޮޑު، އެކްސްޕޯޝާ ލިބޭ ސޯޝަލް މީޑިއާ އިން. ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މި ހުންނަނީ އެކި ޕްލެޓްފޯމް. އެހެންވެ، އަޅުގަނޑުމެން ބޭނުން ވަނީ މިކަން އެނގޭ މީހުން ލައްވައި، އެ މީހުން [ޓޫރިސްޓުންނާ] ހަމަ އަށް ރީޗް ވާން
ތޮއްޔިބު މުހައްމަދު | އެމްއެމްޕީއާރުސީގެ އެމްޑީ

އޭނާ ވިދާޅުވީ މި ކެމްޕޭންގެ ތެރެއިން ރާއްޖޭން ޓޫރިޒަމް އިޝްތިހާރަށް ކުރާ ހޭދަ އިން ލިބޭނެ ފައިދާ ދެނެގަންނާނެ ގޮތެއް ބަލާނެ ކަމަށެވެ. ކުރިން މީރާ އާއި އިމިގްރޭޝަން އިން ވެސް ތަފާތު ހިސާބުތައް އެ ކުންފުންޏަށް ނުލިބުނު ނަމަވެސް މިހާރު އެ ހިސާބުތައް ލިބެން ފެށުމަކީ ޓޫރިޒަމް ކެމްޕޭންއަށް ލިބުނު ފަސޭހައެއް ކަމަށެވެ.

"ރާއްޖެ އިން މިސާލަކަށް މާކެޓިން އަށް ހޭދަކުރީ 100 ޑޮލަރު. މިހާރު މި 100 ޑޮލަރުން ލިބެނީ ކޮން ފައިދާއެއްކަން ބުނެދޭނެ ގޮތެއް މިހާރަކު ހަގީގަތުގައި ނެތް. ނަމަވެސް އެކަމަށް ތައްޔާރު ވަން އެބަ. މި ޑިޖިޓަލް އޮންލައިން ކެމްޕޭންގައި އެކަން ދެނެގަނެވޭނެ ގޮތެއް ހޯދާނަން. ބޭނުމަކީ އެ ކުރެވޭ ހޭދަ އެ ކުރެވޭ މާކެޓް ކުރުމުން މިތަނަށް ލިބެނީ ކޮން ފައިދާއެއް ތޯ،" ތޮއްޔިބު ވިދާޅުވި އެވެ.