އެމްއެންޑީއެފް

ލަންކާގައި ދިން ހަމަލާތަކާއެކު ރާއްޖޭގެ ސަލާމަތީކަންކަން ވަރުގަދަކޮށްފި

އަވައްޓެރި ސްރީލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތަކާއެކު ރާއްޖޭގެ ސަލާމާތީ ކަންކަން ވަރުގަދަކޮށް ފިޔަވަޅުތައް އަޅާފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ފުލުހުންނާއި ސިފައިން ގުޅިގެން ބަންޑާރަ ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް، ޝަމާލް ވިދާޅުވީ، ލަންކާއަށް މިއަދު ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު ރާއްޖޭގެ ސަލާމަތީ ކަންކަން ހަރުދަނާކޮށް ވަރުގަދަ ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެއީ އެފަދަ އެއްވެސް ކަހަލަ ހަމަލައެއް ރާއްޖެ އަމާޒުވެދާނެތީ ނޫން ކަމަށެވެ. އެހެން ނަމަވެސް އެއީ އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ހުއްޓުވުމުގެ ގޮތުން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ފުލުސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވީ ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސެކިއުރެޓީ ވެސް ކުރިއަށްވުރެ ވަރުގަދަ ކޮށްފައިވާނެ ކަމަށާއި ފުލުހުންނާއި ސިފައިން ގުޅިގެން ކަނޑުމަތީގައި ވެސް ސެކިއުރެޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ޝަމާލް ވިދާޅުވީ، ސިފައިން މިއަދު ކަސްޓަމާއި އިމިގްރޭޝަނާއި ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކާއި ބައްދަލުކޮށްފައި ކަމަށާއި އެފަރާތްތަކުން ރާއްޖެ އަންނަށް ފަތުރުވެރިންގެ ފަރާތުން ޝައްކު ކުރެވޭފަދަ އަމަލްތަކެއް ފެންނަ ކަމަށްވާނަމަ ސިފައިން ނުވަތަ ފުލުހުންގެ ސަމާލުކަމަށް ގެންދާނެ އޮނިގަނޑެއް ވެސަް އެކުލާވާލައިފައިވާ ކަމަށެވެ.

އަދި ވިދާޅުވީ، ރާއްޖޭގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭތޯ ބެލުމުގައި ސިފައިންގެ އިންޓެލިޖެންސް މިހާރުވެސް މަސައްކަތް ކުރައްވަމުންދާ ކަމަށާއި މީގެ ކުރިންވެސް ސިފައިންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ވެލާނާ އެއާޕޯޓުގައި ދޭން އުޅުނު ޓެރަރިޒަމްގެ ހަމަލާތަކެއް ހުއްޓުވާފައިވާ ކަމަށެވެ.