ހަބަރު

މެދުކެނޑުމެއް ނެތި ވާރޭވެހި، އުކުޅަހުގައި ފެން ބޮޑުވެއްޖެ

Apr 20, 2019

މެދުކެނޑުމެއް ނެތި އއ. އުކުޅަހަށް މިއަދު ވާރޭވެހުމުގެ ސަބަބުން އެ ރަށުގެ ބޮޑު ބައެއްގައި ފެން ބޮޑުވެއްޖެ އެވެ.

ފެން ބޮޑުވެ ގޭގެއަށް ވެސް ފެން ވަދެފައިވާއިރު ފުލުހުން މިހާރު ގެންދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕަންޕް ޖަހައިގެން ފެން ހިންދަމުންދާއިރު ގޭގެ ދޮރުމަތީ ވެލި ބަސްތާތައް ވެސް ވަނީ ޖަހާފަ އެވެ.

އޭގެއިތުރުން ފެން ބޮޑުވެފައިވާ ސަރަހައްދުން ފެން ހިންދުމަށް ކޯރެއް ކެނޑުމުގެ މަސައްކަތް ވެސް ފުލުހުންނާއި ކައުންސިލުން ގުޅިގެން ދަނީ ކުރަމުންނެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ ބައެއް މަގުތަކުގައި ވެސް ވަނީ ފެން ބޮޑުވެފަ އެވެ. އެމްއެންޑީއެފްއިން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ވިއްސާރާގައި މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ މިއަދު ހެނދުނު އެރި ނަގޫ ރޯޅިއެއްގައި ލ. ފޮނަދޫއަށެވެ. އެ ރަށުގެ 12 ގެއަކަށް ގެއްލުންވެފައިވާއިރު ހަ ގެއަކުން މީހުން ބަދަލު ކުރަން ޖެހުނެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖެއަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.